ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ރައީސް ސޯލިހު

ކުޅިވަރުތަކުގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ޤާއިމުކުރާނަން: ރައީސް

  • ބޮޑީބިލްޑިންގް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެ ފަރާތްތަކުން ޝުކުރު އަދާކުރެއްވި
  • ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް ވިދާޅުވި

ކ. މާލެ | 11 ޑިސެންބަރ 2019 | ބުދަ 19:58 | 3,038

ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން - ރައީސް އޮފީސް

އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލައި ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކޮށްފައިވާ އެ އެސޯސިއޭޝަނުގެ އެތުލީޓުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ، އެސޯސިއޭޝަންގެ އެތުލީޓުން ފާއިތުވި އަހަރުގެ ތެރޭގައި ހޯދާފައިވާ ރަން ވަނަތަކާއި ތަފާތު ކާމިޔާބީތައް ފާހަގަކުރައްވާ، އެތުލީޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލައްވާ، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރައްވަން، ކަމާއިބެހޭ ވުޒާރާއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑީ ބިލްޑީންގް އެތްލީޓުން ރައީސާއި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އިސް ބޭފުޅުންވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ސަރުކާރުން ގެންގުޅުންވާފައިވާ ހަމަހަމަ އުޞޫލުތަކަށް މަރުޙަބާ ވިދާޅުވެ، އަދި ވަކީން ޚާއްޞަކޮށް ބޮޑީބިލްޑިންގގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ބޮޑީބިލްޑިންގް ކުޅިވަރު ކުރިއެރުވުމަށް މާލީ ގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެތުލީޓުންގެ ތަމްރީނުތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އެބޭފުޅުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އެސޯސިއޭޝަންގެ އިސްބޭފުޅުން ވަނީ، މި ކުޅިވަރު އިތުރަށް ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ތައްޔާރީތައް ކުރިއަށްދާގޮތުގެ މަޢުލޫމާތުވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އެ ޖަމްޢިއްޔާގެ ފަރާތުންވަނީ މި ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާ "ޑަބްލިޔު.ބީ.ޕީ.އެފް. ޑިސްޓިންގުއިޝްޑް ސަރވިސް އެވޯޑް" އެމަނިކުފާނާއި ޙަވާލުކުރައްވާފައެވެ. މިއީ، މި އެވޯޑު އޭޝިއާގެ ޤައުމެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.