ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 13:15
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޕީޕަލް މެގަޒިން
މަޖިލިސް
ހުސް ކުއްލި މައްސަލަ!
 
2019 ވަނަ އަހަރުގެ 2 ވަނަ ދައުރުގައި 2 ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވޭ
 
2019 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބޭއްވި ޚާއްސަ ޖަލްސާގައި 1 ކުއްލި މައްސަލަ ހުށަހަޅުއްވާފައިވޭ
 
2019 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި 2 ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވޭ

2019 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި އެންމެ ގިނަ ކުއްލި މައްސަލަ ހުށަހަޅުއްވާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރުގައި އެންމެ ގިނައިން ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަރަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވެވަޑައިގެންފިއެވެ.

2019 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި މަޖިލީހުގެ މެންބަރުންވަނީ ޖުމްލަ 6 ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މެންބަރުން ކުއްލި މައްސަލަ ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ލިބިދޭ އިޚުތިޔާރެއްގެ ދަށުންނެވެ.

މެންބަރު ޖާބިރު ވަނީ މިދައުރުގައި 2 ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެއީ 18 ނޮވެމްބަރު 2019 ވަނަ ދުވަހު ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯވި ހުވަދު އަތޮޅުގެ ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުނު ޙާދިސާއާއި ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައަކާއި ރައީސް ޔާމީނުގެ ސަރުކާރުގައި ފާސްކުރި "ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ޤާނޫނު" އުވާލުމަށް ހުށަހެޅި ކުއްލި މައްސަލައެކެވެ.

2019 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި ހުށަހެޅުނު އިތުރު ކުއްލި މައްސަލަތައް:

  • ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓާއި ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލަ
  • ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމްޑީއެން) އަށް ނިސްބަތްވާ ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަ
  • ހެންވޭރު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަޠީފް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކިގޮތްގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއެޅުމަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަ
  • ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމް ހަނގުރާމަވެރި ޖަމާއަތުގެ މީހުން ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އެރުމާއި 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލަ އާއި ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލަ

2019 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާގައިވެސް ކުއްލި މައްސަލައެއް މެންބަރު ޖާބިރު ހުށަހަޅުއްވާފައިވެއެވެ. މެންބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

2019 ވަނަ އަހަރުގެ ދެވަނަ ދައުރުގައި މެންބަރުން ޖުމްލަ 10 ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. މެންބަރު ޖާބިރު ވަނީ އެ ދައުރުގައިވެސް 2 ކުއްލި މައްސަލަ ހުށަހަޅުއްވާފައެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ޙާލަތު ގޯސްވެ، ޢާންމުންގެ ގިނަ ބަޔަކަށް ގެއްލުންވެ، އަދި ބައެއް ޙާދިސާތަކުގައި ފުރާނަ ގެއްލިފައިވާތީ އެ ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތައް އެޅުމަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލައަކާއި، ބޯކޮށް ވާރޭވެހި ރާއްޖޭގެ ރަށްތަކަށް ބޮޑެތި ގެއްލުން ލިބިުމާއި ގުޅިގެން ގެއްލުންވީ ފަރާތްތަކާއި ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ހޯދައި އެކަންކަން ހައްލު ކޮށްދިނުމަށް ދައުލަތަށް ބާރުއެޅުމުގެ ގޮތުން ހުށަހެޅުއްވި ކުއްލި މައްސަލައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރުގައްޔާއި އަދި ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ހުށަހެޅުއްވި 5 ކުއްލި މައްސަލައާއެކު މެންބަރު ޖާބިރު ވެވަޑައިގަންނަވަނީ އެންމެ ގިނައިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް