ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 08:32
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން
ރާއްޖެއެމްވީ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު
މައުލޫމާތު ފޯރުކޮށްދިނުމުގައި އިހުމާލުވާ ފަރާތްތައް މަޖިލީހަށް އަންގައި ފިޔަވަޅު އަޅާނަން: އިންފޮރމޭޝަން ކޮމިޝަނަރ
 
އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަންޖެހޭ 1200 މުއައްސަސާ އޮވޭ
 
މިހާރުވެސް އެފަދަ ފަރާތެއްގެ މައުލޫމާތު މަޖިލީހަށް ހުށައަޅައި ކޮމިޓީއަކުން އެ މައްސަލަ ބަލަމުންދޭ
 
މާއްދާ 29 އަށް ހޭލުންތެރި ކުރުވުމުގެ ކެމްޕެއިންއެއް ފަށަން ޖެހުނީ މި ޙައްޤާއިމެދު އިހުމާލުވެފައިވާތީ

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ޙުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ، "މިވެސް ޙައްޤެއް" ނަމުގައި ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއަށް ހޭލުންތެރި ކުރުވުމުގެ ކެމްޕެއިންއެއް ފަށަން ޖެހުނީވެސް މި ޙައްޤާއިމެދު ފާއިތުވި ދުވަސްތަކުގައި އިހުމާލުވެފައިވާތީ ކަމަށާއި، އެފަދައިން އިހުމާލުވާ ފަރާތްތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

އެގޮތުން މިހާރުވެސް އެފަދަ ފަރާތެއްގެ މައުލޫމާތު މަޖިލީހަށް ހުށައަޅައި، މަޖިލީހުގެ ކޮމިޓީއަކުން އެ މައްސަލަ ބަލަމުންދާކަމަށް ފިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މިގޮތަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަންކަން ރައްޔިތުންނަށް ބުނެދޭނަން، އެއީ ރައްޔިތުން މީގެއަށް އަހުލުވެރި ކުރުމަށް ކުރެވޭނެ ކަމެއް، އަދި އިހުމާލުވާ ފަރާތްތައް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނަން، މިހާރުވެސް އަޅުގަނޑުމެން އޮންނާނެ ކުންފުންޏެއްގެ ވާހަކަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ، ކޮމިޓީއަކުން އެ މައްސަލަ ބަލަމުންއެބަދޭ، އަދި އަޅުގަނޑުމެން އެ ކުންފުނި ޕަބްލިކް ހިއަރިންގއަށްވެސް ވަރަށް އަވަހަށް ގެންނާނަނަށް، އެހެންވީމާ ރައްޔިތުންގެ މި ޙައްޤު ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ނުކުރާނެ އެއް ކަމެއްވެސް ނޯންނާނެ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ

ފިޔާޒު އިތުރަށް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރިޕޯރޓް ހުށައަޅާފައި ހުރި އޮފީސްތަކަކީ ކޮބައިކަން ވަރަށް އަވަހަށް ޢާންމު ކުރާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، މި ޤާނޫނު ވުޖޫދު ވުމުގެ ކުރިން ޤަވާއިދެއްގެ ސިފައިގައިވެސް ހިންގަމުން ދިޔަ ކަމަށާއި، ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް އަދިވެސް މި ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް ފަހުމު ނުވާ ކަމަށެވެ. އެގޮތުން ފާއިތުވި 5 އަހަރުގައި މި ޤާނޫނުގެ މަޢުލޫމާތު 6000 މީހުންނަށް ދެވިފައިވާއިރު، މި ޤާނޫނުން ލިބިދޭ ޙައްޤުތައް ފަހުމުނުވާ ބައެއް ފަރާތްތައް އަދިވެސް އެބަ ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންފޮމޭޝަން އޮފިސަރުން ޢައްޔަނު ކުރަންޖެހޭ 1200 މުއައްސަސާ އޮންނައިރު، އަދިވެސް އޭގެ ތެރެއިން ބައެއް މުއައްސަސާތަކަށް އޮފިސަރުން ޢައްޔަނު ނުކުރެވި އޮތުމަކީވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން ސިވިލް ސަރވިސްއަށް ބަލާއިރުވެސް އިންފޮމޭޝަން އޮފިސަރުން ޢައްޔަނު ކުރަންޖެހޭ 750 މުއައްސަސާ އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (1/2014) ގެ ދަށުން 13 ޖުލައި 2014 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް އުފެއްދިތާ 5 އަހަރުވެފައިވާއިރު، އަދިވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ޠަލާލް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ޤާނޫނުން ކަށަވަރުކޮށްދީފައިވަނީ ހަމައެކަނި ނޫސްވެރިންނަށް އެކަނި ނޫން ކަމަށާއި، ދައުލަތުގެ މަޢުލޫމާތަކީ އޭގެ ޒާތުގައި ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތެއް ނޫން ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އެފަދަ ޘަޤާފަތެއް ޤާއިމުވެފައިވާތީ ކަމަށެވެ.

އެގޮތުން ޤާނޫނަށް 5 އަހަރުވެގެންދާއިރުވެސް އަދިވެސް އެ ވިސްނުން ބަދަލު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

" ޤާނޫނު އެބައޮތް، ޤާނޫނުގައި ހުރި ކަންތައްތަކުގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް އެ ޤާނޫނީ ބާރުވެރިކަން އެބަ ލިބިދޭ، އެހެން ނަމަވެސް ކުރިން މި ދަންނަވާލީ ސަޤާފަތް، އެ މައުލޫމާތަކީ ދައުލަތުގެ މައުލޫމާތަކީ ވަރަށް ޙައްސާސް އެއްޗެކޭ ސިއްރުކޮށްފައި އޮންނަންޖެހޭ އެއްޗެކޭ ނުވަތަ ރައްޔިތުން ހޯދަން އުޅެން ނުޖެހޭފަދަ އަބުއި އެއްޗެއްގެ ގޮތުގައި ވިސްނިފައި އޮތް ވިސްނުމުގެ ސަބަބުން ހަޤީޤަތުގައި މި ތަސައްވުރެއް މި އޮންނަނީ، މައުލޫމާތު ހޯދައި ލިބިގަތުމަކީ ހަމައެކަނި ނޫސްވެރިން ކުރާ ކަމެކޭ"
ޓްރާންސްޕޭރެންސީ މޯލްޑިވްސް ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު ތޮލާލް

ޠަލާލް އިތުރަށް ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ މިންގަނޑަށް ފެތޭގޮތަށް "ޕްރޯއެކްޓިވް ޑިސްކްލޯޝަރ" (ކުރީބައިގައި މައުލޫމާތު ހާމަކުރުން) އެއްވެސް މުއައްސަސާއަކުން ކޮށްފައިނުވާކަމަށް 2017 ވަނަ އަހަރު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި ދިރާސާއަކުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި "މިވެސް ހައްޤެއް" ނަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހިންގާ ކެމްޕެއިން ނުހަނު ބޭނުންތެރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ލިބިގަތުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، މި ދާއިރާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓާއި ދައުލަތުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގައިވެސް މި ދާއިރާއަށް އޮތް އުއްމީދު ބޮޑުކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް