އާދީއްތަ 19 ޖެނުއަރީ 2020
1 ހުވަން
1441 ޖުމާދަލްއޫލާ 24
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32
ރާއްޖެ - މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ

މަސްވެރިން ބާނާ މަހުގެ މަންފާ އަދިވެސް އެންމެ އެދެވޭ ގޮތެއްގައި ނުލިބޭ: މިނިސްޓަރ ޒަހާ

  • ހަމަ އަގު ނުލިބޭ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
  • މަސް ގަނޑުކޮށްގެން ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވި
  • ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކުރާ މަސްވެރިކަމަކީވެސް ރާއްޖެއަށް އޮތް ގޮންޖެހުމެއް

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 11 ޑިސެންބަރު 2019 | ބުދަ 00:48 1,875

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަޙީދު - ފިޝަރީސް މިނިސްޓްރީ

ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ މަންފާ އަދިވެސް އެންމެ އެދެވޭ ގޮތެއްގައި ނުލިބޭ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

39 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެގޮތުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި މަސްވެރިން ބާނާ މަސް ގަނޑުކޮށްގެން ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ ހައްލެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބާނާ މަހުން ދިވެހިރާއްޖެއަށް ލިބެންވީ މަންފާ އެންމެ އެދެވޭ ގޮތެއްގައި ދިވެހިންނަށް އަދިވެސް ލިބެމުންނުދާކަން މިއީ މި ސިނާއަތުގައި މިއަދު އޮތް ބޮޑު ގޮންޖެހުމެއް، ރާއްޖޭގައި ބާނާ މަސް ގަނޑުކޮށްގެން ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް އެންމެ އެކަށޭނަ އަދި ފައިދާހުރި ގޮތެއް ނޫން، އެހެންކަމުން ދިވެހިރާއްޖެއިން ބާނާ ހުރިހާ މަހެއް ދިވެހިރާއްޖޭގައި ޕްރޮސަސްކޮށް، އަގު އެއްކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް

~ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަޙީދު

މިނސްޓަރ ވިދާޅުވީ، މަހަށް ހަމަ އަގު ހޯދައިދެއްވުމަށް ސަރުކާރުގެ ވިސްނުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން މަސް ގަންނަ ކުންފުނިތަކުގެ އަދަދު އިތުރުކުރުމާއި، ރަށު ފެންވަރުގައި މަސް ޕްރޮސެސް ކުރެވޭ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކުރާ މަސްވެރިކަމަކީވެސް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ޤައުމަކަށް އޮތް ގޮންޖެހުމެއް ކަމަށާއި، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް ރާއްޖޭގެ ކޯސްޓްގާރޑާއި ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް