ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 23:26
އެންވަޔަރަމެންޓް މިނިސްޓަރ
އެންވަޔަރަމެންޓް މިނިސްޓަރ
އެންވަރަންމަންޓް މިނިސްޓްރީ
ކޮޕް 25
އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް 0.5 ބިލިއަން ޑޮލަރު ބޭނުންވާނެ: މިނިސްޓަރ
 
ނަތީޖާއަކީ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް އަސަރުކުރުން ކަމަށް ވިދާޅުވި
 
އަވަސް ފިޔަވަޅު ނާޅައިފިނަމަ 10 އަހަރު ތެރޭގައި ފަރުތައް ނެތިގެން ހިނގައިދާނެ ކަމަށް ވިދާޅުވި

ކުރިއަށް އޮތް ފަސް އަހަރުތެރޭގައި އިޔާދަކުރަނިވި ހަކަތައާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް މަދުވެގެން 0.5 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު، ކޮޕް 25ގައި ތަގުރީރު ކުރައްވަމުން ރާއްޖޭގެ ތިވެމާށީގެ ނާޒުކުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ހަދާފައިވާ އެކި ސައިންޓިފިކް ދިރާސާތަކުގައި ހުރި އެކި މައުލޫމާތު ސައްޚަ ނަމަ އަދި ދުނިޔޭގެ ބާރުތަކުން އެކަމާއި މެދު އަވަސް ފިޔަވަޅު ނާޅައިފިނަމަ 10 އަހަރު ތެރޭގައި ފަރުތައް ނެތިގެން ހިނގައިދާނެ ކަމަށެވެ. އަދި މީގެ ނަތީޖާއަކަށް ވެގެންދާނީ ރަށްތައް ގިރުމާއި އުދައެރުން ފަދަ ނޭދެވޭ އަސަރުތައް ފަތުރުވެރި ކަމަށާއި މަސްވެރިކަމަށް ކުރާނެ ކަމަށެވެ.

މިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފިޔަވަޅު އަޅަން ވީ ވަގުތަކީ މިއީ ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމެންޓުތައް އިތުރު ނުކުރެވިއްޖެ ނަމަ ތިމާވެއްޓަށް ކުރާ ގެއްލުންތަކުން އަރައެއް ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް، ތިމާވެށި ރައްކާތެރިކުރަން މާލީ ގޮތުން ލިބޭ އެހީތެރިކަން ވަރަށް ކުޑަ ކަމަށް ވިދާޅުވެ މިނިސްޓަރ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ޕެރިސް އެގްރީމެންޓްގެ ހަގީގީ ފައިދާއެއް ވާނީ ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން އިތުރުވެގެން ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު މައްސައަށް ހައްލެއް ގެނައުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ބާރު ގަދަ ގައުމުތަކަށް ގޮވާލައްވާފައެވެ.

އެގޮތުން 2020 ވަނަ އަހަރު ފެށިގެންދާއިރު ދުނިޔެ ހޫނުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ އެކި ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ ފަންޑަށް ދޭން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރުގެ ޓާގެޓަށް އަވަހަށް ވާސިލްވާން ބާކީ އޮތް މިންވަރު ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޖަޒީރާ ގައުމުތަކުން ގިނަ ވަސީލަތްތައް މިކަމުގައި ހޭދަވެގެން ދާއިރު މިނިސްޓަރ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ 20 އިންސައްތަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމާއި ގުޅޭ މަޝްރޫއުތަކަށް ޚާއްސަކޮށްފައިވާ ކަން ފާހަގަކޮށްފައެވެ.

މީގެ ކުރިން މި މަޝްރޫއުތަކުގެ ތިން ބައި ކުޅަ އެއްބަޔަށް ހަރަދުކޮށްފައިވަނީ ލޯނުގެ އެހީގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދެން އޮތް ތިން ބައި ކުޅަ އެއްބައި ހަރަދު ކުރަނީ ލިބޭ ހިލެ އެހީން ކަމަށެވެ. އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓު ކުރުމާއި ސާފު ފެނާއި ރަނގަޅު ނަރުދަމާ ނިޒާމަކާއި ރަށް ގިރުމުން ރައްކާތެރިކުރުމަށް އެންމެ މަދުވެގެން 0.5 ބިލިއަން ޔޫއެސް ޑޮލަރު ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ބޭނުންވާނެ ކަން މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް