ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:19
ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް: މަސްވެރިންގެ ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުން
ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް: މަސްވެރިންގެ ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުން
ޓްވިޓަރ
މަސްވެރިކަން
މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާގައި، ހައްލުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި
 
މަސްވެރިކަމުގެ ސިނާއަތަށް ބިދޭސީން އަތްގަދަކުރުަން ހުއްޓުވަން ޖެހޭ
 
އައިސް ލިބުމާއި މަސް ކިރުވޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭ
 
އަމިއްލަ ކުންފުނިތަކުން ނު އަގުގައި މަސް ގަންނަ މައްސަލަ ހައްލުކޮށް އިތުރު މާރުކޭޓްތައް ހޯދަން ޖެހޭ

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، މަސްވެރިންގެ އެތައް ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އެބަހުއްޓެވެ. އަދި އެކަންކަން ހައްލުކޮށް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުން ޖެހޭކަމަށް މަސްވެރިން ބުނެއެވެ.

ދިވެހިންގެ ލޭނާރަކީ މަސްވެރިކަމޭ ބުނާ ޒަމާން ފާއިތުވެ މަސްވެރިކަމަށް ހިޔަނި އެޅެމުންދާ ވާހަކަ ދައްކާތާ އެތަކެއް ދުވަސްތަކެއް ވެއްޖެއެވެ. ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ހިޔާކަމެއް ނެތި ބަންދެއް ރަސްމީއެއް ނެތި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތަށް ބޮޑޮތި ގޮންޖެހުންތަކެއް ހުރިކަމަށް މަސްވެރިން މިއަދު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބުމެވެ. ނަމަވެސް މިކަމަށް ދާއިމީ ހައްލެއް ގެނެވިފައި ނުވާއިރު މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކަށް ލިބޭ ގެއްލުން ބޮޑުކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. ހަމަ މިއާއެކު މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ ސަރުކާރުގެ ކުންފުނިތަކުން މަސް ގަންނަ އަގުގައި އަމިއްލަ ކުންފުނިތަކުން ވެސް މަސްގަނެ ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ހޯދަން މަސްވެރިން އަންނަނީ އަޑު އުފުލަމުންނެވެ.

"ރާއްޖެ އެމްވީ" އާ ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނީ މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ކިތައްމެ ކުލަ ގަދަކޮށް ފާހަގަކުރި ނަމަވެސް، އެކަމުން މަސްވެރިންނަށް ކުރާ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. އަދި މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ އަގު ހޯދައި ދެވޭނީ ބާނާ އެއްޗަކަށް ހަމަ އަގު ހޯދައި ދީގެން ކަމަށާއި، އެގޮތަށް އެކަން ނުވާނަމަ ބުރަކޮށް ކުރެވޭ މި މަސައްކަތުގެ އެއްވެސް އަގެއް ނެތް ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިކަމުގެ އިންޑަސްޓްރީއަކީ ސަރުކާރަށް ވެސް އަދި އަމިއްލަ ކުންފުނިތަކަށް ވެސް ވަކި މިންގަނޑުތަކެއްގައި ކަނޑައަޅައިގެން ވަކި ގޮތަކަށް ގެންދެވޭނެ އިންޑަސްޓްރީއެއް ނޫން. ވާގޮތަކީ އަހަރެއްގެ 6 މަސް ދުވަހު މަސް ބާނާނެ އަދި އަނެއް 6 މަސް ދުވަހު މަސް ނުބާނާނެ. އެހެންވީމަ ލޭބަރުންގެ މުސާރައާއި ތަނުގެ ކުއްޔާއި އެމީހުންގެ މެއިންޓެއިންސް ހަރަދާއި ކުންފުނީގެ އޯވާ ހެޑާއި މި ހުރިހާ އެއްޗެއް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން ޖެހޭ އެކަންކަމަށް ވެސް ވިސްނަން. ސަރުކާރުން ކުރަންވީ ކަމަކީ އިންޑްސްޓްރީ ތަރައްގީކޮށް މަސްވެރިން ހޭލުންތެރި ކުރުން.
މަސްވެރިއެއް

ބައެއް މަސްވެރިން ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ދަށްވުމާއި ގުޅިގެން އެކަން ވެސް ކުށްވެރިކޮށް އެ ނޫންގޮތެއް ހޯދަންޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން ބޭރުގެ އިތުރު މާކެޓް ހޯދުން މުހިންމު ކަމަށް ވެސް މަސްވެރިން ބުނެއެވެ.

ފަސޭހަ ކަމާއެކު އައިސް ލިބޭނެ ގޮތާއި، މަހަށް ރަނގަޅު އަގު ލިބޭނެ ގޮތާއި މިކަންކަން ރާވާ އޮގަނައިޒް ކުރާނީ ހަމައެކަނި ތައިލެންޑަށް ބަރޯސާވެގެން ނޫން. ދުނިޔޭގެ އެހެން ގައުމުތައް ވެސް އެބަހުރި. ޔޫރަޕުން އަހަރުމެން ގެސްޓުން ގެންނަ ގޮތަށް ތަފާތު ގައުމުތަކަށް އަހަރުމެންގެ މަސް އެކްސްޕޯޓް ކުރަންޖެހޭ. އެހެންވީމަ އެގޮތުން މާކެޓް ހޯދުމާއި މިކަންކަމަކީ ސަރުކާރަށް ކުރެވިދާނެ ކަންކަން.
މަސްވެރިއެއް
އަޅުގަނޑުމެންނަށް ހުންނަ ދަތިކަމަކީ އެއް ފެކްޓްރީ އަނެއް ފެކްޓްރީއާއި ގުޅިގެން އޮންނަ ކޮންޓްރޯލް އަގަށްވުރެ ދަށްކުރަނީ. ސަރުކާރަށް އަޅުގަނޑު ގޮވާލަން އެ ފުރުސަތު ނުދޭން ޕްރައިވެޓް ފެކްޓްރީ ތަކަށް. އަޅުގަނޑުމެން ކާންބޯން މިކުރާ މަސައްކަތާއި އެކަށީގެން ނުވާ އުޖޫރައެއް ނުލިބޭ. ޔާމީން ސަރުކާރުގައި ދޭން ބުނި 10000 ރުފިޔާ ވީތަނެއް އަދިވެސް ނޭނގޭ. ހަމަ އަގު ހިފަހައްޓަން ގާނޫނެއް ހަދަން އެބަޖެހޭ.
މަސްވެރިއެއް

މީގެ އިތުރުން މަސްވެރިންގެ ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިކަމުގެ ސިނާއަތަށް ބިދޭސީން އަތްގަދަ ކުރުމެވެ. މާލޭގެ މަސް މާރުކޭޓާއި އަދި މަސް ދޯނިޔައް ބަނދަރުކޮށްފައި އޮންނަ ސަރަހައްދަށް ބަލާލި ނަމަވެސް ފެނިގެންދަނީ ގިނައިން ބިދޭސީންނެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ގޯސްވަނީ ބިދޭސީން އެކަންޏެއް ވެސް ނޫނެވެ. ދިވެހިންގެ މައްސަލަ އޮތްކަން ވެސް މަސްވެރިން ފާހަގަ ކުރެއެވެ. އަދި މިއާއެކު މި މައްސަލަ ހައްކު ނުކުރެވި ކަމާބެހޭ އިދާރާތައް މިކަމުގައި ފިޔަވަޅު އަޅާތަނެއް ނުފެންނަ ކަމަށް މަސްވެރިން ބުނެއެވެ.

ހަވީރު ވެގެން އަންނަ އިރު މި މީހުން މުގުރާނާއި އެން ވިއްކާތީ މައްސަލައަކަށް ވަނީ. އަހަރުމެންގެ ވަރަށް ބޮޑު މައްސަލައެއް އެއީ. އަހަރުމެން ދިވެހިންނަށް އޮންނަ ފުރުސަތު ބޭރު މީހުންނަށް އޮންނާތީ. މިއީ ވަރަށް އާންމު ކަމެއް. އެއްވެސް ބަޔަކު މިކަމާ އަޅާނުލާ ބަލާ ނުލާ. ދެން މި ދުވަސް ވަރު އައިސް ލިބޭ. އެކަމަކު ރަނގަޅަށް މަސް ބާނަން ފަށައިފިއްޔާ އެއްވެސް ތާކުން އައިސް ނުލިބޭ.
މަސްވެރިއެއް

މަސްވެރިންގެ ބުނާގޮތުން ކަންނެލި ކިލޯއެއް އެންމެ މަދުވެގެން 80 ރުފިޔާއަށް ވިއްކެއް ޖެހޭނެއެވެ. އަދި އާދައިގެ ކަނޑު މަސް ކިލޯއެއް އެންމެ މަދުވެގެން 20 ރުފިޔާއަށް ވިއްކެއް ޖެހޭނެ ކަމަށެވެ. ނަމަވެސް މަހުގެ އަގު ދަށްވެ މަސް ވިއްކަން ޖެހެނީ ނުއަގުގައި ކަމަށާއި، ސަރުކާރުން މިކަމަށް ހައްލު ހޯދައި ދިނުމަށް މަސްވެރިން ވަނީ ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް