ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:17
ފެންގަނޑެއްގައި ޝިކާރައަކަށް ތައްޔާރުވެ އޮތް ކިނބުލެއް
ފެންގަނޑެއްގައި ޝިކާރައަކަށް ތައްޔާރުވެ އޮތް ކިނބުލެއް
ނޭޝަނަލް ޖިއޮގްރަފިކް
މަގޭ ރިޕޯޓް
މަޑުމައިތިރިޔަސް، ކިނބުލުގެ ނުރައްކާތެރިކަމާއި މެދު ޝައްކުނުކުރައްވާ!
 
ކިނބުލަކީ އެއްގަމާއި ފެނުގައިވެސް އުޅުމުގެ ގާބިލިއްޔަތުކަން ހުންނަ ޖަނަވާރެއް

ކޯރުތަކާއި އާރުތަކުގައި، އަދި މަދުން ނަމަވެސް ކަނޑުގައި އުޅޭ ކިނބުލަކީ އޭގެ ޒާތުގައި މަޑުމައިތިރި ޖަނަވާރެކެވެ. ފަހަރުގައި ދުރުން ބަލާ މީހަކަށް އެއީ ދިރޭ އެއްޗެއްކަންވެސް ނޭނގޭހާ މަޑުމައިތިރިކޮށް އެ ސޮރުމެން ތިބެއެވެ. ފެންގަނޑުގައި އޮންނައިރު، އޮޔާދާ ލަކުޑި ގަނޑެކޭ ހިތާ، ކުށްހީވެ ގޯސް ހެދޭ މީހުންވެސް މަދެއް ނުވާނެއެވެ. ކިނބޫ ފެންގަނޑަށް ނޭރޭށޭ ބުނަނީވެސް މިހެން ވެގެންނެވެ.

މި ސޮރުމެން ޝިކާރައަށް ނިކުމެ އުޅެނީވެސް ހަމަ މިހެންނެވެ. ފެންގަނޑުން މަތީގައި ދެ ލޮލާ ނޭފަތުގެ ކޮޅު ފިޔަވާ އިތުރު އެއްޗެއް ފެންނަން ނުހުންނައިރު، އެ ސޮރުމެން ތިބެނީ އެ ސޮރުމެންގެ ވަގުތު އައިސް ޖެހެންދެން މަޑުމަޑުން އިންތިޒާރުގައެވެ. ދަނޑިވަޅުގެ އިންތިޒާރުގައި ކިތަންމެ ގިނަ އިރެއް ވާންދެން ތިބެން ޖެހުނަސް، އެ ސޮރުމެން ތިބެނީ ކެތްތެރިކަމާއިއެކު، ހަމަޖެހިލައިގެންނެވެ. މާ ބޮޑަށް ތެޅި ފޮޅި، ޝިކާރަކުރާ ޖަނަވާރުތަކުގެ ފަހަތުން ދުވެ ހެދުމަކީ، އެ ސޮރުމެންގެ "ސްޓައިލެއް" ނޫނެވެ.

ކިނބުލުގެ ޝިކާރަޔަކަށްވާ ޖަނަވާރުތައް އާންމު ގޮތެއްގައި ފެންއާރު ކައިރިއަށް އައިސް އުޅެނީ ކަރުހިއްކުން ފިލުވާލަންށެވެ. ކިނބޫ ފެންގަނޑެއްކަން އެނގޭ ހާލުވެސް، އެ ފެންގަނޑު ކައިރިއަށް ނުގޮސް ނުވަނީއެވެ.

ކިނބުލުގެ ނުރައްކާތެރިކަން އެނގުނަސް، ނުވަތަ ކިނބުލަށް ކިތަންމެ ނަފްރަތު ކުރިޔަސް، އެ ނޫން ގޮތެއް ހަމަ ނެތީއެވެ. ދާން ހަމަ މަޖުބޫރު ވަނީއެވެ. ނުގޮސް ވާނެ ގޮތެއް ހަމަ ނެތީއެވެ. މިކަން އެ މަޑުމައިތިރި ކިނބުލަށްވެސް އެނގެއެވެ. "އާޓު" ގަނޑު ބޮޑު ނުކޮށް ކަންކަން ކުރާން އެ ސޮރުމެންނަށް މާ ރަނގަޅަށްވެސް، އެނގޭތީއެވެ.

ފެންބޯން އަންނަ ޖަނަވާރުތައް، އައިސް ފެންގަނޑަށް ބޯކޮއްޕާލުމުން އެ ހިސާބުން ކިނބުލުގެ ދަލުގައި ޖެހުނީއެވެ. އެ އަނގަ ހުޅުވާ ލައްޕާލުމަށް ފަހު، ދެން ސަލާމަތްވެގެން ދާން ހަމަ ލާހިކަ ކެރި ކުޅަދާނައެއް ނޫނެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ، އެ ސޮރުމެންގެ ޒަމާން ދިޔައީއެވެ. ދެނެއް ސަލާމަތެއް ނެތެވެ. އެ ހިސާބުން ކިނބުލުގެ ނާސްތާއަށްވެ، އެއެއްޗެއްގެ ދުވަސް ހަމަވީއެވެ.

އަދި ދަންނަވަންތޯއެވެ. ކިނބުލަކީ އެހެން ޖަނަވާރުތަކުގެ ޝިކާރައަކަށްވާ އެއްޗެއް ނޫނެވެ. އެ ހަރު ތޮށިގަނޑާއި، ބާރުގަދަ ނަގުލުގައި ޖެހެން ބޭނުން ނުވަނީއެވެ. އެ ދަތްތަކުގެ ތެރޭގައި ތާށިވާން ބޭނުން ނުވަނީއެވެ. ކިރިޔާވެސް ވިސްނުން ތޫނު ޖަނަވާރެއް، ކިނބޫ ފެންގަނޑަކާއި ކައިރި ނުވަނީވެސް މި ސަބަބާއި ހުރެއެވެ. މަޑުމައިިތިރިޔަސް ނުރައްކާތެރިކަން އިނގޭތީއެވެ. މިއީ ލައްކަ ބައިވަރު ވާހަކައެވެ. އަދި ވިސްނައިފި ބަޔަކަށް އިބުރަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
46%
0%
15%
23%
8%
ކޮމެންޓް