ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:31
މަސްވެރިންތަކެއް މަސް ދޯންޏެއްގައި ހަރަކާތްތެރިވަނީ
މަސްވެރިންތަކެއް މަސް ދޯންޏެއްގައި ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މަސްވެރިކަން
އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު
 
ޤާނޫނުގައި ހުރި ކަންކަން ވީ އެންމެ އަވަހަށް ތަންފީޒުވެ މަސްވެރިންނަށް ހުރި ދަތިތައް ހައްލުވުމަށް މަސްވެރިންނާއި އެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެދޭ
 
މަސްވެރިކަމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު ފާސްކޮށް އެއަށް އަމަލު ކުރަންފަށާފައި

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ މަސްވެރިކަން ޒަމާނާ އެއްގޮތަށް ބައްޓަންކޮށް މަސްވެރިންނަށް ހުރި ގޮންޖެހުންތައް ޤާނޫނަކުން ހައްލުކޮށްދިނުމަށް ފާސްވެގެންދިޔަ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ފެނިގެންދިޔައީ މަސްވެރިކަމާއި ގުޅުންހުރި ފަސް ގަރާރެއް ހުށަހަޅާ އެ ގަރާރުތަކަށް ފުޅާ ދާއިރާއެއްގައި މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީގައި ބަހުސްކުރަމުންދިޔަ ތަނެވެ. އެއާއެކު ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއެވެ.

1987 ވަނަ އަހަރު ފާސްވެ އަމަލުކުރަންފަށާފައިވާ މި ޤާނޫނަށް ފާއިތުވެގެންދިޔަ 30 އަހަރު ތެރޭގައި އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން 30 އަހަރު ފަހުން މަސްވެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅާ އެ ބިލް ދިރާސާކުރުމުގެ މަސައްކަތް އިގްތިޞާދީ ކޮމިޓީން ކުރަމުން ގެންދިޔައިރު އެ ކޮމިޓީން ވަނީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް މަސްވެރިން ހާޒިރުކޮށް، ފަންނީގޮތުން އެކަމުގައި އުޅޭ މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފަ އެވެ. އެކޮމިޓީ ބައްދަލުވުމުގައި މަސްވެރިން ތަކުރާރުކޮށް ފާހަގަކުރި އެއް ކަމަކީ މަސްވެރިންނަށާއި މަސްވެރިކަމަށް މިހާރު ކުރިމަތިވެފައިމިވާ ގޮންޖެހުންތަކަށް ހައްލެއް ނާންނަމަ ޒުވާނުން މަސްވެރިކަމަށް ކުރިޔަށް އޮތްތާންގައި ކުރި މަތިނުލާނެ ކަމެވެ. މަސްވެރިކަން އޮތީ ނުރަނގަޅު ފައްތަރެއްގައި ކަމަށާއި އެކަމަށް ކުރިއަށް އޮތް 5 އަހަރު ނުވަތަ 10 އަހަރު ދުވަސްތެރޭ ހައްލެއް ނައިސްފިނަމަ ޒުވާނުން މަސްވެރިކަމަށް ނިކުތުމަކީ ދުރުކަމެއް ކަމަށް ކޮމިޓީގައި މަސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

މަސްވެރިކަމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު ފާސްކޮށް އެއަށް އަމަލު ކުރަންފަށާފަ އެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު އެ ޤާނޫނުގައި ހުރި ބައެއް ކަންކަމަށް ބަލާލާނަމެވެ.

މަސްވެރިންތަކެއް، މަސްވެރިކަމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދީ އެފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދޭންޖެހުމެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ހަރަކާތްތެރިވުމަށް ބާރުއަޅައި އެކަމަށް މަގުފަހި ކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ރާއްޖޭގެ މަސްދޯނިފަހަރު ދިވެހިރާއްޖެ އިން ބޭރަށްގޮސް ބޭރުގެ ބާޒާރުތަކުގައި މަސްވިއްކުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި ޤާނޫނުގެ މަޤްސަދެކެވެ.

މީގެއިތުރުން މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމަށް މަގުފަހިކޮށްދޭން ޖެހެއެވެ. އަދި ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންވެގެންވަނީ މަސްވެރިންގެ ހައްޤުތައް ރައްކާތެރިކޮށްދީ، އެފަރާތްތަކަށް ހައްޤުވެގެންވާ އިޖުތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭނެ ސްކީމެއް މިނިސްޓްރީގެ މަޝްވަރާގެ މަތިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަންވާނެ އެވެ.

މީގެއިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް ކުރިއަރުވައި، އެ ސިނާޢާތުގެ ތައުލީމާއި ތަމްރީން ޒަމާނާއެއްގޮތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަސްވެރިކަމާގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމުކޮށް ތަރައްޤީކުރަންވާނެ ކަމަށް ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. މިޤާނޫނުގެ ދަށުން މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކެއް އެކުލަވާލާ އެކަށީގެންވާ ގޮތެއްގެމަތިން މުރާޖަޢާކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއެކު އެޕްލޭންތައް ތަންފީޒުކުރާކަން މިނިސްޓްރީން ޔަގީންކުރަންޖެހެއެވެ.

މަސްވެރިންތަކެއް މަސްބާނަނީ

މި ޤާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސާބެހޭ ނިޒާމެއް ސިފައިގެން ކޯސްޓްގާޑާއި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެނޫންވެސް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަންފީޒު ކުރަންޖެހެއެވެ.

މީގެއިތުރުން މި ޤާނޫނުގެ ދަށުން ފުލުހުންގެ ތަންފީޒީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި ވަކި ކަންތައްތަކެއް ކުރުމުގެ ބާރު ލިބިދެއެވެ. އެގޮތުން މަސްވެރިކަމުގެ އުޅަނދުތައް ބަލާ ފާސްކޮށް ގަވައިދުގައި ބަޔާންވެގެންވާ ކަންކަން އެ އުޅަނދުތަކުގައި ފުރިހަމަކޮށްފައިވޭތޯ ބެލުމުގެ ފުރުސަތު މި ޤާނޫނުގެ ދަށުން ތަންފީޒީ އޮފިސަރުންނަށް ލިބިދެ އެވެ. އަދި އެގޮތަށް ބަލާއިރު ޤާނޫނާއި ޚިލާފް އަމަލުކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ތަންފީޒީ އޮފިސަރަށް ގަބޫލުކުރެވޭ ނުވަތަ ބެލެވޭ ތަކެތި ތަހްޤީޤީ ބޭނުމަށް ހިފެހެއްޓުމުގެ ބާރު ތަންފީޒީ އޮފިސަރަށް ލިބިދެ އެވެ.

މި ޤާނޫނު ފާސްވެ ތަންފީޒުވަމުންދާއިރު މިއަދު ގިނަ މަސްވެރިންގެ އުންމީދަކަށް ވެގެންގޮސްފައިވަނީ މި ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ތަންފީޒުވެ މަސްވެރިންނަށް އޭގެން އެދެވޭ މަންފާއެއް ވީ އެންމެ އަވަހަށް ލިބިގެންދިޔުމެވެ. އެގޮތުން "ރާއްޖެއެމްވީ" އާ ވާހަކަ ދައްކަމުން ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 21 އަހަރުގެ ހަސަން ސާޖިން ބުނީ މަސްވެރިކަމުގެ ސިނާޢަތު ކުރިނާރާ އޮތީ ފާއިތުވެގެންދިޔަ ސަރުކާރުތަކުން މަސްވެރިކަމަށް އެކަށީގެންވާވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުންކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށް އިންވެސްޓް ނުކުރާކަން ސާޖިން ފާހަގަކުރިއެވެ.

ނަމަވެސް މިސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނާ ގުޅުންހުރި ކަންތައްތަކެއް ހިމަނާ މަސްވެރިންގެ ޤާނޫނު ފާސްވެގެންދިޔުމުން ސަރުކާރުން މަސްވެރިންނަށް އަހައްމިއްޔަތުކަންދޭ މިންވަރު ހާމަވެގެންގޮސްފި ކަމަށް ސާޖިން ބުންޏެވެ. އެކަމާ ޝުކުރުއަދާ ކުރާކަމަށާއި އުންމީދުކުރަނީ މިފަސް އަހަރު ތެރޭގައި މަސްވެރިންނަށް ދިމާވެފައިހުރި ކަންކަން ރަނގަޅުވެގެންދާނެ ކަމަށް ކަމަށް ސާޖިން ބުންޏެވެ.

ފާއިތުވެގެންދިޔަ ތާންގައި ރަނގަޅު ނުކުރެވި އޮތް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ނުވަތަ އަހަރުމެންގެ މަންމަ ޒަހާ ވަހީދަށް (ފިޝަރީޒް މިނިސްޓަރ) ރަނގަޅެއް ނުވާނެ އަހަރުމެން ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް. ނޫނީ ކިތަންމެ ވަރަކަށް ހިތުގައި ޖެހުނަސް ހަޤީޤަތަކީ އެއީ. އުންމީދަކީ މިފެށޭ އަހަރުގައި މިކަންތައްތައް ރަނގަޅުވާނެ ކަމަށް. ރަނގަޅު ނުވެއްޖިއްޔާ ދެން އެވާހަކަ ދައްކާނެ ކަމެއްނެތް. ދެން ހީވަނީ އަހަރެންވެސް ޒުވާން މަސްވެރިޔާގެ ނަމުގައި ނިކުމެގެން މިއުޅެނީ. މަވެސް މިކަމާ ދުރަށް ދާ މަންޒަރުހެން ހީވަނީ ދެން ފެންނާނީ.
ހަސަން ސާޖިން

މަސްވެރިންނާ ގުޅުންހުރި ކަންކަން ރަނގަޅުވެގެން ދިޔުމަކީ ސާޖިން ފަދައިން އެހެން މަސްވެރިންގެ ވެސް އުންމީދެވެ. ހަމައެއާއެކު މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތައްވެސް އުންމީދުކޮށްގެން ތިބީ ޤާނޫނުގައި ހުރި ކަންކަން ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިޔުމެވެ.

އެންސިސްގެ ހުޅުމާލެ ފެކްޓްރީ އާއި އައިސް ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންސިސްގެ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލަށް ވީހާ ވެސް އަވަހަށް އަމަލީ ސިފަ ގެންނަން ފެންނަ ކަމަށެވެ. މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި މަސްވެރިކަމުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ ދާއިރާ އަށް އިންވެސްޓް ކުރާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށް ވަސީމް ވިދާޅުވި އެވެ.

މަޖިލީހުން ފާސްކުރި ބިލުގެ ސަބަބުން މަސްވެރިކަމުގެ ވިޔަފާރި ގިނަ އިންވެސްޓަރުންނަށް ހުޅުވި މަސްވެރިކަމުގެ ވާދަވެރި މާހައުލެއް ގެނެވި، މަސްވެރިންނަށް އެންމެ ރަނގަޅު ލަފާ ހޯދައިދިނުމުގައި ކުރާ މަސައްކަތްތައް ވަރުގަދަ ވެގެންދާނެ.
އެންސިސްގެ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް

މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެންގެ އުންމީދަކަށްވާއިރު އެކަން ވީ އެންމެ އަވަހަކަށް ތަންފީޒުކޮށް މިކަންކަން ހައްލުވުމަކީ ކުރިޔަށް އޮތް އަހަރުތަކުގައި ޒުވާނުން މަސްވެރިކަމަށް ނުނިކުމެދާނެކަމަށް އޮތް ބިރަށްވެސް ހައްލެއް ގެނައުމަށް ކޮންމެހެން އަވަސް ކުރަންޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް