ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 15:16
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހަތަރު ބޭފުޅުން
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހަތަރު ބޭފުޅުން
ރާއްޖެ އެމްވީ
ރައީސް ސޯލިހު
ރައީސްކަން ކޮށްފައިވާމީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ އިނާޔަތްތައް ކޭނޑޭގޮތަށް ބިލް ތަސްދީގުުކޮށްފި
 
ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން
 
ބިލްގައި ވާގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އިނާޔަތް ކަނޑާލެވޭނެ
 
ރައީސް ބިލް ތަސްދީގުކުރައްވާފައިވަނީ ހޯމަ ދުވަހު

ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާގެ އިނާޔަތް، ކެނޑިގެންދާގޮތަށް ކުރީގެ ރައީސުންގެ އިނާޔަތާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުރައްވައިފިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 2 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއިން 66 މެމްބަރުންގެ ވޯޓާއެކު ފާސްކުރެއްވި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވަނީ ހޯމަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ. އަދި މި ބިލް ތަސްދީގުކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ހުރިހާ އިނާޔަތްތަކެއް ކެނޑިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި، އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާއެވެ. ޤާނޫނު ނަންބަރު 9/2009 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ހޯމަ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤާނޫނު ޝާއިޢު ކުރައްވާފައެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ރައީސްކަން ކުރެއްވާފައިވާ ފަރާތެއް ދައުލަތުގެ މަޤާމެއް އަދާކުރައްވާނަމަ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި، މަގާމުގެ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ޢިނާޔަތެއް އިޚްތިޔާރު ކުރަންޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.

މި ބިލަށް ގެނެސްފައިވާ އިޞްލާޙު ތަކުގެ ތެރޭގައި، ބުނެވިދިޔަ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ (ހ) ގައި އޮތް ޢިބާރާތް އެއީ އެ ޤާނޫނުގެ 10 ވަނަ މާއްދާ ކަމުގައި ހަމަޖެއްސުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް