ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 17:25
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން
އޭއެފްޕީ
އުތުރު ކޮރެއާގެ ނިއުކްލިއަރ ތަޖުރިބާ
ސެޓެލައިޓް ލޯންޗިންގ ސައިޓުގަ ވަރަށް މުހިންމު ޓެސްޓެއް ކޮށްފިން: އުތުރު ކޮރެއާ
 
އިއްޔެގ ޓެސްޓަކީ އުތުރު ކޮރެއާގެ އިސްތިރާޖީ ގިންތި ވަރުގަދަ ކޮށްދޭނެ ފަދަ ޓެސްޓެއްކަމަށް މުހައްލިލުން ލަފާކުރޭ
 
ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާއާއެކު އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދުކުރައްވާކަމަށް
 
މި ޓެސްޓާއި ބެހޭ އެއްވެސް ތަފުޞީލެއް އުތުރު ކޮރެއާ ސަރުކާރުން ހާމަކޮށްފައެއް ނުވޭ

އުތުރު ކޮރެއާގެ ސެޓެލައިޓް ލޯންޗުކުރާ ސައިޓުގައި ވަރަށް މުހިންމު ޓެސްޓެއް ކޮށްފައިވާ ކަމަށް އެޤައުމުން ބުނެފިއެވެ.

ދައުލަތުގެ ޕްރޮޕެގެންޑާ ފަތުރާ ކޭސީއެންއޭ ނޫސް އޭޖެންސީން ބުނީ އިއްޔެގެ ވަގުތެއްގައި ވަރަށް މުހިންމު ޓެސްޓެއް ކޮށްފައިވާކަމަށާއި، މީގެ ނަތީޖާ ނުވަތަ މިތަޖުރިބާގެ ބޭނުން ހިފާނީ އެޤައުމުގެ އިސްތިރާޖީ ގިންތި ވަރުގަދަކުރަން ކަމަށެވެ. އެހެންނަމަވެސް، މި ޓެސްޓާއި ބެހޭ އެއްވެސް ތަފުޞީލެއް އުތުރު ކޮރެއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގުރާމު ގާތުން ބަލަމުންދާ މުޙައްލިލުން ލަފާ ކުރާ ގޮތުގައި އުތުރުކޮރެއާއިން އާދިއްތަ ދުވަހު ކުރި ޓެސްޓަކީ ސެޓެލައިޓެއް ނުވަތަ ދުރު ރާސްތާ މިސައިލެއް ތަރައްޤީކުރަން ބޭނުންވާ އިންޖީނެއްގެ ބާރު މިން ތަޖުރިބާކުރުމުގެ ބޭނުމުގައި ކުރި ފަންނީ ޓެސްޓެކެވެ.

އުތުރު ކޮރެއާއިން ސެޓެލައިޓް ލޯންޗުކުރާ ސައިޓުގައި ވަރަށް މުހިންމު ޓެސްޓެއް ކުރިކަމުގެ ޚަބަރު ފަތުރާފައި މިވަނީ، އެޤައުމުގެ ނިއުކްލިއަރ ޕްރޮގުރާމް ހުއްޓާލަން މަގުފަހި ކުރުމުގެ ގޮތުން އެމެރިކާއާއެކު ބާއްވަމުން އަންނަ ދެ ފަރާތުގެ މަޝްވަރާ ހުއްޓިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ދެފަރާތުގެ މަޝްވަރާއާއި ބެހޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހު، އުތުރުކޮރެއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ކިމް ސޯންގް ވިދާޅުވެފައިވަނީ ނިއުކްލިއަރ ޕްރޮގުރާމް ހުއްޓާލުމާއި ބެހޭ ގޮތުން އެމެރިކާއާއި އެކު ދިގުދެމިގެންދާ މަޝްވަރާއަކަށް ދާން މިހާރު އުތުރުކޮރެއާއިން ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލަ މަޝްވަރާގެ މޭޒުން ބޭރުވެފައިވާ ކަމަށް ސިފަ ކުރައްވާ މަންދޫބު ވިދާޅުވީ، އުތުރުކޮރެއާއިން ނިއުކްލިއަރ ތަޖުރިބާކުރުން ހުއްޓުވުމަށް އެމެރިކާއިން ބޭނުންވާނަމަ، މި އަހަރު ނިމުމުގެ ކުރިން އާ އެއްބަސްވުމެއް އެމެރިކާއިން ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އަލަށް އެކުލަވާލާ އެއްބަސްވުމުގައި، މިހާރު އުތުރު ކޮރެއާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކައް ލުޔެއް ނުދޭނަމަ، އުތުރު ކޮރެއާގެ ވިސްނުން އެހެން މިޞްރާބަކަށް ބަދަލުކުރަން މަޖުބޫރުވެދާނެ ކަމުގެ އިންޒާރު މަންދޫބު ވަނީ ދެއްވާފައެވެ.

އުތުރުކޮރެއާގެ ނިއުކްލިއަރ ޕްރޮގުރާމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އެއްބަސްވުމަކަށް އާދެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ގިނަ ބަޔަކު މިއީ ނާދިރު ކަމެއްގެ ގޮތުގައި ސިފަކުރަނީ ޓްރަމްޕުގެ ޚާރިޖީ ސިޔާސަތުގެ ދަށުން 2018 ވަނަ އަހަރުއްސުރެ އުތުރު ކޮރެއާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަައްވަމުން ގެންދެވި ނަމަވެސް، މިހާތަނަށް އައިއިރު އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާތީއެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިިއިރު، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާއެކު ދެ ބައްދަލުވުމެއް ޓްރަމްޕް ބާއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
100%
0%
0%
0%
0%
ކޮމެންޓް