ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 13:44
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން
ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ރައީސްގެ އަރިހަށް!
 
ބައްދަލުވުން އޮތީ މިއަދު ހަވީރު 4 ޖަހާއިރު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމު ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި ރައީސް ޞާލިޙާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމާމެދު ރައީސް ޞާލިޙުއާ މަޝްވަރާ ކުރެވޭނެ ކަމަށެވެ. މިކަމާގުޅޭ އިތުރު ތަފުޞީލެއް ޝިޔާމް ހާމަ ކުރައްވާފައެއް ނުވެއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމް ކުރުމާއި ގުޅިގެން، ޕީޕީއެމާއި ޕީއެންސީ ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މާލޭގައި މުޒާހަރާ ކުރަމުން ނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ނިޞްބަތްވާ 6 މެންބަރުން ވެސް ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުން ނެވެ. ހޮނިހިރު ދުވަހު މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލައި، ޗުއްޓީއަށް ދިޔައިރު، ރައީސް ޔާމީނުގެ މައްޗަށް ޖަލަށް ޙުކުމްކުރި ފަހުން ކޮންމެ ޖަލްސާއެއްގަ ވެސް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުގެ ތެރޭގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގާ، ޖަލްސާތައް ވަނީ ކުރިއަށް ގެންގޮއްސަ އެވެ.

މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު، ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވެއެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ޙުކުމުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
50%
50%
0%
ކޮމެންޓް