ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 13:27
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ޓްވިޓަރ
ފަތުރުވެރިކަމަށް ރަށްތައް ދޫކުރުން
ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިޢުލާނު ކުރަނީ
 
ރަށްތައް ދޫކުރުމަށް ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާވެސް ހޯދާފައިވޭ
 
އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތް ބެލުމަށްފަހު
 
ރައީސްގެ ވައުދުފުޅުތައް ފުއްދުމަކީ ކެބިނެޓުގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވި

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިޢުލާނު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ތަންތަން އިންސްޕެކްޓް ކުރުމަށް ކައުންސިލްތަކަށް ދެވުނު ޓްރެއިނިންގް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތަކަކީ އެތައް ރައްޔިތުންނެއްގެ އުއްމީދާއި ގުޅިފައިވާ ކަމެއް ކަމަށާއި، އެކަންކަން ފުއްދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަކީ ކެބިނެޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެގޮތުން މިހިނގާ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ފަތުރުވެރިކަމަށް އަލަށް ދޫކުރަން ޤަސްތުކުރާ ރަށްތައް އިޢުލާނު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް ރާއްޖޭގެ އެތައް ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަމެއް، އަބަދުވެސް މިކިޔަނީ ރާއްޖޭގެ އުތުރަކު ރިސޯޓެއްނެތޭ، ދެކުނަކު ރިސޯޓެއް ނެތޭ، ތިމަންނަމެން އަތޮޅަކު ރިސޯޓެއް ނެތޭ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގެ މަސްއޫލިއްޔަތެއް، އެހެންވީމާ ﷲ އިރާދުކުރެއްވިއްޔާ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން ބޮޑުތިލަދުންމަތިންނާއި އައްޑޫސިޓީން، ފުވައްމުލަކު ސިޓި، ހުވަދޫ ސިޓީ މިހެން ދަންނަވާނެ ކަމެއް ނެތް، ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަޙައްދުތައް ހިމެނޭ ގޮތަށް އަލަށް ދޫކުރަން ގަސްތުކުރާ ރަށްތައް އަޅުގަނޑުމެން އިއުލާނު ކުރާނަން،
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހުގައި ކަމަށާއި، ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ.

އެގޮތުން މަޖިލިސް މެމްބަރުންނާއި، ކައުންސިލު ތަކުގެ އިތުރުން ކަމާގުޅޭ މިނިސްޓްރީތަކުގެ ޚިޔާލުވެސް ހޯއްދަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ރަށްތައް އަޅުގަނޑުމެން ހޯދާފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ ކެމްޕެއިން ވައުދުތަކާއި މެނިފެސްޓޯއާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ހިޔާލާއި ކައުންސިލު ތަކުގެ ހިޔާލާއި އަދި އެކަންކަން އެނގުމަށްފަހު ކަމާބެހޭ ހުރިހާ މިނިސްޓްރީގެ ހިޔާލާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްފަހު އަދި އެވަރުން ނުވެގެން މިނިވަން އޮޑިޓަރެއް ބޭނުންކޮށްގެން އެންވަޔަރމަންޓް އެސެސްމަންޓާއި ސޯޝަލް އެކޮނޮމިކް އެސެސްމަންޓާއި އެއްކޮށް ރައްޔިތުން ބޭނުންވެގެން ރައްޔިތުން ބޭނުންވާ ރިސޯޓް ރައްޔިތުންގެ ގާތަށް މި ސަރުކާރުން ގެނެސްދޭނީ،
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

މި ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކޮށް، ފަތުރުވެރިކަމުގެ ނަފާ ހުރިހާ ރައްޔިތުންނަށް ލިއްބައިދިިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޮބަރު މަހު މިނިސްޓްރީން ބުނެފައިވަނީ ފަތުރުވެރިކަމަށް އެކަށީގެންވާ ރަށްތަކެއްތޯ ބެލުމަށް 27 ރަށެއްގެ އެސެސްމެންޓު ހަދަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ އެސެސްމަންޓް ހަދާ ނިމިފައިވާއިރު، އެކަމާގުޅޭ އިތުރު ދިރާސާތައް ހެދުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް