ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 10:00
ޖަލްސާއެއްގައި އަންހެނުންތަކެއް ބައިވެރިވަނީ
ޖަލްސާއެއްގައި އަންހެނުންތަކެއް ބައިވެރިވަނީ
ރައީސް އޮފީސް
ކައުންސިލްތައް
އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅުން، ފިރިހެނުން ޖެހިލުންވާ ކަމެއް؟!
 
އަންހެނުންނަށް ވަކި ޚާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވަނީ ޤާނޫނު އަސާސީގެ 17 ވަަނަ މާއްދާގެ ށ ގެ ދަށުން
 
އަންހެނުންނަށް ވަކި ސްލޮޓްތަކެއް ކަނޑައެޅުން ޤާނޫނު އަސާސީ އާ ޚިލާފު ކަމަށް ބައެއް ފަރާތްތަކުން ބުނޭ
 
634 ކައުންސިލަރުންގެ ތެރޭގައި ތިއްބެވީ އެންމެ 38 އަންހެން ކައުންސިލަރުން

ސިޔާސީ މައިދާނުގައި އަބަދުވެސް ދެކެވޭ އެއް ވާހަކަ އެއް އޮވެއެވެ. އަންހެނުންނަށް ސިޔާސީ މައިދާނުން ޖާގަ ދޭންޖެހޭ ވާހަކަ އެވެ. ބަސް ބުނާ ހިސާބުގައި އަންހެނުންނަށް ފުރުޞަތުދޭން ޖެހޭ ވާހަކަ އެވެ. މިއީ އިވޭ ވާހަކަ ތަކެވެ. އެހެންނަމަވެސް ފެންނަ މަންޒަރު ތަފާތެވެ. ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އަތުން ގުނާލެވޭހާ މަދޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ވަކިން ޚާއްޞަކޮށް އިންތިޚާބުކޮށްގެން އަންނަ މަޤާމެއް ވިއްޔާ އެކަން ކުރުމަށް އަންހެނުންނަށް ވަކިން އުނދަގުލެވެ. ސަބަބުތައް ބައިވަރެވެ.

ސަބަބުތައް ބާއްވާލުމަށްފަހު ތަފާސް ހިސާބުން އަންހެނުން ސިޔާސީ މައިދާނުގައި އިންތިޚާބުވާ މަޤާމުތަކުގައި ޙަރަކާތްތެރިވާ މިންވަރަށް ބަލާލަމާތޯ އެވެ. ގިނަ ސިޔާސީ ޕާޓީތައް އެކުލެވިގެން އިންތިޚާބު ކުރެވިގެން މިހާތަނަށް އައި 3 މަޖިލީހުގައި އަންހެން މެމްބަރުން ހިމެނޭ ނިޞްބަތަށް ބަލާލާނަމެވެ. 17 ވަނަ މަޖިލީހުގައި ތިއްބެވީ އެންމެ 5 އަންހެން މެމްބަރުންނެވެ. އެއީ 77 މެމްބަރުންގެ ތެރެއިންނެވެ. ޖެހިގެން އިންތިޚާބުވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ 4 އަންހެން މެމްބަރުންނެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުންގެ ތެރޭގައި ތިއްބެވީވެސް އެންމެ 4 އަންހެން މެމްބަރުންނެވެ. މިހިސާބުތަކަށް ބަލާލުމުންވެސް ސިޔާސީ މައިދާނުގައި ބަސްބުނާ ހިސާބަށް އަންހެނުންނަށް އާދެވޭ މިންވަރު ވަޒަން ކޮށްލެވޭނެއެވެ. އެވަރުން ވަޒަން ކޮށް ނުލެވޭ ނަމަ ކައުންސިލް ތަކަށް ބަލާލަމާތޯއެވެ. ރާއްޖޭގައި މިވަގުތު ތިބި 634 ކައުންސިލަރުންގެ ތެރޭގައި ތިއްބެވީ އެންމެ 38 އަންހެން ކައުންސިލަރުންނެވެ.

މުޖުތަމަޢެއް ބިނާކުރުމަށް އަންހެނުންނާއި ފިރިހެނުންގެ ބަސް ބޭނުންވެއެވެ. ކަންކަން ނިންމާ ހިސާބުގައި ،ބަސްބުނާ ހިސާބުގައި ދެ ޖިންސުގެ މީހުން ތިބެންޖެއެވެ. މުޅި މުޖުތަމަޢާ ގުޅުންހުރި ކަންކަން ނިންމާއިރު އެއީ މުހިންމު ކަމެކެވެ. އެހެންކަމުން ކޮންމެ ސަރުކާރަކުންވެސް އަންނަނީ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ކަންތައްތަކެއް ކުރަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިކަމުގައި ގެންގުޅުއްވި އުޞޫލު މިވަނީ މީގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު އުޞޫލާ ތަފާތު ވެފައެވެ. ރައީސް ޞާލިޙު ތަކުރާރުކޮށް މީގެކުރިން ވިދާޅުވަމުން ގެންދެވީ ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުން ހިއްސާވާ ގޮތަށް ޤާނޫނަށް ބަދަލު ގެންނަވާނެ ކަމަށެވެ. އެކަން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން މިވަނީ ކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 76 ވަނަ ޖަލްސާއިން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވެގެން ދިޔުމާއެކު މިވަނީ ކައުންސިލްތަކުން 33 އިންސައްތަ އަންހެނުންނަށް ހަމަޖެހިގެން ގޮސްފައެވެ.

ޤާނޫނަށް މިއިޞްލާޙު ގެނައުމަށް ލާމަރުކަޒީ ކޮމިޓީން ފާސްކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވެގެން ދިޔަތަން ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި ޚުދު ރައްޔިތުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުންވެސް ތިއްބެވި އެވެ. އެބޭފުޅުން ނަންގަވާ ޕޮއިންޓަކީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނާ ހަމަހަމަ ކަމުގެ ވާހަކަ އެވެ. ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ :

މިބާބުގައި ބަޔާންވެގެންވާ ހައްޤުތަކާއި މިނިވަންކަން ، ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކުން ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ.

މި މާއްދާ ނަންގަވާ ވާހަކަ ދެއްކެވި އެއް މެންބަރަކީ މިހާރު ޢައަމަލުކުރަމުން މިދާ ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސް ކަންކުރެއްވި އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމެވެ. ޖުމްހޫރީ ޕާޓީގެ މައި މާލަމު ކަމަށްވާ ކުނޫޒްގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ކައުންސިލްތަކުން ވަކި ޢަދަދެއްގެ ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރަން މަޖިލީސްތެރޭ ކުރާ މަސައްކަތަކީ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލެއް ކަމަށެވެ.

އެހެން އެކަން ނުކުރެވޭނެ. ޤާނޫނު އަސާސީގައި އޮންނަނީ ކަނޑައެޅިގެން ވަކި ޖިންސަކުން، ވަކި ކުލަ އަކުން އަދި ވަކި ނަސަބަކުން އަޔަތީ ތަފާތު ނުކުރެވޭނެ ކަމަށް. އެހެންވީމާ ދެޖިންސުމުގެ ދެމެދުގައިވެސް އެ ތަފަތު ގެނައުމަށް ވަކި ބަޔަކަށް ވޯޓި ހޯދުމުގެ ބޭނުމުގައިވެސް ވަކި ޕަސެންޓެއް ކަނޑައަޅާއިދިނީމާ އެނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރރައިޑް ކުރެވޭ ފިރިހެނުންގެ ހައްގުތައް.
ޖުމްހޫރީ ޕާޓީގެ ލީޑަރ މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމެ

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ ނަންގައިވައިގެން އެވާހަކަ ދައްކަވާ ބޭފުޅުންނަށް އެ މާއްދާގެ ށ ގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވަނީ ކަމަށްވެސް ވެދާނެ އެވެ. އެހެންކަމުން 17 ވަަނަ މާއްދާގެ ށ ގައި ބުނާ ވާހަކަ އަށް ޖެހިލާނަމެވެ.

17 ވަނަ މާއްދާގެ ށ ގައި ބުނަނީ:

މުޖުތަމަޢުގެ އާންމު ޙާލަތަށްވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ، ނުވަތަ އިޖުތިމާޢީ ގޮތުން އިޖުތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ ހ ގައި ބަޔާންވެގެންވާ ތަފާތު ކުރުމެއް ކަމުގައި ނުވާނެއެވެ.

އެހެންގޮތަކަށް ބުނާނަމަ އަންހެނުންނަށް ކައުންސިލްތަކުން ވަކި ޢަދަދެއް ޚާއްޞަ ކުރުމަކީ 17 ވަނަ މާއްދާގެ ށ ގެ ދަށުން އެބުނާ ޚާއްޞަ ޙާލަތު މުޖުތަމަޢުގެ ވަކި ބަޔަކަށް ދިނުމަށް ކުރާ ކަމެކެވެ.

އަންހެނުންނަށް ޚާއްޞަ ސްލޮޓްތަކެއް ކަނޑައެޅިގެން ދިޔުމާގުޅޭގޮތުން 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި އޯޑިއަންސްގައި އިންނެވި ފިރިހެން ބޭފުޅަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސުވާލު ކުރިމަތި ކުރުވާފައެވެ. އެއީ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފިރިހެނުންނަށް ފުރުޞަތު ހަނިވެގެންދާކަމަށް އެބޭފުޅަކު ވަނީ ވިދާޅުވެފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަންހެނުންނަށް ވަކި ޚާއްޞަ ސްލޮޓްތަކެއް ކަނޑައެޅުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށެވެ. އެގޮތަށް ކަނޑައެޅުމަކީ ޕޮޒިޓިވް ޑިސްކްރިމިނޭޝަން ކަމަށާއި އެއީ ޚާއްޞަ ޙާލަތެއްގެ ދަށުން ކުރެވޭނެ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ އަންހެނުންނަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައާއި ވިޔަފާރި އާއި މުޖުތަމަޢުގެ ތެރެއިން ފަހިވެފައިވަނީ ކިހާ ފުރުޞަތުތަކެއްތޯ އައްސަވާފަ އެވެ. އަންހެނުންނަށް ފުރުޞަތުތައް ފަހިކުރުމަށް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މުޖުތަމަޢުގެ ދެބައި ކުޅަ އެއްބައި ރައްޔިތުންނަކީ އަންހެނުން ކަމަށްވާއިރު މުޖުތަމަޢުގެ ހުރިހާ މީހުންގެ ބާރުވެރިކަމާއި އެހީތެރިކަމާއި ބައިވެރިވުން އަންހެނުންނަށް މިފުރުޞަތުތައް ފަހިނުކޮށް ބޭނުން ނުކުރެވޭނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސީޓް ރިޒާވް ނުކޮށް ވާދަވެރިކަމާއެކު އަންހެނުންނަށް ގޮސް ހޯދިދާނެތޯ. ދެން މިސުވާލު އަހާއިރު އެހެން ޤައުމުތަކުގެ ތަޖުރިބާގައި އަންހެނުން ބާރުވެރިކުރުވެން އަންނަނީ އަންހެނަކަށް ވީތީވެ އޭނާއަށް ދޭ ފުރުސަތުތައް އިތުރުކޮށްގެންނެއް ނޭ. ދެން އެއީ ފިރިހެނަކަށް ލިބޭ މާޔޫސްކަމެއްތޯ ނުވަތަ އުނިކަމެއްތޯ.. ޕޮޒިޓިވް ޑިސްކްރިމިނޭޝަން އަކީ ކޮންމެސް އެހެން އުނިކަމެއް ގެނެއްސަ ޒަމާންވީ ބޭއިންސާފެއް އިންސާފުގެ މަގަށް ގެނައުމަށްޓަކައި ގެންނަ އުނިކަމެއް އެއުނިކަމަކީ.އަޅުގަނޑު ދެކޭގޮތުގައި ޤާނޫނު އަސާސީ އާއި އެއްވެސް ޚިލާފެއް ނުވޭ.ހަމަހަމަ ކަން ހުރިހާ ޤައުމެއްގައިވެސްހުރިހާ ޤާނޫނު އަސާސީގައިވެސް ހަމަހަމަވޭ. ހުރިހާ ޤައުމެއްގައިވެސް ޕޮޒިޓިވްލީ ޑިސްކްރިމިނޭޓް ކުރޭ އެކިއެކި ބާވަތުގެ އެކި އެކި ކަންކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އަށް ތިން ފަހަރަށް އިންތިޚާބުވެ ވަޑައިގެންނެވި އަދި މިހާރު މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި އީވާ ޢަބްދުﷲ ވިދާޅުވީ 17 ވަނަ މަޖިލީހަށް އިންތިޚާބުވީ ފަހުން އަދި މަޖިލީހަށް 8 އަންހެން މެމްބަރުން އިންތިޚާބު ނުވާކަމަށެވެ. އަދި އަންހެނުންނަށް އިންތިޚާބު ނުވެވެނީ އުފުރުޞަތު ނެތީމާ ކަމަށާއި އެފުުރުޞަތު ލިބިއްޖެނަމަ އަންހެނުންވެސް ސިޔާސީ ހުރިހާ މައިދާނުގައި ފިރިހެނުންނެކޭ އެއް ހަމައެއްގައި ތިބޭނެކަމަށް އީވާ ވިދާޅުވި އެވެ.

މީގެއިތުރުން އީވާ ވިދާޅުވި މުހިންމު އެއް ވާހަކަ އެއް ހިމަނާލާނަމެވެ.

އިއްޒަތްތެރި ރައީސް ، އަޅުގަނޑުމެން އެއް ހާލެއްގައި ވެސް މި ދަންނަވަނީކީއެއް އަޅުގަނޑުމެން އަންހެނުންނާއި ފިރިހެނުންނާ މީ އެއްކަހަލަ ބަޔެކޭ ނޫން. އަޅުގަނޑުމެން ބުނަނީ، އަންހެނުންނާއި ފިރިހެނުންނަކީ، އެއް ހަމަހަމައިގެ މީހުންނޭ. އެއް ހަމަހަމައިގެ މީހުންނޭ. އެއް ހަމަހަމައިގެ ފުރުޞަތު ލިބެންޖެހޭނޭ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ކޮންމެ އަކަސް އަންހެނުންނަށް 33 އިންސައްތަ ކައުންސިލްތަކުން ކަނޑައެޅުމަކީ އެއް ބަޔަކަށް މާ ކަމުދާ ކަމަކަށް ނުވެއެވެ. އެއް ބަޔަކު ބުނަމުން އަންނަނީ އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށާއި އެބިލު ރައީސް ތަޞްދީޤވެސް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި އެބިލު ބާޠިލު ވެސް ކުރަންޖެހޭ ކަމަށެވެ. އެބިލުގެ ސަބަބުން ފިރިހެނުންނަށް ފުރުޞަތު ހަނިވެގެންދާ ކަމަށް އެފަރާތްތަކުން ދަނި ތަކުރާރުކޮށް ބުނަމުންނެވެ.

ސުވާލަކީ އަންހެނުންނަށް ވަކި މިންވަރެއް ކައުންސިލުތަކުން ކަނޑައެޅުމުން އެކަމާ ފިރިހެނުން ބިރު ގަންނަނީތޯއެވެ؟ ނޫނީ ޖެހިލުންވަނީތޯއެވެ؟ އެހެންކަމަށްވާނަމަ ފާއިތުވި ކައުންސިލް އިންތިޚާބު ތަކުގައި ފިރިހެނުން ކައުންސިލްތަކަށް އިންތިޚާބު ވެފައިވަނީ ހާދަ ފަސޭހަ ކޮށެވެ. މުޖުތަމަޢުގެ އެއް ބަޔަކީ އަންހެނުން ކަމަށްވާއިރު ކަންކަން ނިންމާ ހިސާބުގައި އަންހެނުން ބައިވެރި ކުރުވަން ޖެހިލުންވަނީ ކީއްވެތޯއެވެ؟ ޖެހިލުންވާނަމަ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިންތިޚާބަކަށް ކުރިމަތިލުމުގެ ކުރިން އަދި އެއް ފަހަރު ވިސްނަވާ ލައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
17%
0%
50%
0%
17%
ކޮމެންޓް
8 ޑިސެންބަރ 2019 | އާދީއްތަ 13:29
ހަމަ ބުނެލީ
33% އަންހެނުންނަ ކަނޑަ އެޅުމަކީ ފިރިހެނުން ނަށް ކުރާ ތަފާތެކޭ ބުނާ އިރު 100% އިން 33% އަންހެނުންނަށް ބާާކީ 67% ފިރިހެނުންނށް. މިހާރުވެސް ތިބުުުުނާ މާ އްދާގަ އިވާ ތަފާާތުކޮށްފަ އިވަނީ އަންހެނުންނާ. މިވަރުން ވެސް ފިރިހެނުންނަށްތަ ތަފާާތު ކުރެވެނީ.