ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ތިލަފުށި ފަޅުގައި އޮތް ބޯޓު

"އެމްވީ ސީ ހޯމް ސެފަޔާ" ބޯޓު ނައްތާލީ ޤާނޫނާއި ޚިލާފަށް، މިކަންކުރި ފަރާތައް ފިޔަވަޅު އަޅަން ޖެހޭ:އެސްއޯއީ ކޮމިޓީ

  • ގްރޭޓަރ މާލޭ އިންޑަސްޓްރީއަލް ޒޯން ކުންފުންޏާއި ފިނޭންސް މިނިސްޓްރީ ދެމެދު ދެބަސްވުންތަކެއް
  • ޕާކަވަން އިން އުޅުނީ އެބޯޓު ކަފާލުމަށްފަހު، ބާދަގަނޑުގެ ގޮތުގައި ވިއްކާލުމަށް ކަމަށް ވޭ
  • ޕާކަވަން އިންވެސް ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް

ކ. މާލެ | 7 ޑިސެންބަރ 2019 | ހޮނިހިރު 22:36 | 4,335

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި - ރައީސް އޮފީސް

މީގެ ހަތް އަހަރު ކުރިން ތިލަފުށި ފަޅުތެރޭގައި އޮތް "އެމްވީ ސީ ހޯމް ސެފަޔާ" ނަމަކަށް ކިޔާ ބޯޓު ނަގައި ނައްތާލަން, ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޢަމަލު ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށާއި، އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯވްންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ފާސްކޮށްފި އެވެ.

އެސްއޯއީ ކޮމެޓީން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމެޓީން އެމައްސަލަ ދިރާސާ ކުރުމުގައި ފާހަގަވި ބައެއް ކަންކަމާމެދު ކޮމެޓީގެ މެމްބަރުން މަޝްވަރާކުރައްވާ، ބައެއް ނިންމުންތައް ނިންމާ އެ މައްސަލައާ ގުޅޭ މުޅި ރިޕޯޓުވެސް ވަނީ ދިރާސާކޮށް ނިންމާފަ އެވެ.

އެކޮމެޓީން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ތިލަފުށި ފަޅުތެރޭގައި "އެމްވީ ސީ ހޯމް ސެފަޔާ" ނެގުމުގައި، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެކަމުގައި ޢަމަލު ކޮށްފައިވާ ގޮތާއި، އެކުންފުނީގެ ބޯޑުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައެވެ.

އެގޮތުން ތިލަފުށި ފަޅުން އެބޯޓު ނެގުމަށް ޕާކަވަން ނަމަކަށް ކިޔާ ކުންފުންޏަކާ ޙަވާލުކޮށް، އެމަސައްކަތް ކުރަމުންދާއިރު، އެކުންފުންޏާ އެކަން ޙަވާލުކޮށްފައިވާ ގޮތާމެދު ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބޮޑެތި މައްސަލަތަކެއް ހުރިކަން މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ޕާކަވަން ކުންފުންޏަކީ އެބޯޓު އެތަނުން ނަގަން އިޢުލާން ކުރެވުނު ދުވަސްވަރު އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާތީ ޝައްކު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދަގަނޑު އެބޯޓު ކަފާލައިގެން ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ، އެމައްސައްކަތް ގްރޭޓަރ މާލޭ ކުންފުންޏާ ޙަވާލުކުރި ފިނޭންސް މިނިސްޓްރީއާ ދެމެދުވެސް ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނަނީ، ގްރޭޓަރ މާލެ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. އޭގެ އިތުރަށް، ބޯޓު ކަފާލައި ނައްތާލަން ނުވަތަ ބާދަގަނޑުގެ ގޮތުގައި ވިއްކުމުގެ އެއްވެސް ހުއްދައެއް އެކުންފުޏަށް ނުދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެސްއޯއީ ކޮމެޓީން ނިންމާފައިވާ ނިންމުންތައް:

1. މި ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތުތަކާއި ކިތާބީ ހެއްކާއި އަދި ބައްދަލުކުރެވުނު އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުން ބޯޓު ނައްޓަލުމުގެ ހުއްދަ ދެވިފައިނުވާކަން ފާހަގަ ކޮށްފައިވީ ހިނދު، އަދި ޢަމަލު ކޮށްފައިވަނީ ކުންފުނީގެ ހިންގުމުގެ އުޞޫލްތަކާއި އަދި ޤަވާއިދާ ޚިލާފަށް ކަމަށް ފެންނާތީ، މިމައްސަލާގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަދި ފިނޭންސް މިނިސްޓްރީއަށް ލަފާދެއްވުމަށް ދެންނެވުން.

2. ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމެއްކަމަށް ފެންނާތީ، ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް މިހާރުން މިހާރަށް ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންވުމަށް.

3. އެބޯޓު ނެގުމުގެ މަސައްކަތް ގްރޭޓަރ މާލޭ ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑަށް އަންގާނުލައި އެކުންފުނީ ޕްރޮކިޔޮމަންޓް އުޞޫލްތަކާ ޚިލާފަށް ޕާކަވަން ކުންފުންޏާ އެއްވެސް އަގަކާ ނުލާ ޙަވާލުކޮށް، އެބޯޓުގެ މިލްކުވެރިކަން ޙަވާލުކޮށްފައިވާތީ، އަދި އެމަސައްކަތް ޙަވާލުކުރެވުނު ކުންފުންޏަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން އިޢުލާން ކުރެވުނު ދުވަހު ރަޖިސްޓްރީ ކުރެވުނު ކުންފުންޏަކަށް ވުމުން، މި މުޢާމަލާތްތަކަކީ ވަކި ފަރާތްތަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގައޮތްކަމުން މިމައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުންދާ ބެލުންތަކާއި އަދި އޮޑިޓް ޖެނެރަލް ކުރިއަށް ގެންދަވާ އޮޑިޓް ރިޕޯޓް ނިމުމުން އެ ރިޕޯޓުތައް ފޮނުވާ ދިނުމަށް ދެންނެވުމަށް.

4. އެބޯޓުގެ ވެރިފަރާތް ހޯދުމަށާއި އަދި ދައުލަތަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ދެންނެވުން.

5. ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތާއި ބޭއްވުނު ބައްދަލުވުންތަކުން، ސާފުވެގެންދިޔައީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުނި ހިންގަމުންދަނީ ކޯޕަރޭޓިވް ގަވަނަންސްގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ނޫން ކަމަށް ފެންނަކަމަށާއި އެހެންކަމުން ކުންފުނީގެ ބޯޑު ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށް.

މީގެ ހަތް އަހަރުކުރިން ޖުލައި 30، 2012 ގައި ހުއްދަ ނުހޯދައި، ތިލަފުށި ފަޅުތެރޭގައި އެންކަރުކުރި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެއެވެ. ފިނޭންސް މިނިސްޓްރީން އެ ބޯޓު އެތަނުން ނަގަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުންޏާ ޙަވާލުކުރީ ތިލަފުށި ފަޅުތެރޭގައި އެބޯޓު އޮތުމުން ތިމާވެއްޓަށް ގެއްލުން ވަމުންދާތީ އެވެ.

ޕާކަވަންއާ އެކު ގްރޭޓަރ މާލެ އިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމަ އެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ ގްރޭޓަރ މާލޭ ކުންފުނިން އޮޅުވާލުމުން ކަމަށް ޕާކަވަންއިން ބުނެއެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި، 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ސިވިލް ކޯޓުގައި ދަޢުވާކޮށްފަ އެވެ. މަޖިލީހުގެ ސަމާލުކަން މިމައްސަލައައީ މިހިސާބުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.