ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 13:44
ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ރައީސް އޮފީސް
ޕީޖީ
ޕީޖީގެ މަޤާމަށް ޝަމީމް ޢައްޔަނުކުރަން ފާސްކޮށްފި
 
ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ބޭފުޅަކީ ޝަމީމު، ކަމާބެހޭ އިދާރާތުގެ ބޭފުޅުން އަހުލުވެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގެވި
 
ޑެޕިއުޓީ ޕީޖީކަން ކުރެއްވި، އަދި ޕީޖީގެ މަގާމުގެ ޒިންމާ ވެސް މީގެކުރިން އަދާކުރެއްވި
 
ޝަމީމަކީ ޕީޖީ އޮފީސް އުފެއްދިއިރު އެ އޮފީހުގެ ދެވަނަ މުވައްޒަފު، ފުރަތަމަ މުވައްޒަފަކީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޖީގެ މަޤާމަށް ޝަމީމު ޢައްޔަނުކުރުމަށް ވޯޓު ދެއްވީ 74 މެމްބަރުންނެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސް އޮފީހުން ކުރެއްވި އިޢުލާނާ ގުޅިގެން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ފޮނުއްވީ ނަންފުޅަކީ ޝަމީމުގެ ނަންފުޅެވެ. ޝަމީމުގެ އިތުރުންވެސް އެމަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް ޞާލިހު މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް ޕީޖީގެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ރައީސް ޞާލިހު އިސްކަން ދެއްވާފައިވަނީ ޝަމީމަށެވެ. ޝަމީމުގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިންޓަވިއު ކުރައްވާފައިވަނީ ވެސް ޝަމީމާ އެކަންޏެވެ. ޖުޑީޝަރީ ކޮމެޓީން ވަނީ ޑިސެމްބަރު 2 ވަނަ ދުވަހުގެރޭ އެކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ޝަމީމާ އިންޓަވިއު ކުރެއްވުމަށްފަހު، ޕީޖީގެ މަޤާމަށް ޝަމީމު އައްޔަނުކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ޝަމީމަކީ ޖިނާއީ އަދުލްގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރު އަމަލުކުރަމުންދާ އާ ގާނޫނުއަސާސީގެ ދަށުން ޕީޖީގެ މަޤާމާއި އޮފީހެއް ކަނޑައެޅިގެން ދިޔައިރު، ޝަމީމަކީ ޕީޖީގެ މަޤާމަށް އޭރު ޢައްޔަން ކުރެއްވި އަޙްމަދު މުޢިއްޒާއެކު މަސައްކަތްކުރެއްވި އެ އޮފީހުގެ ދެވަނަ މުވައްޒަފެވެ.

ޕީޖީގެ މަޤާމުން މުޢިއްޒު އިސްތިޢުފާ ދެއްވުމާއި ގުޅިގެން، ޝަމީމު ވަނީ ޕީޖީގެ މަޤާމުގެ ޒިންމާ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ. އޭރު ޝަމީމަކީ ޑެޕިއުޓީ ޕީޖީ އެވެ. މީގެއިތުރުން ޝަމީމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ޤާނޫނީ ވަކީލެވެ. އޭނާ ވަނީ ޤާނޫނުލްއުޤޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމަށް ގިނަ ޕްރޮގުރާމުތަކެއް ހިންގަވާފަ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މަޤާމުން އިސްތިޢުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޤާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތުތަކަކީ އިޚުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާޢަތުތަކެއްކަމުގައި ޤަބޫލުނުކުރެއްވޭކަމަށެވެ.

ބިޝާމްގެ މައްޗަށް ދޮގު މަޢުލޫމާތު ދިންކަމުގެ ތުހުމަތު ޖުޑީޝަރީ ކޮމެޓީން ކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، ސިޔާސީ ބޭފުޅުންގެ މައްޗަށާއި އޭރު އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްކުރެވި، ޖަލަށްލާފައި ވެއެވެ. އަދި އޭގެ ތެެރެއިން ބައެއް ފަރާތްތަކުުގެ މައްޗަށް ދަޢުވާ ކުރެވިފައި ވެއެވެ. އެކަންކަން ހިނގިއިރު ޕީޖީގެ މަޤާމުގައި ހުންނެވީ ބިޝާމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް