ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 08:35
އީރާންގައި ކުރަމުންދާ މުޒާހަރާގައި ސިފައިންގެ މީހަކު އަމަން ބަލަހައްޓަނީ
އީރާންގައި ކުރަމުންދާ މުޒާހަރާގައި ސިފައިންގެ މީހަކު އަމަން ބަލަހައްޓަނީ
ވީއޯއޭ ނިއުސް
އީރާން
އީރާންގައި ކުރަމުންދާ މުޒާހަރާތަކުގައި 7000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ: އދ
 
އީރާންގެ މުޒާހަރާގައި މިހާތަނަށް 208 މީހަކު މަރުވެފައިވާ ކަމަށް ޔޫއެން އިން ބުނެފައިވޭ

މިދިޔަ މަހު އީރާނުގައި ފެށި ދިގުދެމިގެންދާ މުޒާހަރާތަކުގައި 7000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ އިން ބުނީ މިހާތަނަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާ އިރު، މީގެ މަސް ދުވަސް ކުރިން އެޤައުމުގައި ފެށި މި މުޒާހަރާތަކުގައި 7000 ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މުޒާހަރާ ތަކުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދާކަމަށެވެ.

އދ އިން ބުނީ ލިބިފައިވާ ވީޑިއޯ ފުޓޭޖް ތަކުން ދައްކާ ގޮތުން މުޒާހަރާގެ ބައިވެރިންނަށް ޢަމާޒުކޮށްގެން ސަލާމަތީ ބާރުތަކުން ބަޑި ޖަހާފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ޢަމާޒުކޮށް ބަޑި ޖަހާފައިވަނީ މުޒާހަރާގެ ބައިވެރިން މަރާލުމަށް ގަސްދުކޮށްގެން ކަމަށެވެ.

އީރާނުގެ މުޒާހަރާގައި މިހާތަނަށް 208 މީހަކު މަރުވެފައިވާ ކަމަށް އދ އިން ބުނެފައިވާ އިރު، މި މަޢުލޫމާތުތަކަކީ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ދީފައިވާ މަޢުލޫމާތު ކަމަށެވެ. އަދި މި ޢަދަދު ދެގުނައަށް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އދ އިން ބުނެފައިވެއެވެ.

އީރާނު ސަރުކާރުން ޕެޓްރޯލުގެ އަގު ބޮޑުކުރުމާ ގުޅިގެން އީރާނުގައި ފެށި މުޒާހަރާތައް ދެތިން ދުވަހުގެ ތެރޭގައި ވަނީ އެޤައުމުގެ ބޮޑު ބައަކަށް ފެތުރިގެން ގޮސްފައެވެ. މިގޮތުން ތިން ދުވަހުގެ ތެރޭގައި 100 އަށްވުރެ ސިޓީއަށް މުޒާހަރަތައް ފެތުރިގެންދިޔައެވެ. މުޒާހަރާތަކުގެ ބައިވެރިންވަނީ އީރާނުގެ ބޭންކުތަކާއި ޢާންމުންގެ ފިހާރަތަކަށާއި، ޕެޓްރޯލް ސްޓޭޝަންތަކާއި، ސަރުކާރުގެ ޢިމާރާތްތަކުގައި ހުޅުޖަހައި އެތަށް ޢިމާރާތެއް އަންދާލާފައެވެ. މުޒާހަރާ ދިގުދެމިގެން ދިޔަ ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަދީފައެއް ނުވެއެވެ. އެކަމުގެ ރުޅިވެރިކަމުގައި މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
67%
0%
0%
0%
ކޮމެންޓް