ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 19:09
މިނިމަމް ވޭޖް ކަނޑައެޅުމާއި ބެހޭގޮތުން ބޭއްވި ކޮމިޓީ
މިނިމަމް ވޭޖް ކަނޑައެޅުމާއި ބެހޭގޮތުން ބޭއްވި ކޮމިޓީ
ރާއްޖެއެމްވީ
މިނިމަމް ވޭޖް
ބިދޭސީ މުވައްޒަފުން ގެންގުޅުމުން ކުންފުންޏަށް މާ ޚަރަދު ބޮޑު: ވެމްކޯ އެމްޑީ
 
ދިވެހިން ވަޒީފާތަކުގައި ހިފެހެއްޓުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެބަހުރި
 
ބިދޭސީ މުވައްޒަފަކު ކުރާ މަސައްކަތުގެ ދެގުނަ ދިވެހި މުވައްޒަފަކަށް ކުރެވިދާނެ
 
ވިސާފީއާއި، އެކޮމޮޑޭޝަނާއި، ކެއުމާއި ދަތުރުފަތުރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ

ބިދޭސީން ގެންގުޅުމުން ކުންފުންނިން ކުރަންޖެހޭ ޚަރަދު މާ ބޮޑުވެގެންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދިވެހި މުވައްޒަފުން ގެންގުޅުމާއި ބެހޭގޮތުން މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކެޓަރ އާދަމް މުހައްމަދު ވިދާޅުވީ، ދިވެހި މުވައްޒަފުން ގެންގުޅުމަށްވުރެ ބިދޭސީ މުވައްޒަފުން ގެންގުޅުން މާ ޚަރަދު ބޮޑު ކަމަށެވެ.

ކުންފުނިތަކުން ވަޒީފާތަކުގައި ބިދޭސީން ގެންގުޅެނީ ޚަރަދު ކުޑަކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އާދަމް ވިދާޅުވީ ބިދޭސީ މުވައްޒަފުންނަށް ދޭ މުސާރައިގެ އިތުރުން ވިސާ ފީއާއި، އެކޮމޮޑޭޝަނާއި، ކެއުމާއި ދަތުރުފަތުރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށެވެ.

އެކްސްޕެޓް ސްޓާފަކަށް އަޅުގަނޑުމެން މިދެނީ 5000 ރުފިޔާ މުސާރައެއްގެ ގޮތުގައި، އެކަމަކު އެމީހުންނަށް އެބަ ޚަރަދު ކުރަންޖެހޭ 750 ވިސާފީއަށް، އިތުރު 1000 ރުފިޔާ އެކޮމޮޑޭޝަނަށް، އޭގެ އިތުރުން 1200 ރުފިޔާ ކެއުމަށް، އަދި އެމީހުން އަޅުގަނޑުމެން މިވަގުތުގައި ބައިތިއްބަން މި ޖެހެނީ ގުޅީފަޅުގައި. ގުޅީފަޅުން މާލެ ގެންނައިރު އެވަރެޖްކޮށް ބޮލަކަށް އެބަޖެހޭ ގާތްގަނޑަކަށް 800 އާއި 1000 ރުފިޔާއާއި ދޭތެރޭގައި، އަޅުގަނޑުމެން އަމިއްލަ ފެރީއެއް ބޭއްވީމަވެސް އޭގެ ކޮސްޓް ބޮލަކަށް ބަހާލީމާއި، އެހެންވީމާ އަޅުގަނޑަށް ފާހަގަކުރެވެނީ ބޭރު މުވައްޒަފުން އަޅުގަނޑުމެންނަށް އަގު ބޮޑު ކަމަށް
ވެމްކޯގެ މެނޭޖިންގ ޑިރެކެޓަރ އާދަމް މުހައްމަދު

އާދަމް އިތުރަށް ވިދާޅުވީ، އަސާސީ މުސާރައަށް 5000 ދިނުމަށްފަހު ބިދޭސީންނަށް އެ ޚަރަދުތައް ކުރަން ޖެހުމުން ކުންފުންޏަށް މާ ހަރަދު ބޮޑު ކަމަށާއި، މި އެލަވަންސްތައް ދިވެހި މުވައްޒަފަކަށް ލިބިގެންދާނަމަ ބިދޭސީ މުވައްޒަފަކު ކުރާ މަސައްކަތުގެ ދެގުނަ ދިވެހި މުވައްޒަފަކަށް ކުރެވިދާނެ ކަމަށެވެ. އަދި ދިވެހިންގެ މަސައްކަތްވެސް މާ ފުރިހަމަވާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

އާދަމް އިތުރަށް ވިދާޅުވީ، ދިވެހިން ވަޒީފާތަކުގައި ހިފެހެއްޓުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެބަހުރި ކަމަށެވެ.

މިސާލަކަށް ބޭރު މީހުންނަށް އަޅުގަނޑުމެން އެކޮމޮޑޭޝަނާއި ފުޑް އެބަ ޔަޤީން ކޮށްދެން، އެމީހެއްގެ އެސެންޝަލް ކަންތައްތަކެއް އިންސާނާއަށް ޔަޤީންވީމާ އޭނަ ވޮރީކުރާ ކަންތައްތަކާއި އޭނާގެ ސްޓްރެސް ލެވެލްއާއި މި ހުރިހާކަމެއް ވަރަށް ބޮޑަށް ނެތިގެންދާނެ، މަސައްކަތުގެ މާހައުލުގައި އޭނާގެ ޕަރފޯމަންސްވެސް ވަރަށް ރަނގަޅުވާނެ، އަޅުގަނޑަށް ފާހަގަ ކުރެވެނީ އަޅުގަނޑުމެންގެ ހުންނަ ދިވެހި މުވައްޒަފަކީ ބޭރު މުވައްޒަފެއްގެ ދެމީހުން، ދިވެހި ރަނގަޅު މުވައްޒަފަކީ އަޅުގަނޑުމެންގެ ރޭޝިއޯއަށް ބަލާއިރު ބޭރު ދެމީހުން ކުރާހާ މަސައްކަތް ދިވެހި އެކަކު ކުރާނެ،
ވެމްކޯގެ މެނޭޖިންގ ޑިރެކެޓަރ އާދަމް މުހައްމަދު

ވެމްކޯގައި މިހާރުވެސް 1664 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން 1400 މުވައްޒަފުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން ވެމްކޯގެ ހުޅުމާލޭ ބްރާންޗާއި ފުވައްމުލަކު ބްރާންޗުގައި މިހާރުވެސް މަސައްކަތް ކުރަނީ 100 އިންސައްތަ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް