ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 18:22
ފުލުހުން ގާސިމް މަރާލާފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަނީ
ފުލުހުން ގާސިމް މަރާލާފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަނީ
ޓްވިޓަރ
ގާސިމްގެ މަރުގެ މައްސަލަ
ގާސިމްގެ ގާތިލުން ހޯދުމަށް ފުލުހުން ސީސީޓީވީ ފުޓޭޖް އެނަލައިޒްކުރަން ފަށައިފި
 
ފުލުހުން ދަނީ ހާދިސާ ތަހުގީގު ކުރަމުން
 
މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
 
ހުޅުމާލޭގައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންން ހޯދުމަށް ފުލުހުން ސީސީޓީވީ ފުޓޭޖް އެނަލައިޒްކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުުވީ، ބުދަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލައިފައިވާ ޓެކްސީ ޑްރައިވަރު ގާސީމް ހަސަންގެ މައްސަލައާއި ގުޅިގެން އަދި އެކަމުގެ ތުހުމަތުގައިވެސް އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް ނެގެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒްކުރުންކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލައަކީ، ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން ތަހުގީގު ކުރިއަށް ގެންދާ ކަމަށްވުމާއެކު ތަހުގީގަށް ހުރަސްއެޅިދާނެތީ އެ މައްސަލައާއި ބެހޭ އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތްކަމަށެވެ.

އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. އެކަމާއި ގުޅިގެން މިހާތަނަށް ހުޅުމާލޭ ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގު ބައްތި އިތުރުކުރުމުގެ މަޝްރޫޢެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ވަނީ ފަށައިފައެވެ. އަދި މީގެއިތުރުން، ހުކުރު ދުވަހު ޑްރައިވަރުންގެ ޖަމިއްޔާއިން ގާސިމް މަރާލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، އަދި އެކަން ކުރި މީހުން ހައްޔަރުކޮށް އިސްލާމް ދީނުގައި އަންގަވާފައިވާ ހުކުމް ގާއިމްކޮށް ދިނުމަށް ސަރުކާރު އެންމެހާ މުއައްސަސާތަކަށް ގޮވާލާފައެވެ.

މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންގެ ފަރާތަކަށް އެނގޭނަމަ, އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
60%
0%
0%
27%
0%
13%
ކޮމެންޓް