ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 13:05
ޔުލޯންގެ ސްނޯ މައުންޓެއިން
ޔުލޯންގެ ސްނޯ މައުންޓެއިން
ރާއްޖެއެމްވީ
ޔުނާން ޕްރޮވިންސް - ލީޖިއަން
ޔުލޯންގް ސްނޯ މައުންޓެއިނާއި، ލޯބީގެ ނިޝާން ''ބްލޫ މޫން ވެލީ'' ޑައިރީ އަށް
 
ފެންގަނޑުގައި ސިއްރެއްވޭ

ޗައިނާގެ ލީޖިއަން ސިޓީ އަކީ އާސާރީ ގޮތުން މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ އެއް ސިޓީ އެވެ. ނާޝީ ދަރިފަސްކޮޅުގެ މެޖޯރިޓީ އޮންނަ ލީޖިއާން ގައި މީހުން ދިިރިއުޅެން ފަށާފައިވަނީ 13 ވަނަ ގަރުނުން ފެށިގެންނެވެ. ހޮހޮޅަ ތަކުގައިވާ ފުރިހަމަ ކުރެހުން ތަކާއި، ހުނަރުވެރި ގަލުގެ ވަޑާން ތަކުން އަންގައިދޭ ގޮތުން އެ ސިޓީ އަކީ ހުޅަނގު އުތުރު ޗައިނާގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ސިޓީ އެވެ.

ރާއްޖޭގެ ނޫސްވެރިންނާއި އެކު ޗައިނާ އަށް ކުރި ދަތުރުގެ އެންމެ ފަހުގެ މަންޒިލަކަށްވީ ވެސް އެ ސީޓީ އެވެ. އެންމެންގެ ލޯތައް ހުއްޓިގެންދާ އާސާރީ ތަންތަނުގެ އިތުރުން ސިޓީއަށް އެންމެ ފުރިހަމަ ކަމެއް ގެނެސްދޭ އަނެއް ކަމަކީ ޔުލޯންގް ސްނޯ މައުންޓެއިން ނުވަތަ ޖޭޑް ޑްރެގަން ސްނޯ މައުންޓެއިން އެވެ. އެ ސިޓީއަށް ދެވިއްޖެނަމަ 14،783 ފޫޓް މަތީގައި ހުންނަ މި ފަރުބަދަ އަށް އަރާލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ޔުލޯންގް ސްނޯ މައުންޓެއިން މަތިން ކޭބަލް ކާރުގައި މައްޗަށް އަރަނިކޮށް ނަގާފައިވާ ފޮޓޯއެއް

އަހަރެންވެސް މި ދަތުރުގައި ފަރުބަދައަށް އަރަން ވެގެން ފިނި ހެދުމާއި ޖެކެޓާއި އަންގި އަރުވައިގެން ހޮޓަލުން ނައްޓާލިއިރު، ހުރިހާ ނޫސްވެރިންވެސް ތިބީ ޝައުގުން ފުރިފައެވެ. ހޮޓަލުން ގަޑިއެއްހާ އިރު ދަތުރުކޮށްފައި ފަރުބަދައާއި ކައިރިވ ވަރަކަށް ޔުލޯންގް މަލަމަތީ ވަރަށް ރީތިކޮށް ފެނެއެވެ. އެ ހިސާބުންވެސް އެތަނުގެ ހިތްގައިމުކަން ފެނިގެން ދިޔައިރު ގިނަ ނޫސްވެރިންނަށް މިއީ އެފަދަ ފަރުބަދައެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ބުނަމުން ދިޔައެވެ.

ބަސް މަޑުކުރުމާއެކު އެންމެ މިނިޓަކަށްވެސް މަޑުނުކޮށް އެންމެންވެސް މިސްރާބު ޖެހީ ފަރުބަދަ އަށް އަރާނެ ގޮތް ހޯދުމަށެވެ. ދިގު ކިޔޫ އެއް ހުރަސް ކުރުމަށް ފަަހު ސްނޯ މައުންޓެއިން އަށް އަރަން ޖެހުނީ ކޭބަލް ކާރުގަ އެވެ. އެ ތަޖުރިބާވެސް ވީ މުޅިން އައު އެހާމެ އުފާވެރި ތަޖުރިބާއަކަށެވެ. ގާތްގަނޑަށް ކޮންމެ 10 މިނިޓުން ކަހަލަ ގޮތަކަށް ފަރުބަދަ އަށް ކޭބަލް ކާރު ދަތުރުކުރެ އެވެ. ކޭބަލް ކާރުން މައްޗަށް އަރަމުންދާއިރު ބައެއް ފަހަރު ކޭބަލް ކާރު އަރިއަޅާލާހެން ވެސް ހީވާ ކަހަލައެެވެ. އެކަމަކު އެކަންވީ މަޖާ ކަމަކަށެވެ.

ޔުލޯންގް ފަރުބަދައަށް ދަތުރުކުރަމުންދާ ކޭބަލް ކާރެއް

ކޭބަލް ކާރު މަޑުކޮށްލީ ފަރުބަދައިގެ އެންމެ މައްޗަށެވެ. އެއާއި އެކު އެންމެން އަވަސް ވެގަތީ ފޮޓޯ ނަގައި އަވަހަށް ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރުމަށެވެ. ވާނީވެސް އެހެންތާއެވެ. ފަރުބަދައިގެ އެންމެ މަތީގައި ތިބިއިރު ކުރެވެމުން ދިޔައީ ނުހަނު ހިތްގައިމު އިހުސާސެކެވެ.

ބައެއް ނޫސްވެރިން ވީޑިއޯ ކޯލް ކޮށްގެން ވެސް އެތަނުގެ ރީތީ ވާހަކަ ގާތް ރައްޓެހިންނާއި އާއިލާ މީހުންނަށް ކިޔަދެމުންދެ އެވެ. އެހާ އުސްތަނަކަށް ވާތީވެ ބައެއް މީހުން އޮކްސިޖަންފުޅި ހިފައިގެން ވެސް އުޅެ އެވެ. އަހަރެން ދޯއެވެ؟ އަހަރެންނަށް ހުރެވުނީ ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރު ފެނި އާޝޯހުވެފަ އެވެ. ދެ ފަޅިއަކަށް ބޯ ހޫރާލާފައި ބަލައިލެވެނީ މީހުންގެ މޫނު މަތިން ފެންނަ ހިތްހަމަ ޖެހުމަށެވެ.

ފަރުބަދަ މަތީގައި ބަޔަކު ފޮޓޯ ނަގަނީ

އަވި ދީފައި އޮތުމުން ހީކުރިވަރަށްވުރެ ފިނި މަޑެވެ. ފަސް ޑިގްރީ ސެލްޝިއަސް ގައި ފިނިހޫނު މިން ހުރި އިރު މާ ދުރު ނޫން ހިސާބެއްގައި ހޫނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވަރަށް ހޫނުކޮށް ހަދާފައި ހުރި ސޮސެޖާއި ކުކުޅު ވިއްކަން ހުއްޓެވެ.

މުޅި ފަރުބަދަ ވަށާލައިގެން ވަނީ ސްނޯގެ އަސަރުންނެވެ. މި ފަރުބަދައިގެ ރީތީކަން ހަމަލޮލުން ބަލާލަން އެތައް ފަތުރުވެރިޔަކު ލީޖިއާން އަށް ދަތުރު ކުރެއެވެ. ކޮންމެއަކަސް ލީޖިއާން އަށް ދެވިއްޖެއްޔާ މިތަނަށް ޒިޔާރަތް ނުކޮށް ދޫކޮށްނުލައްޗެވެ!

ބްލޫމޫން ވެލީ

ފަރުބަދަ އަށްވެސް އެރިއްޖެއެވެ. ފަރުބަދައިގެ ރީތިކަން ބެލުމަށް ފަހު ބަސް ދުއްވާލިއިރު ދެން ދާން މިއުޅޭ ތަނެއް ނޭނގި ހަމަ ހުރެވުނީ އެތަނުގެ މަލަމަތީ ބަލަށެވެ. އެހެން ހުއްޓާ ބަސް ދުއްވާލި ތަނާއި އެކު ދެން ފެންނަނީ ނޫކުލައިން ޖަރީކޮށްފައިވާ ވަރަށް ރީތީ ފެންގަނޑެކެވެ.

ދުރުން ފެންނަ އިރުވެސް މި ފެންގަނޑަކީ އާދައިގެ ފެންގަނޑެއް ނޫންކަން ސިފަވާ ކަހަލައެވެ. ''އެ ފެންްނަނީ ބްލޫމޫން ވެލީ'' އެ ތަނާއި ދިމާލަށް އިޝާރަތް ކޮށްފައި ގައިޑް ބުނެލި އެވެ. މި ބްލޫމޫން ވެލީ އަކީ އެތަން ވަށައިގެން ހިތް ގައިމު އެތައް މަންޒަރުތަކެއް ފެންނަ ތަނެކެވެ. އެއް ފަރާތުން ގަސްތަކުން ފިނިވައި ލިބޭއިރު، އަނެއް ކޮޅުން ފެންނަނީ ވޯޓާ ފޯލެވެ. އަދި މި ނިމުނީކީ އެއް ނޫނެވެ.

މި ތަނުން އަދި މާ ރީތިކޮށް ސްނޯ މައުންޓެއިން ފެނެއެވެ. ކޮންމެ ދިމާލަކަށް ކެމެރާ ދިއްކޮލިއަސް ފެންނަ މަންޒަރުތަކުން އާށޯހުވެ އެވެ.

ބްލޫމޫން ފެންގަނޑު

އެކަމަކު މި ލޭކް ބަލާލަން އެތަނުގައި ހުރި ސިޑިން މަޑު މަޑުން ހިނގައިގަތީމެވެ. ހަަމަ ކުރިންވެސް ފެނުނުހެން މި ވެލީ ވަރަށް ވެސް ސާފެވެ. އެކަމަކު މި ފެންގަނޑުގެ ސިއްރެއްވެއެވެ. ސްނޯ ފަރުބަދައިން ފައިބައިގެން އަންނަ ފެނުން އުފެދިފައިވާ މި ފެންގަނޑުގައި އޮންނަނީ ސާފު ނޫކުލައިންނެވެ.

ފެންގަނޑާ ދިމާލަށް ލޯ އަޅައިގެން ހުއްޓާ އެ ތަނަށް އައި މީހަކު ބުނީ، އެއަކީ ލައިމް ސްޓޯން ހުންނަ ފެންގަނޑަކަށްވާތީވެ ވާރެވެހޭއިރު ފެންގަނޑުގެ ކުލަ އެއްކޮށް ސާފު ކިރު ކުލައަށް ބަދަލުވާ ކަމަށެވެ. ކަންދިމާ ކުރި ގޮތަށް އެ ދުވަހަކީ އަވިދީފައި އޮތް ދުވަހެއް ކަމުން އެ ރީތީ މަންޒަރު ބަލާލަން ފުރުސަތެއް ނުލިބުނެ އެވެ.

ހޫނު މޫސުމުގައިވެސް އެ ތަނުގެ ފެން ހުންނަނީ އެއްކޮށް ގަނޑުވެފައެވެ.

ވާރޭ ވެހުނީމާ ފެންގަނޑުގެ ކުލަ ކިރު ކުލައަށް ބަދަލުވޭ

އެމީހާ އަދި ވަރަށް ޝައުގުވެރިވާ ވާހަކައެއް އެތަނާއި ބެހޭ ގޮތުން ކިޔައިދިނެވެ. އޭނާ ބުނީ، ކުރީގެ މީހުން ބުނާ ގޮތުން ނަމަ ނާޝީގެ ދަރިފަސްކޮޅުގެ ޒުވާން ދެ ކުއްޖަކު ލޯބިވެގެން، ފިރިހެން ކުއްޖާ އޭނާގެ ލޯބި އަންހެން ކުއްޖާ އަށް ހާމަ ކޮށްދިނުމަށް ފިނި މޫސުމުއްގައި ހުސްފަޔާ އެކު އެ ފެންގަނޑަށް އެރުނު ކަމަށެވެ.

އެހެންވެ އެ ފެންގަނޑަށް ނާޝީން ކިޔަނީ '' ލޯބީގެ ކޯރު'' އެވެ.

ފެންގަނޑަށް ފެން ފައިބަނީ ޔުލޯންގ ކޯރުން

މިއީ ހަމަ ބަލާ ފޫހިނުވާ ދުނިޔެމަތީގެ އަޖައިބެއް ފަދަ ތަނެކެވެ. މަޑު މަޑުން ބަހާ ދިމާލަށް ހިނގަގަންނަމުންވެސް އެތަނަށް ހަމަ ބެލޭ އެވެ. އެކަމަކު އެތަން ދޫކޮށް ދިޔައީ އަދި އެއް ފަހަރު ނަމަވެސް މި ރީތި ފެންގަނޑު ބަލައިލަން އާދެވޭނެ ކަމުގެ އުއްމީދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ