ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 11:29
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
އެމްއެމްޕީއާރުސީ
އަދީބުގެ ފޯނާއި ލެޕްޓޮޕްގައި ހުރި 73،000 ޓެކްސްޓް މެސެޖްތަކުގައި ކުރެވިފައިހުރި މުއާމަލާތްތައް އެނގޭ: ރައީސް ނަޝީދު
 
ނަޝީދު ވިދާޅުވީ އެމްޑީޕީން އެމްއެމްޕީއާރުސީގެ ފައިސާ އާއި ގުޅިގެން ބޭރުގެ އިދާރާތަކާއި ގުޅިގެން ހޯދުންތަކެއް ހޯދިކަމަށް
 
ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ލިބިފައިވޭތޯ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިވަޑައިގެންފައި
 
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައިވަނީ 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަންނަވާފައިވާ ކަމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނާއި ލެޕްޓޮޕްގައި ހުރި 73،000 ޓެކްސްޓް މެސެޖްތަކުގައި މުއާމަލާތް ކުރެވިފައި ހުރި ހުރިހާ މުއާމަލާތެއް އެނގިވަޑައި ގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ހާމަކުރުމަށް ދައުލަތުގެ އިދާރާތަށް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައިވަނީ 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަންނަވާފައިވާ ކަމަށެވެ. އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ލިބިފައިވޭތޯ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބުރާސްފަތި ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެކޮމިޝަނުން ހިންގާ ތަހުގީގު އަވަހަށް ނިންމާ އެކޮމިޝަނަށް ދައުވާ ކުރަން ޖެހޭ ބައެއްގެ މައްޗަށް ވީހާވެސް އަވަހަށް ދައުވާ ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މައްޗަށް މިކަމުގެ ތުހުމަތުކުރެވޭއިރު އެކަން ސާފުނުވެ އޮތުމަކީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ މައްޗަށް އެކަމުގެ ތުހުމަތު ކުރެވިގެންދާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެެވެ.

އެހެންވީމާ ސާފު ސާދާކޮށް ތިބި މެމްބަރުންގެ ހިތްއަވަސްވާނެ މިކަން ސާފުނުވެ އޮތްހާ ހިނދަކު. އެސެޓް ރިކަވަރީ ކޮމިޝަންގެ ކިބައިން އެދެން އަދި ފުލުސް އޮފީހުގައިވެސް އެދެން އަދި ބަންޑާރަ ނައިބުގެ އަރިހުންވެސް އެދެން އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާ އެންމެހާ ފަރާތްތަކާ ގުޅޭގޮތުން ދައުވާ އުފުލައިދޭށޭ. ދެކޭގޮތުގައި އެފައިސާގައި ޖެހިފައިވާ މީހުން ވަރަށް ސާފުކޮށް ފުލުހަށާއި ކޮމިޝަނަށްވެސް އެނގޭނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެމްއެމްޕީއާރުސީގެ ފައިސާ އާއި ގުޅިގެން ބޭރުގެ އިދާރާތަކާއި ގުޅިގެން ހޯދުންތަކެއް ހޯދިކަމަށެވެ. އެގޮތުން އަދީބުގެ ފޯނާއި ލެޕްޓޮޕް އެމްޑީޕީއަށް ލިބުމާއި ގުޅިގެން އެތަކެތި ފޮރެންސިކް އެކައުންޓަންޓް އަތަށް ދީގެން އެކަން ބެލިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ފޮރެންސިކް އެކައުންޓަންޓް ލިޔުނު ރިޕޯޓް ވަނީ ބަންޑާރަ ނައިބާ ހަވާލުކުރައްވާފައި ކަމަށާއި ބަންޑާރަ ނައިބު ވަނީ އެމައުލޫމާތު ކޮމިޝަނާރ ހަވާލުކޮށްފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮމިޝަނުން އޭގައިހުރި ނަންތަކައި އައިޑީ ނަންބަރު ޗެކްކުރަން ނުޖެހޭވަރަށް އެމަސައްކަތް ކޮށް ނިމިފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

73000 ޓެކްސްޓް އޭގައި ހިމެނޭ. އެހުރިހާ ޓެކްސްޓް ވަކިން ލިޔެވި އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވި އެނާއަކީ ކާކުތޯ އެ ޓެކްސްޓް ދިޔައީ ކާކަށްތޯ މަޖިލީހުގެ ކޮން މެމްބަރެއްގެ ފޯނަކަށްތޯ، ކޮންކޮން މެމްބަރުންނެއްތޯ އަދީބު އާއި މުއާމަލާތްކުރަނީ. މިމައުލޫމާތުތަކަކީ ވަރަށް ސާފުކޮށް އެނގިހުރި މައުލޫމާތު. ފުލުހުންނަކަށްވެސް އަދި އެހެން މީހަކަށް ވެސް ވިދާޅެއް ނުވެވޭނެ ތަހުގީގުކުރަނީ އެކޭ. މިވާހަކަ މިދައްކަނީ އެކަން ވަރަށް ރަނގަޅަށް އެނގިހުރި މީހެއް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެކުރިން މާލިއްޔަތު ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތުގެ ވަޒީރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން މާލިއްޔަތު ކޮމެޓީގައި ވެސް އެ މައްސަލައިގައި ޝާމިލުވާ ބައެއް މެމްބަރުން ތިބިކަމަށެވެ. ސިއްރު ބައްދަލުވުމުގައި ޕީޖީ ވިދާޅުވި ނަންތަކެއް ފަހުން ހާމަވެގެންދިޔުމުން އެކަންތައް ބަލާނެކަމަށް އެކޮމިޓީންވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ވިދާޅުވެފައެވެ. ކުރިން ހާމަކޮށްފައިވަނީ އެފައިސާ ލިބިފައިވަނީ 177 މީހުންނަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
0%
0%
28%
6%
33%
ކޮމެންޓް