ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 19:46
ެރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް އިންތިހާބު ކާމިޔާބުވީ ދުވަހު އުފާ ފާޅުކުރައްވަނީ
ެރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް އިންތިހާބު ކާމިޔާބުވީ ދުވަހު އުފާ ފާޅުކުރައްވަނީ
އެމްޑީޕީ
މަގޭ ރިޕޯޓް
ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސް. އެކަމަށް ހުރަހެއް ނޭޅޭނެ!
 
އެގޮތުން މިނިވަން މުއައްސަސާތަކަށް އައްޔަންކުރަން ރައީސް ފޮނުއްވެވި މުޅި ލިސްޓުވެސް ބޭރުކޮށްލާފައިވޭ
 
މަޖިލީހުން އަންނަނީ ރައީސްގެ ބައެއް ނިންމުންތަކަށް ނޫނެކޭ ބުނަމުން

ރިޔާސީ ނިޒާމެއްގެ މާނަ އެނގިލައްވާތޯއެވެ؟ ރިޔާސީ ނިޒާމަކީ އެ ނިޒާމެއްގައި ރައްޔިތުން އިންތިޚާބުކުރާ ރައީސަކު ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން، އެންމެހައި ބާރުތައް މިލްކު ކުރައްވައިގެން ހިންގަވާ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމް ބަރުލަމާނީ ނިޒާމާ އެންމެ ތަފާތުވާ ކަމަކީ، ރައީސާއި އެ ރައީސަކު އައްޔަންކުރައްވާ ވަޒީރުން ކޮންމެ ކަމެއްގައި ގާނޫނު ހަދާ މަޖިލީހަށް ބަރޯސާވާން ނުޖެހުމެވެ. ދައުލަތް ހިންގުން އޮންނަނީ ތިން ބާރުގެ މައްޗަށް ވަކިވެފައިވާ ނިޒާމެއްގައެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މުޅި ދައުލަތް ހިންގަވާނީ ރައީސެވެ. ގާނޫނު ހަދާ މަޖިލީހުން ހަދާނީ ގާނޫނެވެ. އަދި އެ ގާނޫނު ނެގެހެއްޓުމުގެ ބާރު މި އޮންނަނީ ޝަރުއީ ކޯޓުތަކުގެ އަތް މަތީގައެވެ. ދައުލަތް ހިންގަވާ ވެރިޔާގެ ހައިސިއްޔަތުން، ރައީސަކަށް ގިނަގުނަ ބާރުތަކެއް ލިބިގެންވާއިރު، ދައުލަތް ހިންގަން ބޭނުންވާ ހުރިހާ ގުނަވަންތަކެއް ހިންގެވުމުގައި، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފު ނުވާހާ ހިނދަކު އެ ރައީސްގެ ބާރަށް ހުރަސް އެޅޭނެ ހަމަ އެއްވެސް ގޮތެއް ނޫނީ އެއްވެސް ބާރެއް މި ނިޒާމުގެ ތެރޭގައި ހުރެގެން ނުވާނެއެވެ. ނަމަވެސް މި ދެކެވުނީ ފުރިހަމައަށް ހިންގާ ރިޔާސީ ނިޒާމެއްގެ ވާހަކަކަން ފާހަގަކޮށްލަމެވެ.

މި ދިވެހިރާއްޖޭގައިވެސް އޮތީ ރިޔާސީ ނިޒާމެކެވެ. ދައުލަތް ހިންގެވުމުގެ އެންމެ އިސް ވެރިޔަކީ ރައީސެވެ. އަދި އެ ދައުލަތް ހިންގުމުގެ ހުރިހާ އާރާއި ބާރެއް، ގާނޫނުތަކާއި ގަވައިދުތަކާއި ތަޢާރުޒު ނުވާހާ ހިނދަކު އޮންނަނީ ރައީސްގެ އަތްޕުޅުގައެވެ. ނަމަވެސް، މިއަދު މި ރާއްްޖޭގައި ހިނގާ ބައެއް ކަންކަމުން، މި ގައުމުގައި މި ހިނގަނީ ހަމަ އެ ނިޒާމް ކަމާއި މެދު ޝައްކު އުފެދޭ ހާލަތްތައް އެބަ އާދެއެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ނިންމާ ނިންމުންތައް ބޭކާރެވެގެންދާ މަންޒަަރު މަދުން ނަމަވެސް ފެންނަން ފަށައިފިއެވެ.

މިސާލަކަށް، ރައީސަށް ލިބިލައްވާ ބާރުތަކުން ކޮމިޝަންތަކަށް ހުށައަޅުއްވާ ނަންތަކަށް ބަލާލަމާ ހިނގަމާތޯއެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިވަން މުއައްސަސާތަކަށް ބަޔަކު ކުރިމަތިލުމުން، އެވެރިންގެ ތެރެއިން އެ މުއައްސަސާތަކަށް ބަޔަކު އައްޔަނުކުރަން ފޮނުވުމުގެ ބާރު މި އޮންނަނީ ރައީސްގެ އަތްޕުޅުގައެވެ. އަދި ހަމަ ރައީސް އިސްކަންދެއްވާ ތަރުތީބަކުން އެ ނަންތައް ފޮނުވުމުގެ ބާރުވެސް ގާނޫނު އަސާސީއިން އޮތީ ކަށަވަރު ކޮށްދީފައެވެ. އެއީ ރައްޔިތުން އިންތިހާބުކުރާ ވެރިޔާގެ ހައިސިއްޔަތުން، ރައީސްއަށް ކޮންމެހެން ދޭން ފެނިގެން ދީފައި ހުރި ބާރުތަކާއި އިޚުތިޔާރުތަކެވެ.

ހިތާމަޔަކީ، ކަޅާއި ހުދުން މިހާ ރީއްޗަށް ލިޔެވިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް މިއަދުގެ މަޖިލީހުގެ ބައެއް ނިންމުންތަކުން ގޮން ޖަހަމުންދާ މަންޒަރެވެ. ބައެއް ފަހަރު ރައީސާއި މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީތަކުން ނިންމާ ނިންމުންތަކަށް ވުރެ މަތިން ކަންކަން ނިމިގެންދާ މަންޒަރެވެ. ފޮނުވާ ނަންތަކަށް އެކަށީގެންވާ "މަރކްސް" ނުވަތަ އެތިއްބަވާ މެމްބަރުންގެ ރުހުން ނުލިބި އަލުން އަނބުރާ ފޮނުވާލާ މަންޒަރެވެ. މިއީ ހަގީގަތުގައިވެސް މި ނިޒާމުގެ ތެރޭގައި ކަން ހިނގައިގެން ދާނެ ގޮތެއް ނޫންކަމަށް މިއަދު އަޑު އުފުލާ މީހުން މަދެއް ނޫނެވެ.

ހަރުދަނާ ރިޔާސީ ނިޒާމެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭނުންވަނީ އެއްބާރުލުމެވެ. މިހެން މި ދަންނަވަނީ، ނިސްބަތުން ޅަފަތުގައި އޮތް ފެހި ގާނޫނު އަސާސީއާއި، ބަދަލުވަމުން އަންނަ ދުނިޔެއާއި އެއްގޮތަށް މި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް ގަބޫލުކުރާ ހާލުުގައެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުވެސް ވަކާލާތު ކުރެއްވީ އެކަމަށެވެ.

ނަމަވެސް، މަޖިލީހަކަސް އަދި ޝަރުއީ ކޯޓަކަސް، މި ނިޒާމުގެ ތެރޭގައި ރައީސްގެ ނިންމުމަކާ ދެކޮޅު ހެދޭނީ ނުވަތަ ގަބޫލު ނުކުރެވޭނީ ގާނޫނު އަސާސީއާ ތައާރުޒު ވާނަމައެވެ. ނޫނީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވާ ނަމައެވެ. އެ ނޫން އެއްވެސް ހާލަތެއްގައި އެއިން ނިންމެވުމަކަށް ނޫނީ ބޭނުންފުޅުވެލައްވާ ގޮތަކަށް، ގޮތް ނުބުނެވޭނެއެވެ. އަދި އެ ނިންމެވުންތައް ބަލައި ނުގަނެ އަނބުރާ ފޮނުވައެއްވެސް ނުލެވޭނެއެވެ.

މިއަދުގެ މަޖިލީހުގައި ތިއްބެވި މެމްބަރުން މިކަން ގަބޫލުކުރަން އެބަޖެހެއެވެ. މަޖިލީހަށް އޮތް ޒިންމާއަކީ، ނުވަތަ މި ނިޒާމުގެ ތެރެއިން ދެވިފައިވާ ބާރަކީ ގާނޫނުތައް ހެދުމުގެ ބާރެވެ. މަޖިލީހުގެ ރުހުން ހޯދަން ފޮނުވާ ނަންތައް ބޭރުކުރުމުގެ ކުރިން މިކަންކަން ހަނދުމަފުޅު ކުރައްވަން ޖެހޭނެއެވެ. އިސްވެ ދެންނެވުނު ފަދައިން، ކުރިން ދެންނެވި ހާލަތަކަށް ނުފެތޭހާ ހިނދަކު އެ ނިންމުންތަކަށް ގޮންޖެހުމުގެ ބާރެއް ނެތެވެ. އަދި މި ނިޒާމުގެ ތެރޭގައި އޮވެގެންވެސް ނުވާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
7%
47%
7%
33%
0%
7%
ކޮމެންޓް
ގުޅުންހުރި