ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 10:57
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު
މުހައްމަދު ޝަރުހާން
މަރު ކޮމިޝަން
ޑރ އަފްރާޝިމްގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން މަރުގެ ކޮމިޝަނުން ޕީޖީއަށް ފޮނުވައިފި
 
ޝަހީމްގެ މައްޗަށް ދައުވާ އުފުލީ ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ
 
ކޮމިޝަނުން ވަނީ ޑރ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ހުށަހަޅާފައި
 
ޑރ ޝަހީމް ކޮމިޝަނަށް ދެއްވީ ހުސް ދޮގު މައުލޫމާތުތަކެއް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި ޑރ. ޝަހީމުގެ މައްޗަށް ދައުވާކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށެވެ.

17 ނޮވެމްބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މަރު ކޮމިޝަނަށް ފޮނުއްވެވި ސިޓީގައި ޑރ. އަފްރާޝީމް ރަހުމުކުޑަގޮތަކަށް މަރާލި ދުވަހު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫންކަމަށް ވިދާޅުވިޔަސް، އެ ދެ ބޭފުޅުންގެ ތެރޭގައި ބަދަލުކުރެވުނު އެސްއެމްއެސްތަކުން އެއް ދޮގެއްކަން ހާމަވެގެންދާ ކަމަށެވެ. ޑރ. ޝަހީމަކީ އަފްރާޝީމް މަރާލި ދުވަސްވަރު، އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވާގޮތުން، އެ ދުވަހު ލައިވް ޕްރޮގުރާމަކަށް އެރުމަށް ޑރ. އަފްރާޝީމް މާގިނައިން ގުޅުއްވާތީ އެވަގުތު ބިޒީކޮށް އުޅުއްވުމުން މެސެޖެއް ކުރިކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި ފަހުން ގުޅުއްވާނެކަމަށް ޑރ އަފްރާޝީމް އަރިހުގައި ދަންނަވާފައިވާކަމަށް އެ ބަޔާނުގައިވެއެވެ. ޝަހީމް ދެއްވި ބަޔާނުގައިވާގޮތުން އެއްވެސް އެންގުމަކާއި ނުލައި އަމިއްލަފުޅަށް މިނިސްޓްރީ ދޮށަށް ވަޑައިގެން ބައްދަލުކުރުމަށް އެދިލެއްވިކަމަށްވެސް ވެއެވެ.

އިދާރީ ބައްދަލުވުން ނިންމަވައި ޑރ. އަފްރާޝީމާއި ބައްދަލުކުރުމަށް ވިދާޅުވެފައިވާނެކަމަށާއި "ބައްދަލުވުމެއްގައޭ ދެންނެވީމަވެސް ބައްދަލުވުން ނިމެންދެން ބޭރުގައި މަޑުކޮށްލާނަމޭ ބުނެ، ޝަހީމްއާއި ބައްދަލުކޮށްފައި ނޫނީ ނުދާނަމޭ ވިދާޅުވެ އެތައް އިރެއް ވަންދެން އިސްލާމީ މަރުކަޒު ބޭރުގައި" ޑރ އަފްރާޝީމް އިންނެވި ކަމަށް ޑރ. ޝަހީމާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑރ އަފްރާޝީމް އެ ދުވަހުގެ މެންދުރު ނަމާދު ފަހުން ބައްދަލުކޮށް އެރޭގެ ޓީވީ ޕްރޮގުރާމަކަށް އެރޭގޮތް ހަދައިދިނުމަށް އެދިލެއްވިކަމަށެެވެ. "އެރޭ އިންނަ ޕްރޮގުރާމަށް އެރުމަށް އެދިލެއްވީ ސީދާ އެބޭފުޅާ" ޑރ ޝަހީމް ދީފައިވާ ބަޔާނުގައިވެއެވެ.

ޑރ އަފްރާޝީމް އެރޭ ޕްރޮގުރާމަށް އަރާ ވަޑައިގެންފައިވަނީ މިނިސްޓްރީން ނުވަތަ މިނިސްޓަރ އެދިގެން ނޫންކަމަށް ބަޔާނުގައިވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޑރ އަފްރާޝީމް "ބައްދަލުކުރެއްވަން ވަޑައިގެންނެވީ އެއްވެސް ވަރަަކަށް އަޅުގަނޑު (ޑރ. ޝަހީމް) އެދިގެން ނޫން" ކަމަށެވެ.

އެއީ ތެދުނޫން މައުލޫމާތުކަން ރައްޔިތުންގެ މަޖިލީހުގެ ރައިސްވެސް ކަށަވަރުކޮށްދެއްވާފައިވާއިރު އެސްއެމްއެސްތަކުން ޑރ ޝަހީމް އަމިއްލފުޅަށް މީޓީންގް އެރޭންޖްކުރުމާއި ބައްދަލުކުރުމަށް އެދިލެއްވިކަންވެސް އެނގެއެވެ. ޑރ. އަފްރާޝީމް އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމްގައި ބައިވެރުވުމަށް ހުށައެޅުއްވީ ޑރ. ޝަހީމް ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑރ. އަފްރާޝީމަށް އެ ޕްރޮގްރާމްގައި ބައިވެރިނުވެވިއްޖެ ހާލަތެއްގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުބާވެވަޑައިގަތުމުގެ ފުރުސަތު މަގުފަހި ކޮށްދެއްވުމަށްވެސް ޑރ. ޝަހީމު ހުށައެޅުއްވިއެވެ.

ޑރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
83%
0%
8%
0%
8%
ކޮމެންޓް