ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 13:03
ފަންނު އެކްސްޕޯއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޒިޔާރަތް ކުރެއްވުން
ފަންނު އެކްސްޕޯއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޒިޔާރަތް ކުރެއްވުން
ރައީސް އޮފީސް
ފަންނު އެކްސްޕޯ
ފަންނު އެކްސްޕޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު: އިކޮނޮމިކް މިނިސްޓްރީ
 
އަންނަ އަހަރު ވެސް ފަންނު އެކްސްޕޯ ބާއްވަން ނިންމާފައިވޭ
 
90 އިންސައްތަ ތަކެތި ވިކިފައިވާ މިނިސްޓްރީން މައުލޫމާތުދޭ
 
އެކްސްޕޯއަށް 15000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކުރި

ފަންނު އެކްސްޕޯއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑެވެލޮޕްމެންޓުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ މާރކެޓިންގ އެންޑް ޕްރޮމޯޝަން ފާތިމަތު ހިމާ ވިދާޅުވީ އެކްސްޕޯއަށް 15000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކުރި ކަމަށާއި 90 އިންސައްތަ އުފެއްދުން ވިކިފައިވާ ކަމަށް އެގްޒިބިޓަރުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި އެކްސްޕޯގެ ސަބަބުން އެ ފަރާތްތަކަށް ތަކެތި މާކެޓް ކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދިޔަކަން ފާހަގަކުރައްވާ ހިމާ ވިދާޅުވީ އެކްސްޕޯއާ މެދު ވަރަށް ގިނަ އެގްޒިބިޓަރުން ހިތްހަމަޖެހުނު ކަމަށެވެ.

ފަންނު އެކްސްޕޯ މި މަހުގެ 22 ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާ ހިމެނޭ ޞަރަޙައްދުގައެވެ.

މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. މިއީ ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކުރުމަށް އެހީވެދިނުމުގެ ގޮތުން ކުރިޔަށްގެންދިޔަ އެކްސްޕޯއެކެވެ.

ސަރުކާރުން މި އެކްސްޕޯ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާޢަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ޢާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މިއަންނަ އަހަރު ވެސް ފަންނު އެކްސްޕޯ ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ އެކްސްޕޯއަށް ގިނަ ޢަދަދެއްގެ މިނިސްޓަރުންގެ އިތުރުން ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުން ވެސް ވަނީ ވަޑައިގެންފައެވެ. ޢާންމުންގެ ފަރާތުން މި އެކްސްޕޯއަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
88%
0%
13%
0%
0%
ކޮމެންޓް