ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 17:48
\"ލާމަސީލު ޒުވާނާ\" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު
"ލާމަސީލު ޒުވާނާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
ލާމަސީލު ޒުވާނާ
"ލާމަސީލު ޒުވާނާ" ޕްރޮގުރާމް އިފްތިތާޙު ކޮށްފި
 
ކޭމްޕް ނިންމާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދުމުގައި އެހީތެރިކަން ލިބޭނެ
 
ކޭމްޕް ކުރިއަށްދާނީ 2 ހަފްތާގެ މުއްދަތަކަށް
 
އުމުރުން 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ބައިވެރިވެވޭނެ

ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ "ލާމަސީލު ޒުވާނާ" ޕްރޮގުރާމު އިފްތިތާޙުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޔޫތު ސެންޓަރުގެ ސެމިނަރ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގުރާމު އިފްތިތާޙު ކޮށްދެއްވީ ޔޫތު މިނިސްޓްރީ ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގުރާމު 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ ފަހުމުނާމާގައި ފުލުހުންނާއި ޔޫތު މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރ މަލީހު ސޮއި ކުރެއްވިއިރު، ފުލުހުންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު (އެމްސީ ހަމީދު) އެވެ.

ކޭމްޕެއް ގޮތަށް ކުރިއަށްގެންދާ މި ޕްރޮގުރާމު މެދުވެރިކޮށް ޒުވާނުންނަށް ގިނަ ހުނަރުތަކާއި، ޓީމް ބިލްޑިންގ ޙަރަކާތްތައް ދަސްކޮށްދެވިގެންދާއިރު، އުމުރުން 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޭމްޕުގެ ބައިވެރިން ބޭނުންކުރާ ޓީޝާރޓުވެސް ދައްކާލާފައެވެ.

ލާމަސީލު ޒުވާނާ ކޭމްޕުގެ ބައިވެރިންގެ ޓީޝާރޓް ދައްކާލުން

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، ޒުވާނުން ބާރުވެރި ކުރުމަށް ހިންގާ މިފަދަ ޕްރޮގުރާމުތައް ވަރަށް ކާމިޔާބު ކަމަށާއި، ވީހާވެސް ގިނަ ފަރާތްތައް މިފަދަ ޕްރޮގުރާމުތަކުގައި ބައިވެރިވުން މުހިއްމު ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، ހަމީދުގެ ވާހަކަފުޅުގައިވެސް ވަނީ މިފަދަ ޕްރޮގުރާމުތައް ހިންގުމުގެ މުހިއްމުކަމާއި، އޭގެ ސަބަބުން މުޖުތަމަޢަށް ކުރާ ފަައިދާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހަމީދު ވިދާޅުވީ، ފުލުހުންގެ ސްޓެރެޓެޖިކް ޕްލޭނުގައި މުޖުތަމަޢުގެ ސަލާމަަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުން ހިމެނިފައިވާ އިރު، މި ޕްރޮގްރާމުގެ ސަބަބުން އެކަން ހާސިލު ކުރުމަށް މަގުފަހުވެގެންދާނެ ކަމަށެވެ.

ލާމަސީލު ޒުވާނާ ނަމުގައި ކުރިއަށްގެންދާ ކޭމްޕުގެ ބައިވެރިންނަށް ވަކި ޞަރަޙައްދެއްގައި ކޭމްޕް ކޮށްގެން ތަމްރީނުތައް ކުރިއަށްގެންދާއިރު، ކޭމްޕް ނިންމާ ފަރާތްތަކަށް ވަޒީފާހޯދުމުގައި ފުލުހުންނާއި ޔޫތު މިނިސްޓްރީ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް