ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 14:46
އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަނީ-
އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަނީ-
މަޖިލިސް
ދީބާޖާ މައްސަލަ
ދީބާޖާ މައްސަލަ: އެޓަރނީ ޖެނެރަލް ރިފްއަތުގެ "ވާހަކަފުޅާއި ރާގު" ބަދަލުވެއްޖެ، މެމްބަރުން "ރަތަށް"!
 
ހުކުމް ރިވިއު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވި
 
ދެފަރާތުން ވާހަކަ ދައްކައިގެން މިހާރު ވަނީ 174 މިލިއަން ރުފިޔާއަށް ތިރިކޮށްފަ
 
ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރި

ދިބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް، އަލުން ސުޕްރީމް ކޯޓަށް މުރާޖަޢާ ކުރައްވަން ހުށަހަޅުއްވާނެ ކަމަށް ދައުލަތުގެ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެ، އެކަން ނުކުރައްވާ ދީބާޖާއަށް ގެއްލުމުގެ ބަދަލު ދޭން ސަރުކާރުން ނިންމާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ހާޒިރު ކުރައްވާ ބޭއްވި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ، ދީބާޖާ މައްސަލާގައި މާލިއްޔަތު ކޮމެޓީން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމަށް އެޓަރނީ ޖެނެރަލް ހާޒިރުކޮށް، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން، އެ ހުކުމުގައި ސުވާލު އުފެދޭ ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހުރިހަކަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަރަށް ސާފުބަހުން ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓު އޮތް ގޮތުން އެމައްސަލަ އަލުން މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިނަ މާއެދެވޭ ނަތީޖާއެއް ނުވަތަ އެޙުކުމަށް ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް އައިސް، ރިވިއު ކުރެއްވުމުގެ ފުރުޞަތު އޮތްނަމަ އެކަން ކުރައްވާނެ ކަމަށް ވަރަށް ސާފު ބަހުން އެޓަރނީ ޖެނެރަލް ރިފްއަތު އޮކްޓޯބަރު 14 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވިދާޅުވީ، އެހާސާފުބަހުން އަދި މުރާޖަޢާ ކުރެއްވުމުގެ ރޫޙުގައި އެވާހަކަ ވިދާޅުވުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުވެސް ބަދަލުވެފައިވާއިރު، ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ އެޙުކުމް އަލުން މުރާޖަޢާ ކުރުމުގެ ބަދަލުގައި ދީބާޖާއަށް ގެއްލުމުގެ ބަދަލު ދޭން ސަރުކާރުން ނިންމާފައިވާތީ، އެކަމުގައި "ގޮތް ނޭނގޭ" ކަންތައްގަނޑެއް ހިނގަމުންދާކަން ޤަބޫލު ކުރެއްވޭ ކަމަށެވެ. އަދި ރިފްއަތުގެ "ރާގު" މިހާރު ބަދަލުވެފައިވެފައިވާ ކަމަށް ވިދާޅުވެ، މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

މާލިއްޔަތު ކޮމެޓީގެ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އެޓަރނީ ޖެނެރަލް ރިފްއަތުއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އަދި ދީބާޖާ މައްސަލަ އަލުން މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ވެސް މެމްބަރުން އެޓަރނީ ޖެނެރަލް ރިފްއަތުގެ އަރިހުގައި އެދިވަޑައިގެންނެވި އެވެ.

މެމްބަރުންގެ ސުވާލުތަކާއި ގުޅިގެން ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ނިހާއީ ޙުކުމެއް އެމައްސަލާގައި ކޮށްފައިވާއިރު، އެފަދަ މައްސަލައެއް އަލުން ސުޕްރީމް ކޯޓަށް މުރާޖަޢާ ކުރަން ހުށަހަޅާއިރު، އެފަދަ މައްސަލައެއްގެ ޙައްޞާސްކަމާއި ޚާއްޞަ ޙާލަތާއި ޤާނޫނުތަކުން އެފުރުޞަތު ލިބިދޭ މިންވަރަށް ބަލާއިރު، ދީބާޖާ މައްސަލައަށް ރައީސް އޮފީހުގައި އޮންނަ ސެޓްލްމަންޓް ކޮމެޓީން މިހާރު ނިންމާފައިވާ ނިންމުމަކީ ޤަބޫލު ކުރެވޭ ނިންމުމެއް ކަމަށެވެ.

ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޙުކުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޙުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް ސަރުކާރާއި ދީބާޖާއާ ދެމެދު ވާހަކަ ދައްކައިގެން އޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ އަށް ގެއްލުމުގެ ބަދަލުގެ ޢަދަދު ތިރިކުރެވިފައިވާތީ، އެއީ ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހުމަށްވުރެން ދައުލަތަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

އެގޮތުން، ދީބާޖާއާއެކު އެއްބަސް ވެވުނުގޮތަށް 174 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު، ސެޓްލްމަންޓް ކޮމެޓީގެ ބައްދަލުވުމުގައި ނިންމައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ކޮމެޓީގެ އެނިންމުން ޙިއްސާ ކުރައްވާފައިވާ ކަމަށްވެސް ރިފްއަތު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވަނީ އެކިއެކި ސަރުކާރުތަކުން އެކިއެކި ފަރާތްތަކާއި އެއްބަސްވުންތައް ހަދައިގެން، ދައުލަތަށް މިހާތަނަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އެކަމަށް އަވަސް ޙައްލެއް ހޯދަން ޖެހޭކަމަށްވެސް ވިދާޅުވި އެވެ.

ދީބާޖާއަށް ދޭންޖެހޭ ގެއްލުމުގެ ބަދަލުގެ ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާ މިހާރު ދީބާޖާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެމައްސަލާގައި އަޑުއެހުމެއް މިމަހުގެ ތެރޭގައި ބޭއްވާފައި ވެއެވެ. އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
6%
0%
6%
61%
6%
22%
ކޮމެންޓް
5 ޑިސެންބަރ 2019 | ބުރާސްފަތި 09:18
ވަކަރުގެ
ދުވާލެއް ރޭގަނޑެއްނެތި ކުރާ ވައްކަމަށް، ޚައްޤު އަދަބު ލިބޭނެ ދުވަހެއް އަންނާނެ
27 ނޮވެންބަރ 2019 | ބުދަ 16:25
ބްރޯ
ރޭވިގެން ހިގާކަންކަން އެޓަނީން ކޯޓަށް އެއްވެސްކަމެއްސާފު ނުކޮށްދޭ އެޓަނީންވެސް ވަކާލާތު ކުރަނީ ދައުވާކުރާފަރާތާ އެއްކޮޅަށް
27 ނޮވެންބަރ 2019 | ބުދަ 15:41
އައްޔަ
ރޯމާ ދުވާލު ދައުލަތް ލޫޓުވާލަނި
27 ނޮވެންބަރ 2019 | ބުދަ 15:23
ޢަނީ
ކިހާ ތާހިރު މިހާރު މިކިޔާ އެތި..