ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 17:54
\"ޖާރނީ ޓު ދަ ސަނީ ސައިޑް\" ގެ ރޯޑްޝޯ ގެ ތެރެއިން
"ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ރޯޑްޝޯ ގެ ތެރެއިން
ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް
އެމްއެމްޕީއާރުސީ ރޯޑްޝޯ
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ބޮޑު ހަރަކާތެއް!
 
ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ވަނީ ބައިވެރިވެފައި

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފަރާތުން ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމަށް "ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ރޯޑް ޝޯއެއް ފަށައިފިއެވެ.

މިއީ މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފަރާތުން ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އިންތިޒާމްކޮށް މިއަހަރު ކުރިއަށް ގެންދާ މި ސިލްސިލާގެ 13 ވަނަ ރޯޑް ޝޯއެވެ.

ސިންގަޕޯރ އެއަރލައިންސްއާއި ގުޅިގެން ކުރިއަށްގެންދާ މި ރޯޑްޝޯ ކުރިއަށްދާނީ ޗައިނާގެ ބެއިޖިން، ޝަންހާއީ، ގުއަންޒޯ އަދި ޗެންޑޫގައި މި ނޮވެމްބަރު 25 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރޯޑްޝޯގެ މަގްސަދަކީ ޗައިނާ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާދާއިރާއެއްގައި ތަމްސީލް ކުރުމެވެ. އަދި މި ރޯޑްޝޯގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޗައިނާގެ އެންމެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެއަށް މިހާރަށްވުރެން އިތުރަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމަށް އެފަރާތްތަކާއި މަޝްވަރާކުރާނެއެވެ.

އެމްއެމްޕީއާރުސީ އާއި އެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ވަނީ މި ރޯޑްޝޯގައި ބައިވެރި ވެފައެވެ.

މި އިވެންޓްގައި ބެއިޖިން، ޝަންހާއި، ގުއަންޒޫ އަދި ޗެންގޑޫގެ ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަން ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން ރޮބިންސަން ކްލަބް މޯލްޑިވްސް އާއި ފުރަވެރި އައިލެންޑް ރިސޯޓުންނެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަރުތުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޗައިނާއިން ވަނީ ރާއްޖެއަށް 230،349 (ދެލައްކަ ތިރީސް ހާސް ތިންސަތޭކަ ސާޅީސް ނުވައެއް) ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 3.7 އިން ސައްތައިގެ ކުރިއެރުމެކެވެ.

ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެމްއެމްޕީއަރުސީން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އެގައުމުގައި މިއަހަރުތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ޗައިނާގެ އައުޓްބައުންޑް ޓްރެވަލްއަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ބޮޑު ފެއަރ، ޗައިނާ އައުޓްބައުންޑް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް (ކޮޓަމް) ގައި ވަނީ ބައިވެރި ވެފައެވެ.

އެއީ ދެލައްކައެއްހާ މީހުން ޒިޔާރަތްކުރި ފެއަރ އެކެވެ. މީގެ އިތުރުންވެސް ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތަކާއި އިތުރުން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި އައުޓްޑޯ އެޑްވަޓައިޒިންގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ސިންގަޕޯރ އެއަރލައިންސްއާއި ގުޅިގެން ވެސް ޗައިނާ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް އެމްއެމްޕީއާރުސީން ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ މިއަހަރަށް ރޭވިފައިވާ އެންމެ ފަހު ރޯޑްޝޯއެވެ.

އެހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު އެ މަރކެޓުން އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ކުރިއެރުން ލިބިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް