ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 18:12
ފުވައްމުލަކު ތުނޑީގައި އާންމުން މޫދަށް އެރެނީ
ފުވައްމުލަކު ތުނޑީގައި އާންމުން މޫދަށް އެރެނީ
ޓްވިޓަރ
ބޮޑު ޗުއްޓީ
އުފާވެރި ޗުއްޓީ އިތުރަށް އުފާވެރި ކޮށްލުމަށް މިކަންކަމަށް ސަމާލުކަންދީ!
 
ބޭރުގެ ގައުމަކަށް ދާނަމަ ފޮރިން މިނިސްޓްރީގެ ސައިޓްގައި ރަޖިސްޓްރީވާން ޖެހޭ
 
އިންފުލުއެންޒާ އިތުރުވެ ޑެންގީ އިތުރުވާތީ ސަމާލުވާންޖެހޭ
 
ގެދޮރު ރަނގަޅަށް ތަޅުގައި އަގުބޮޑެތި މުދާ ނުބެހެއްޓުމަށް އިލްތިމާސްކުރޭ

ޑިސެމްބަރު މަހަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރޭނެ އެއްމަހެވެ. އެމަހަށްޓަކައި ދުރާލާ ތައްޔާރުވާން ފަށައެވެ. ދާނެ ރަށެއް ނުވަތަ ގައުމެއް ބަލައެވެ. އަނެއް ބަޔަކު އުފަން ރަށަށް ދިއުމަށް ދޫރާލާ ރާވައެވެ. ދިގު އިންތިޒާރަކަށްފަހު އަހަރީ ޗުއްޓީއަށް ސްކޫލުތައް ބަންދުވާ ދުވަހު ބައެއް އާއިލާތަކުން ފުރަ މާލެ ސިޓީ ދޫކޮށް އަމިއްލަ ރަށަށް ޗުއްޓީ ހޭދަކުރުމަށް ފުރައެވެ. އަނެއް ބަޔަކު އަމިއްލަ ގައުމު ދޫކޮށް ރާއްޖެއިން ބޭރަށް ފުރައިގެންދެއެވެ. އެއީ މުޅި އަހަރުގެ ހާސް ކަމުން ދުރުވެ، ބޯހަމަޖައްސާލުމަށެވެ. އައިލާ މީހުންނާއި ބައްދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށެވެ.

މިއަހަރުގެ އަހަރީ ޗުއްޓީގެ ގޮތުގައި ދޮޅުމަސް ލިބޭއިރު، މިދުވަސްތަކުގައި އެކި މީހުން ކުރަނީ އެކި ކަންކަމެވެ. އާއިލާ މީހުންނާއެކު ޕިކްނިކް ދިއުމާއި، މަސްދަތުރުތައް ދިއުމާއި ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރު ކުރުމުގެ އިތުރުން ކުޅިވަރުގައި ވެސް އެހެން މަސްތަކާ ހިލާފަށް ބޮޑަށް ބައިވެރިވެ އުޅެއެވެ. އަދި ބޭރުގެ ގައުމުތަކުގަ ތަފާތު ތަޖުރިބާތައް ކުރުމަށް ގިނަ ވަގުތު ބޭރުގައި އުޅޭ މީހުން ވެސް މަދެއް ނޫނެއެވެ. ޗުއްޓީގައި އައިލާއާ ރައްޓެހިންނާއެކު ވަރަށް ފްރީ މާހައުލެއްގައި އުޅުމަށް ފުރުސަތު ލިބޭއިރު، ބައެއް ކަންކަމުން އަޅުގަނޑުމެން ހަނދާންނެތޭ ފަހަރު އާދައެވެ.

ޗުއްޓީތަކުގައި ކުލަ ޖެހުމުގެ މަޖާކަންކަން ކުރުމަކީ މިހާރު އާންމުކަމެއް

ނަމަވެސް އުފާވެރި ޗުއްޓީ އުފާވެރި ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. އެގޮތުން ފުރައިގެންދާއިރު، ގެތަކުގައި އަގުބޮޑެތި މުދާ ބަހައްޓާފައި ނުދިއުމާއި، ރަނގަޅަށް ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލުމާއި، އަދި އިތުބާރު ކުރެވޭ ފަރާތަކާ ދޭތެރެދޭތެރެއިން ގެ ބަލާލުމަށް ހަވާލުކޮށްފައިދިއުން ބުއްދިވެރިއެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް އަބަދުވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މިފަދަ ކަންކަމަށް ހޭލުންތެރިވުމަށް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަަރޒް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ވަނީ ސްކޫލު ޗުއްޓީއަށް ދިޔުމުގެ ކުރިން ޗުއްޓީއަށް ދާ ތަންތަނުގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވުމާއި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އާއްމު ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައެވެ. އަދި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީކަންކަން ރަނގަޅަށް ހުރިތޯ ބެލުމަށާއި ކުދިން ގޮވައިގެން ދަތުރު ގޮސް އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދީފައެވެ. އަދި ކުށް މަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ ކަންކަމަށް ހޭލުންތެރިވުމަށް ލީފްލެޓްތަކާއި ޕޯސްޓަރުތައް ވެސް ވަނީ ބަހާފައެވެ.

ފުލުހުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މީގެ އިތުރުން މިދުވަސްކޮޅަކީ ރާއްޖޭގައި އިންފުލުއެންޒާ އިތުރުވެ ޑެންގީ ވެސް އިތުވެދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. ޕިކްނިކް ގޮސް ބޭރުތެރޭގައި އުޅުމުގައި މަދިރިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެއެވެ. ގިނަ ބަޔަކު ރާއްޖެއިން ދަތުރުކޮށް، މީހުން އިތުރުވެ ގޭގެއަށް ޒިޔާރަތްކުރާމީހުން ވެސް އިތުރުވެގެންދާއިރު، އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އަޅައި، ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވާންޖެހެއެވެ. މިފަދަ ބަލިތައް ކޮންޓްރޯލް ކުރެވޭނީ އެންމެންގެ އެއްބާރުލުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަހަރުގެ ދިރާސީ އަހަރު ނިމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ވަރަށް އަގުހުރި ނަސޭހަތެއް ބެލެނިވެރިންނަށާއި، ދަރިވަރުންނަށްދީފައެވެ.

އެކަމަނާ ވިދާޅުވީ ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަންދިނުން ވަރަށް މުހިންމު ކަމަށެވެ.

ސްކޫލު ކުދިންތަކެއް ބެލެނިވެރިންނާއެކު

އެގޮތުން ޗުއްޓީގައި ހަމައެކަނި ކުޅިވަރާއި، މުނިފޫހިފިލުވުމަށް ކުދިންދޫކޮށްނުލާއި، ދަރިވަރުންނަށް ސްކޫލުން ދަސްވެފައިވާ ކޮންމެވެސް ހުނަރެއް ދަސްދިނުމަށް ވަނީ އެދިފައެވެ. އަދި ދީނީ ވާޖިބުތައް އަދާކުރުމަށް ކުދިންނަށް ބާރުއަޅާ، މަޖާ މާހައުލެއްގައި އުޅޭއިރުވެސް ރަނގަޅު އަހުލާގު މިންގަނޑުގައި ހިފެހެއްޓުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޗުއްޓީ ފުރިހަމަ ކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ބުރަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ރޭވުންތެރި މަސައްކަތުގެ ތެރެއިން ސްކޫލު ބަންދު ފެށުމުގެ ކުރިން ފުރަތަމަ ފަހަރަށް ސްކޫލްތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރތައް ވަނީ ހަވާލު ކޮށްފައެވެ. އެހެން އަހަރުތަކާ ހިލާފަށް ސްކޫލުގެ ކަންކަމުގައި ދެން ބެލެނިވެރިން ވިސްނަން ނުޖެހެއެވެ.

އެއަރޕޯޓުގައި ބަޔަކު ފުރުމަށް ކިއު ހަދައިގެން

އައު ސަރުކާރާއެކު ރައްޔިތުންނަށް ލިބުނު އިތުރު ލުއި ފަސޭހަކަމަކީ ވިސާއާ ނުލައި ރާއްޖެއިން ބޭރަށް ދެވޭ ގިނަ ގައުމުތަކަށް ދެވުމެވެ. މިއީ ވެސް ދިވެހިންނަށް ލިބޭ ބޮޑު އުފަލެކެވެ. ނަމަވެސް އެކި ގައުމުތަކަށް ދާ ދިވެހިން، ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ދަތުރުކުރާ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުންނަ ގައުމެއް ނަމަ އެއެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން އެދެއެވެ. އެއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ސަރުކާރާ ކަމާބެހޭ މުއައްސަސާތަކުން ރައްޔިތުންނަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްދީފިއެވެ. ކަންކަމަށް އިލްތިމާސްކޮށް އެލާޓްކޮށްދީފިއެވެ. ނަމަވެސް އަމާން ދަތުރަކަށް، އަމާން ޗުއްޓީއަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އަމިއްލަ ފަރުދީ ޒިންމާއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް