ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ރިޕޯޓު - ލަޝްކަރޭ ތައިބާ

މުމްބާއީ ޙަމަލާތަކަށް 11 އަހަރުވާއިރު، ލަޝްކަރޭ ތައިބާ އަދިވެސް ޕާކިސްތާނުގެ ޙިމާޔަތުގެ ދަށުގައި!

  • މި ހަމަލާތަކުގައި 170 މީހުން މަރުވެފައިވޭ
  • ޕާކިސްތާނުން ވަނީ އެ ގައުމުގެ ޖަމާއަތަކުން މި ހަމަލާގައި ބައިވެރިވީ ކަމަށް އިންކާރުކޮށްފައި
  • ލަޝްކަރޭ ތައިބާގެ ވެރިޔާ ހާފިޒް ހައްޔަރުކުރީ މި އަހަރުގެ ތެރޭގައި

އަމަން ހަލީމް
soupized

ކ. މާލެ 22 ނޮވެންބަރު 2019 | ހުކުރު 18:18 3,050

މުމްބާއީގައި ހުންނަ ތާޖް މަހަލް ހޮޓެލްއަށް ހަމަލާ ދިން ވަގުތު - ރޮއިޓަރސް

2008 ވަނަ އަހަރު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މުޅި ދުނިޔެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސިއްސުވާލީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށް ދިން ވަރުގަދަ ޓެރަރިސްޓް ޙަމަލާތަކާއިއެކުއެވެ. 4 ދުވަހަށް ދިގު ދެމިގެން ދިޔަ މިހަމަލާތަކުގައި ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ ޖަމާޢަތުން މުމްބާއީގައި ވަރުގަދަ 12 ހަމަލާދިނެވެ. 170 އަށްވުރެ ގިނަ މީހުން މިހަމަލާތަކުގައި މަރުވެ، 300 އެއްހާ މީހުން ޒަޚަމްވިއެވެ.

ޙަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންގެ އެންމެ ވަރުގަދަ އެއް ޖަމާޢަތްކަމަށްވާ ލަޝްކަރޭ ތައިބާއެވެ. މިޙަމަލާގައި ބައިވެރިވި މީހުން ތަމްރީން ހަދާފައިވަނީ ޕާކިސްތާނުގެ މުޒައްފަރުއާބާދުގެ ފަރުބަދަމަތީ ސަރަހައްދުގައެވެ. އަދި ޙަމަލާތައް ރާވާފައިވަނީ ޕާކިސްތާނުގެ ކަރާޗީއާއި ތައްޓާގައި ހުންނަ ލަޝްކަރޭ ތައިބާގެ ކޭމްޕްތަކުގައިކަމަށް 2009 ވަނަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ އޮފިޝަލުން ކަށަވަރުކޮށްދީފައިވެއެވެ. މިހަމަލާތަކުގެ ފަހަތުގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ އަތެއް ނުވާނެކަމަށާއި، ޙަމަލާގެ ފަހަތުގައި ތިބީ ބަންގްލަދޭޝްއާއި އިންޑިއާގެ ގްރޫޕްތައްކަމަށްވެސް ޕާކިސްތާނުން ފުރަތަމަ ބުނަމުން ދިޔައެވެ. އެހެންނަމަވެސް ފަހުން ޕާކިސްތާނުގެ ބަސްމަގު ބަދަލުކޮށް، ހަމަލާގައި ބައިވެރިވި މީހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުންޏެވެ. އޭގެ ފަހުން ފާއިތުވިވެގެން ދިޔަ ދުވަސްތަކުގައި ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބޭކަމަށް މުމްބާއީ ފުލުހުންނާއި އިންޑިއާގެ އޮފިޝަލުން ދިޔައީ ބުނަމުންނެވެ.

އދ އާއި ބައިނަލްއަޤްވާމީ މުޖްތަމައުގެ ފިއްތުންތަކާއިއެކު މުމްބާއިއަށް ދިން ޙަމަލާތަކުގެ ފަހަތުގައިވާ ބައެއްކަމަށް ބުނެ ޕާކިސްތާނުން ބަޔަކު ހައްޔަރުވެސް ކުރިއެވެ. އެހެންނަމަވެސް އެހުރިހާ އެންމެން ވަނީ ވަކި ހިސާބަކުން ދޫވެފައެވެ. އަދި މިހަމަލާތަކުގެ ފަހަތުގައި ޕާކިސްތާނުގެ ސަރުކާރުގެ އިދާރާތަކުގެ އަތެއް އޮވެދާނެކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްވެސް ވަނީ 2018 ވަނަ އަހަރު ތުހުމަތުކުރައްވާފައެވެ.

ލަޝްކަރޭ ތައިބާއަކީ މިހަމަލާތަކުގެ ފަހަތުގައިވާ ޖަމާޢަތްކަމުގައިވިޔަސް، މިއަދާއި ހަމަޔަށް އެޖަމާޢަތާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު މިހަމަލާއާއި ގުޅިގެންވެސް އަދި އެހެން ޙަމަލާތަކާއި ގުޅިގެންވެސް އެޅިފައިނުވާކަން ބައިނަލްއަގުވާމީ މުޖްމަތައުން ދަނީ ފާހަގަކުރަމުންނެވެ. އަދި އެޖަމާއަތަކީ މުޅި އޭޝިއާ ސަރަހައްދަށް އޮތް ބިރަކަށް ވަނީ ވެފައެވެ. 2008 ވަނަ އަހަރުގެ ހަމަލާތަކަށްފަހު މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ އުތުރު ޕުލްވަމާގައި އެޤައުމުގެ ސިފައިންނާއި ދެކޮޅަށް ދިން ހަމަލާގެ ފަހަތުގައިވެސް އޮތީ ލަޝްކަރޭ ތައިބާއެވެ. މިޙަމަލާތަކަށްފަހު ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ، ލަޝްކަރޭ ތައިބާގެ ވެރިޔާ ހާފިޒް ސައީދު ހައްޔަރުކުރުން ނޫން ގޮތެއް ނެތިގެން ޕާކިސްތާނުން މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އޭނާ ހައްޔަރުކުރިއެވެ. އެހެންނަމަވެސް އަދިއަދަށް ދާންދެންވެސް އޭނާއަށް ދެން ވީ ގޮތެއް ސާފުކޮށް އެނގޭ ގޮތެއް ނުވެއެވެ. ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކާއި މީޑިއާ އޮތީ އެމައްސަލައިގައި ހިމޭނުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަންދުގައި ހުރިނަމަވެސް ހާފިޒް ސައީދު ގެންދަނީ އޭނަގެ ޖަމާއަތް އޮޕަރޭޓްކުރަމުންނެވެ.

މުމްބާއީއަށް ދިން ހަމަލާތަކަށް 11 އަހަރުވާން ދާއިރު، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދަށް އޮތް ބިރު އަދިވެސް އޮތީ ހަމައެގޮތުގައެވެ. މިއަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ރިޕޯޓުގައި އެކަން ވަނީ ފާހަގަކޮށްފައެވެ. ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާކަމަށް ޕާކިސްތާން ސަރުކާރުން ބުނާއިރު، ހައްގާނީ ނެޓްވޯކާއި ލަޝްކަރޭ ތައިބާ އާއި ޖައިޝޭމުހައްމަދު ފަދަ ޖަމާއަތްތައް ޕާކިސްތާނުގެ ތެރޭގައި ހަރަކާތްތެރިވަމުން ދަނީ ވަރަށް މިނިވަންކޮށެވެ. މީގެ ތެރެއިން ބައެއް ޖަމާއަތްތަކުން ވަނީ ނިމިދިޔަ އަހަރު ބޭއްވި ޕާކިސްތާނުގެ އާއްމު އިންތިހާބުގައިވެސް ވާދަކޮށްފައެވެ. އަދި ޓެރަރިސްޓް ހަމަލާތައް ރޭވުމަށާއި ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެޖަމާއަތްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް ޕާކިސްތާނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަންވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް