ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 01:20
ސަބް ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް
ސަބް ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލިސް
ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ
މަސައްކަތްކުރީ ގަވައިދާ އެއްގޮތަށް، ރިޕޯޓް ހެދުމުގައި ދެ މެމްބަރުންވެސް ބައިވެރިވި: ހަސަން ލަތީފް
 
ރިޕޯޓަށް ބަަދަލެއް ގެންނަންޖެހޭކަމަށް ފެނިވަޑައިގަންނަވާތޯ އެއްސެވިން
 
ސަބް ކޮމިޓީ ރިޕޯޓް ފާސްކުރުމަށް އާދަމް ޝަރީފް ވޯޓު ދެއްވި

ރައްޔިތުންގެ މަޖިލީހުގައި، ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ސަބް ކޮމިޓީގެ ރިޕޯޓް އެކުލަވައިލުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފްވެސް ބައިވެރިވެ ވަޑައިިގެންނެވި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ލަތީފް އެހެން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ސަބް ކޮމިޓީގެ ރިޕޯޓް ތައްޔާރުކޮށްފައިވާނީ އޭނާ ކަމަށް މީޑިއާގައި ވާހަކަތައް ދައުރުވުމާއި ގުޅިގެންނެވެ.

އެ ރިޕޯޓާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި 241 ކޮމިޓީގައި، ހަސަން ލަތީފް ވަނީ ރިޕޯޓް އެކުލަވައިލުމުގެ އިތުރުން ސަބް ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ދިޔަގޮތުގެ ތަފްސީލު ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ، ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. ގަޑިއެއްހާއިރަށް ކުރިޔަށް ގެންދިޔަ އެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވީ ސަބް ކޮމިޓީގެ މެމްބަރު އާދަމް ޝަރީފް އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން މެމްބަރުންގެ ހިމެނޭ ކޮމިޓީއަކަށް ދެ މެމްބަރުން ހާޒިރުވެ ވަޑައިގަތުމުން ކޮމިޓީ ބޭއްވެނެއެވެ.

އޭނާ ވިދާޅުވީ، ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ސަބް ކޮމިޓީން ދިރާސާކުރާނެ ގޮތުގެ މަޝްވަރާ ކޮމިޓީގައި ކުރެވުނު ކަމަށެެވެ. އަދި އެއީ ބޮޑު މަސައްކަތަކަށްވާތީވެ ސެކެރެޓްރީ ޖެނެރަލަށް ދަންނަވައިގެން އިިތުރު ތިން މުވައްޒަފުން މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާކަމަށް ކޮމިޓީން އެދިވަޑައިގަތުމުން، އެ މުވައްޒަފުންނާއި އެކު މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެ މަސައްކަތް ކުރަން ނިންމި ގޮތަކީ ކޮމިޝަންގެ ރިޕޯޓުގެ އިތުރު ތިން ކޮޕީ ހަދައި އެއިން ކޮންމެ މުވައްޒަފަކަށް އަރުވަން. އަދި ސަލާމަތީ ހިދުމަތްތަތަކާއި ބެހޭ ކޮމިޓީން ފާހަގަކުރި ހަތް ނުކުތާގެ ތެރެއިން ފަސް ނުކުތާ އެ ފަސް ނުކުތާގައި ފާހަގަކޮށްފައިވާ މީހުންގެ ނަންތައް އަޅުގަނޑުމެން އެކި މުވައްޒަފުން ލައްވައި ކޮންމެ މުވައްޒަފަކު ވަކި ނުކުތާއަކާއި ގުޅޭ ގޮތުން ފާހަގަކުރެވޭ ކަންތަކުގެ ލިސްޓެއް ހެއްދެވުން.
ހަސަން ލަތީފް ~ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު

އެ މަސައްކަތް ނިމުމުން ސަބް ކޮމިޓީގެ ދެވަނަ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައިވެސް ބައިވެރިވެ ވަޑައިގެންނެވީ އާދަމް ޝަރީފްއެވެ. އެ ކޮމީޓީގައި ކުރި މަސައްކަތަކީ މުވައްޒަފުންނާއި ހަވާލުކުރެވުނު މަސައްކަތް ބެލުންކަން ފާހަގަ ކުރައްވަމުން ހަސަން ވިދާޅުވީ، އެރޭގެ ކޮމިޓީގައި މަސައްކަތް ކުރެއްވީ އެ ރެއިން އެ ރެއަށް މަސައްކަތް ނިންމަވާލެއްވުމަށް ކަމަށެވެ. އެކަމަކު މާ ބޮޑަށް ދަންވެފައިވާތީ މަސައްކަތް ހުއްޓާލިކަމަށް ވިދާޅުވިއެވެ.

ސަބް ކޮމިޓީން ބޭއްވި ތިންވަނަ ބައްދަލުވުމާއި ބެހޭ ގޮތުން ހަސަން ވިދާޅުވީ، އެ ބައްދަލުވުމަށް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވަޑައިގަތް ކަމަށާއި، އެއާއި އެކު ކޯރަމް ހަމަވުމުން ކޮމިޓީ ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ކުރެވުނު މަސައްކަތްތައް ހިއްސާ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، ރިޕޯޓު ނިންމެވުމަށްފަހު މައި ކޮމިޓީއަށް ފޮނުވުން އެންމެ ރަނގަޅުތޯވެސް މެމްބަރު ހުސައިން މުހައްމަދު އަރިހު އެއްސެވި ކަމަށާއިި، އަދި އޭނާ އެކަމަށް އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

އެ ރިޕޯޓުގައިވާ ކަންކަން ފަރެސް މާތޮޑާ ދާއިރާގެ އިއްޒަތްތެރި މެމްބަރާ އަޅުގަނޑާ ދެމީހުން ތިބެގެން އަކުރުން އަކުރަށް އެ ރިޕޯޓުގައިވާ ކަންކަން އިބާރާތުން އަޅުގަނޑު ދެންނެވިން މި ކޮމިޓީގައި. ވަކިން ވަކިން އެ ނަންބަރުތަކުގައިވާ ކަންކަން ފާހަގަކުރަމުން.
ހަސަން ލަތީފް ~ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު

ކޮމިޓީގެ ރިޕޯޓަކީ ކޮމިޓީގެ މެމްބަރުން އެއްވެސް އިރަކު ސޮއިކުރަން ޖެހޭ ރިޕޯޓެއް ނޫންކަަން ފާހަގަކުރަައްވަމުން ހަސަން ލަތީފް ވިދާޅުވީ، އެއީ ކޮމިޓީގެ މުގައްރިރު އެކަނި ސޮއިކުރައްވާ ލިޔުމެއް ކަމަށެވެ. ކޮމީޓީގެ ނިންމުވެމަށް ވޯޓު ދެއްވާފައިނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، ހަސަން ލަތީފު ވިދާޅުވީ ރިޕޯޓު ފާސް ކޮށްފައިވަނީ އާދަމް ޝަރީފްގެ ވެސް ބައިވެރިވުމާއި އެކު ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިްނ -- ފޮޓޯ: މަޖިލީސް

ސަބް ކޮމިޓީގެ ރިޕޯޓަަކީ ގަވާއިދާ ހިލާފަށް ހަދާފައިވާ ރިޕޯޓެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު، އެ ރިޕޯޓު ފާސްކުރުމަށް ވޯޓުދެއްވާފައިނުވާ ކަމަށް ކޮމީޓީގެ ދެން ތިބި ދެ މެމްބަރުންވަނީ ބައެއް މީޑިއާތަކުގައި ވިދާޅުވެފައެވެ. އަދި ފާސްކުރަން ވޯޓު ދެއްވާފައިނުވާ ކަމަށް ވިދާޅުވެ އެ ދެ މެމްބަރުން ވަނީ ޓްވީޓްވެސް ކުރައްވާފައެވެ.

ސަބް ކޮމީޓީން އެކުލަވައިލި ރިޕޯޓް ފާސްކުރަން ފެންނަ ކަމަށް ބޮޑު ކޮމީޓިގާއި އާދަމް ޝަރީފް ވޯޓު ދެއްވާފައިވެއެވެ. ހުސައިން މުހައްމަދަށް ވޯޓު ނުދެއްވުނީ އެ ވަގުތު ކޮމިޓީގެ މުގައްރިރު ކަމަށް އޭނާ ހުންނެވުމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
50%
0%
0%
ކޮމެންޓް