ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 13:42
އާސަންދައާއި އެންސްޕާގެ ބޭފުޅުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަޑައިގަތުން
އާސަންދައާއި އެންސްޕާގެ ބޭފުޅުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަޑައިގަތުން
ރާއްޖެއެމްވީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
އާސަންދައާއި އެންސްޕާގެ ޚިދުމަތްތައް ފަސޭހައިން ދިނުމާއި ގުޅޭގޮތުން ކޮމިޓީއާއި މަޝްވަރާކޮށްފި
 
ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށްވެސް ތެރަޕިއުޓިކް ފަރުވާގެ އިނާޔަތްތައް ލިބޭނެ
 
ރައްޔިތުންނަށް އޮޅުންއަރާ ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް ކޮމިޓީ މެމްބަރުން ހިއްސާ ކުރެއްވި
 
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި އަންނަ އަހަރު ބަޖެޓްގެ ދަތިކަމެއް ނެތް

އާސަންދަ ކުންފުންޏާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މެމްބަރުންނާ މަޝްވަރާކޮށްފިއެވެ.

ބުރާސްފަތި ދުވަހު އާސަންދައާއި އެންސްޕާއާއި ބައްދަލުކުރައްވައި ކޮމިޓީގެ މެމްބަރުން ވަނީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިކަން އޮޅުން ފިލުވައި، އަންނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ތެރަޕިއުޓިކް ފަރުވާއާއި ގުޅޭގޮތުން އަދިވެސް ރައްޔިތުންނަށް އޮޅުންއަރާ ކަންކަން ހުރިކަމާއި ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވައި މަޖިލީހުގެ މެމްބަރުން ވަނީ އެކަންކަން ހިއްސާ ކުރައްވާފައެވެ.

އެކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވީ، ދައުލަތުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ އިތުރުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ތެރަޕިއުޓިކް ފަރުވާގެ އިނާޔަތްތައް ލިބެން ހުންނާނެ ކަމަށާއި، އާސަންދައިގައި ރަޖިސްޓްރީކޮށްގެންނާއި، އެންސްޕާގެ ތެރަޕީ ސަރވިސްއަށް އެދޭ ފޯމް ހުށައަޅައިގެންވެސް އެ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.

އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާއިލް އައްޒާމް ވަޖީހު

އައްޒާމް އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ތެރަޕިއުޓިކް ފަރުވާއަށް އަންނަ އަހަރަށް ލިބިފައިވަނީ އުއްމީދީ ބަޖެޓެއް ކަމަށާއި، އެންސްޕާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަޖެޓުގެ ދަތިކަމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ލިބިފައިވާ ބަޖެޓާއި އެއްވަރަށް އެންސްޕާއިން ދޭ ޚިދުމަތްތައް ފުޅާކޮށް އަތޮޅުތެރޭގައިވެސް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އާސަންދައިގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެންސްޕާއާއި ގުޅިގެން ޚިދުމަތްތައް އަވަސްކަމާއި ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް އޮޅުން އަރާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ކުރިއަށް އޮތް ތަނުގައި ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އާސަންދަ ކުންފުނިން އެހެން ބުނެފައިވާއިރު، ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ލުއި ފަސޭހަގޮތެއްގައި ޚިދްމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ބޭނުމުގައި "ވިނަވި ޕޯޓަލް" ފަރުމާކޮށް، ރާއްޖޭގެ ހުރިހައި އަތޮޅެއް ވިނަވި ޕޯޓަލްއާއި ގުޅާލުމުގެ މަސައްކަތް އާސަންދަ ކުންފުނިން ވަނީ ކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަަށްދޭ "ތެރަޕިއުޓިކް" ފަރުވާއަށް ފާއިތުވި ދެ އަހަރުވެސް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް އަންނަ އަހަރު އެކަމަށްވެސް 36 މިލިއަން ރުފިޔާ ދައުލަތުން އިންވެސްޓް ކޮށްފައިވާއިރު، އެ ޚިދުމަތް މާލެއާއި އަތޮޅު ތެރޭގައިވެސް އިތުރަށް ފަސޭހަ ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އާސަންދައާއި އެންސްޕާއިން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
21 ނޮވެންބަރ 2019 | ބުރާސްފަތި 15:53
އެދުރު ހަސަން
ރައިއްޔަތުންނައް ހަމަހަމަ އުސޫލައަކުން ހިދުމަތްދިނުމައް ގޮވާލަން. ހަތެރެސްފައިގައި ވާގިހުރި ދުވެފަ އެންސްޕާ އަށް ދެވޭވަރުގެ ބަލިމީހުންނައް ގިނައިންފައިސާދީފައި ސްޓުރެޗަރ އަށްލައިގެން ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ގެންދާ ނިކަމެތި މީހާ ގެ އެހީތެރިޔާ އަށް މަދު ފައިސާކޮޅެއް ދިއްކުރުމަކީ ލަދުވެތި ހަޑި ހުތުރު އަމަލެއް. ނިކަމެތި ރައިއްޔަތުމީހާގެ ލޮލުންކަރުނަ އަންނަވަރުގެ ދެރެކަންކަން. އެންސްޕާގައި ގޯސްކޮއް ކަންތަ އެބަހިގާ. ރަގަޅުކުރުމައް ގޮވާލަން.