ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 17:33
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ
ގޫގުލް
ސްރީލަންކާ ގެ ބޮޑުވަޒީރަކަށް ރާޖަޕަކްސެ
ސްރީލަންކާގެ އާ ބޮޑުވަޒީރަކަށް އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ!
 
މިއީ ސްރީލަންކާގެ ތާރީޚުގައި ދެބެއިން އެޤައުމުގެ ޒަޢާމަތުގައި ތިއްބަވާ ފުރަތަމަ ފަހަރު
 
މަހިންދަ ރާޖަޕަކްސަ މަޤާމުގެ ހުވާ ކުރައްވާނީ މާދަމާގެ ވަގުތެއްގައި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެޤައުމުގެ އާ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވުމަށް، އަލަށް ރައީސް ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވި ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ ނިންމަވައިފިއެވެ.

ސްރީލަންކާގެ އާ ސަރުކާރުގެ ތަރުޖަމާނު ވިޖަޔަނަންދަ ހެރަތުއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އުމުރުން 74 އަހަރުފުޅުގެ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ބުރާސްފަތިދުވަހުގެ ވަގުތެއްގައެވެ. ބޮޑު ވަޒީރުކަމުގެ މަޤާމަށް މަހިންދަ ރާޖަޕަކްސަ ހަމަޖެއްސެވީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އޭނާގެ ޕާޓީއަށް ބޮޑު ނާކާމިޔާބާއި ކުރިމަތިލާންޖެހުމުންނެވެ.

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމާއި ޙަވާލުވެވަޑައިގަތުން ވެގެންދާނީ ސްރީލަންކާގެ ތާރީޚުގައި ދެބެއިން އެޤައުމުގެ ޒަޢާމަތުގައި ތިއްބަވާ ފުރަތަމަ ފަހަރަށެވެ. މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ބޭބޭފުޅު ޗަމަލް ރާޖަޕަކްސަ ހުންނެވީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ.

ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ގޯޓާބަޔަ ރާޖަޕަކްސެ ރައީސްކަމާއި ޙަވާލުވެވަޑައިގެން ބޭބޭފުޅު ރާޖަޕަކްސެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމެވިއިރު، ކޮއްކޯފުޅު ބަސިލް ރާޖަޕަކްސައާއި ބޭބޭފުޅު ޗަމަލް ރާޖަޕަކްސަވެސް ސަރުކާރުގެ މަޤާމުތަކަށް އައްޔަންކުރާނެ ފަދަ ޚަބަރުތައް ސްރީލަންކާގެ މީޑިއާއަށް ވަނީ ތިލަވެފައެވެ. ރިޔާސީ އިންތިޚާބަށް ގޯޓާބަޔަ ކެމްޕޭން ކުރެއްވި ދުވަސްވަރުވެސް، ސްރީލަންކާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، ޢާންމުންގެ ގިނަ ބަޔަކު ދިޔައީ ރާޖަޕަކްސަގެ އާއިލާގެ ވެރިކަމެއް ސްރީލަންކާގައި އިޔާދަވެދާނެ ކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާޖަޕަކްސަގެ ޢާއިލާ ވެރިކަމަށް އައިމަ، ކަންބޮޑުވުން ފާޅުކުރާ އެއްކަމަކީ މަހިންދަ ރާޖަޕަކްސަ ވެރިކަމުގައި ހުންނެވި ދުވަސްވަރު، ގޯޓާބަޔަ ރާޖަޕަކްސަ ޑިފެންސް ސެކްރެޓަރީގެ މަޤާމު ފުރުއްވިއިރު، އޭރު އެޤައުމުގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަށް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށެވެ. ސްރީލަންކާގެ މުސްލިމް ތަމަޅައިން ބުނަމުންދަނީ އޭރުގެ ސަރުކާރުން އެމީހުންގެ ޙައްޤުތައް ނިގުޅައިގަނެފައިވާކަމަށެވެ. އެހެންނަމަވެސް ސްރީލަންކާގެ ދުވަސްވީ ދާޚިލީ ހަނގުރާމަ ނިމުމަކަަށް ގެނައުމުގައި މަހިންދަ ރާޖަޕަކްސައާއި ގޯޓާބަޔަ ރާޖަޕަކްސަ ގެންގުޅުއްވި ހިކުމަތްތެރި ވިސްނުމަށް ތާޢީދުކޮށް އެބޭފުޅުންނަށް ތާއީދުކުރާ އާންމު ރައްޔިތުންނާއި، ވާގިވެރިވެދޭ ސިޔާސީ ފަރާތްތަކުން ދަނީ ތަޢުރީފުކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް