ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 18:41
ޕެރަމެޑިކް އެއާ އެމްބިއުލާންސެއްގެ ތެރެ
ޕެރަމެޑިކް އެއާ އެމްބިއުލާންސެއްގެ ތެރެ
ގޫގުލް
ސިއްހީ
އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުން: ހެލްތު މިނިސްޓަރ
 
މިސްރާބު ހިފާފައިވަނީ އާންމު ސިއްހަތާ ދިމާލަށް
 
އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާވެގެންދާއިރު އުމްރާނީ ގޮތުން އަންނަން ޖެހޭ ބަދަލުތައް އަންނާނެ
 
ޕެރެމެޑިކް ހިދުމަތަށް ވަރަށް ބޮޑު ސަމާލުކަމެއް ކުރިއަށް އޮތް އަހަރުތަކުގައި ދެވިގެންދާނެ

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ މި ސަރުކާރުގެ ތަޞައްވުރެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރެއްވުން ކަމަށެވެ. އަދި އޭގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ހަރުދަނާވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސެޕްގެ ތެރެއިން ޤައުމީ އެމްބިއުލާންސްގެ ޚިދުމަތަކީ ވެސް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެއާއެކު ކުއްލި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ޕެރެމެޑިކް ޚިދުމަތަށް ވަރަށް ބޮޑު ސަމާލުކަމެއް ކުރިއަށް އޮތް އަހަރުތަކުގައި ދެއްވާނެކަމަށް ވިދާޅުވިއެވެ.

"ކުއްލި ހާލަތުގައި ރަނގަޅު ތަމްރީނު ލިބިފައިވާ ފަރާތްތަކުން ފަރުވާ ފޯރުކޮށްދެވޭނެ. އަދި އެއްގަމު އެއްބިއުލާންސާއި ސީ އެމްބިއުލާންސް އަދި އެއަރ އެމްބިއުލާންސާ ހަމައަށް ދިއުމަކީ ތަޞައްވުރެއް. އެހިސާބަށް ދެވޭއިރު އަތޮޅުތެރޭގެ ސިއްހީ ނިޒާމު އޮންނާނީ ވަރަށް ބޮޑަށް ހަރުދަނާ ވެފައި. ކުރިއަށް އޮތް ފަސް އަހަރަކީ މުޅި ރާއްޖެއަށް ލާމަރުކަޒީ ވިސްނުމުގެ ތެރެއިން އެބަޔަކު ދިރިއުޅޭ ހިސާބަކުން އުފާވެރިކަން ލިބޭނެ ފަދަ ސިއްހީ ޚިދުމަތެއް ދެވޭނެ ފަސް އަހަރު"
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފުޅާވެގެންދާއިރު އުމްރާނީ ގޮތުން އަންނަން ޖެހޭ ބަދަލުތައް އަންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ޞަރަހައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ތަރައްޤީކުރުމުގެ އިތުރުން އެހެން ޞަރަޙައްދުތަކުގައިވެސް އިތުރު ހޮސްޕިޓަލްތައް ބިނާކުރެވިގެންދާނެ ކަމަށާއި، އެކަން މިހާރު ވެސް ވަކިޕްލޭނެއްގެ ދަށުން ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އެޅި ބިންގަލާއެކީގައި މިޞްރާބު ހިފާފައިވަނީ އާންމު ސިއްހަތާ ދިމާލަށް ކަމަށެވެ. އަދި އާންމު ސިއްހަތާ ދިމާލަށް މިސްރާބު ހިފާފައިވާ އިރު، އަމާޒަކީ ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއެރުވުން ކަމަށެވެ.

"އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ނަތީޖާ ހާސިލު ކުރެވޭނެ ފަސް އަހަރުގެ ތެރޭގައި. އަދި ފަސް އަހަރަށްވުރެ މާދުރަށް އަޅުގަނޑުމެންނަނީ މާ ދުޅަހެޔޮ ބައެއްގެ ގޮތުގައި ކުރަން ހުރި މަސައްކަތްތަކަށް އަޅުގަނޑުމެން އަމާޒުކުރާނީ. ހަމައެއާއެކީގައި އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް ބަދަލުވުމާއެކީގައި އަދި އެ ޓަރޝަރީ ހޮސްޕިޓަލުގެ ޚިދުމަތް އެ ސަރަހައްދަކަށް ލިބެން ފެށީމަ އެ ސަރަހައްދަކުން އެންމެ މަތީ ފެންވަރުގެ ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ،"
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ އުއްމީދީ ފަސް އަހަރު ކަމަށެވެ. އަދި މިއިން ޒަމާނެއްގައި ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރައިގެން ނުދާ މިންވަރަށް ސިއްހީ ނިޒާމު ކުރިއަރައިގެންދާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އޮކްޓޫބަރ 11، 2019 ގައި މިހާތަނަށް އެމްބިއުލާންސް ދުވަހަކުވެސް ލިބިފައިނުވާ 4 ރަށަކަށް ހެލްތް މިނިސްޓްރީން ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ. އަދި މިއާއެކު ރާއްޖޭގެ ހުރިހާ ރަށަކަމަށް އެމްބިއުލާންސް ހަމަކުރެވުނެވެ. މީގެއިތުރުން އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލްތަކަށް ޕެރެމެޑިކް އެމްބިއުލާންސްގެ ޚިދުމަތްތައް ވެސް ފުޅާކުރެވިގެން ދިޔައެވެ. މީގެ ކުރިން ޕެރެމެޑިކް އެމްބިއުލާންސްގެ ޚިދުމަތް ލިބެމުން އައީ 4 ރަށަކުންނެވެ. އެއީ ހދ. ކުޅުދުއްފުށި ލ. ގަން، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. ނަމަވެސް އޮކްޓޫބަރު 12 ގައި އިތުރު 21 ރަށަކަށް ޕެރަމެޑިކް އެމްބިއުލާންސް ހަވާލުކުރެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް