ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 13:26
އެންސިސްގެ ކޭނިންގ ފެކްޓްރީ
އެންސިސްގެ ކޭނިންގ ފެކްޓްރީ
އެންސިސް ފިޝަރީޒް
އެންސިސް ކޭނިންގ ފެކްޓްރީ
އެންސިސްގެ ކޭނިންގް ފެކްޓްރީއާއެކު މަސްވެރިކަމަށް އައު ދިރުމެއްގެ އުއްމީދު
 
މި ކާރުހާނާ ހުޅުވަން ނިންމާފައިވަނީ، ގައުމީ މަސްވެރިންގެ ދުވަހު
 
ދުވާލަކު 2000 ކޭސް ދަޅު މަސް ބަންދުކުރެވޭނެ ވަސީލަތްތައް ކާރުހާނާގައި ވަނީ ގާއިމްކުރެވިފައި
 
މިއީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ސްޓޭޓް އޮފް ދި އާޓް" ކާރުހާނާއެއް

މީގެ ސަތާރަ އަހަރު ކުރިން މަސްވެރިކަމުގެ ސިނާއަތަށް ވަދެ، ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި އެންސިސް ފިޝަރީޒްއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ. ކަންނެލި ބޭރުކުރުމުގެ ވިޔަފާރިން ފެށި އެންސިސް ފިޝަރީޒްއަކީ މިއަދު، މި ރާއްޖޭގައި އޮތް އެންމެ ކާމިޔާބު މަސް ބޭރުކުރާ ކުންފުންޏެވެ. އަދި ދިމާވި ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށް ފަހު އެ ކުންފުނި ވަނީ، އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން މަސް ބޭރުކުރާ ކުންފުނީގެ މަގާމު ހޯދާފައެވެ.

އެންސިސްގެ ވިޔަފާރި ފުޅާކުރަމުން އައިސް މިވަނީ މިއަދު ދަޅުގައި މަސް ބަންދުކުރެވޭ އަމިއްލަ ކާރުހާނާއެއް ހުވަފެން ހަގީގަތަކަށް ހަދާފައެވެ. ހުޅުމާލޭގައި އިމާރާތްކޮށް ނިމި، އަންނަ އަހަރު މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ކޭނަރީއަކީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ބޮޑު އިންވެސްޓްމަންޓެކެވެ. އަދި މި ފެކްޓްރީއަކީ ޒަމާނީ ފެންވަރުގެ "ސްޓޭޓް އޮފް ދި އާޓް" ފެސިލިޓީއެކެވެ. 25 ޓަނުގެ މަސް އެއްފަހަރާ ޕްރޮސެސްކުރެވޭ މި ފެސިލިޓީއިން، ދުވާލަކު 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވެއެވެ.

މި ކޭނިންގ ފެކްޓްރީއާއެކު ހުޅުމާލޭގައި 400 ވަޒީފާގެ ފުރުސަތު އުފެދިގެން އަންނައިރު، އެންސިސްގެ ވިސްނުން ހުރީ ގިނަ އަދަދެއްގެ ދިވެހިންނަށް މި ވަޒީފާގެ ފުރުސަތުތައް ދިނުމެވެ. އަދި އެ ކާރުހާނާގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން، އެންސިސްއިން ވަނީ 23 ނޮވެމްބަރު ވާ ހޮނިހިރު ދުވަހު، އޯޕަން ޑޭއެއް ބޭއްވުމަށް ނިންމާފައެވެ.

ރާއްޖެއެމްވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި، އެންސިސް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ފައުންޑަރ ވަސީމް ވިދާޅުވީ، ކޭނަރީއެއްގެ ވިސްނުން އައީ ރޯ މެޓީރިއަލްއެއްގެ ގޮތުގައި މަސް ބޭރުކޮށްގެން ލިބޭ ފައިދާއަށް ވުރެ، ވެލިއު އެޑް ކޮށްގެން ރަނގަޅު އަގެއް ލިބޭތީ ކަމަށެވެ. މިއަދު ދުނިޔޭގެ ބާޒާރުގައި މަހަށް ލިބޭ އަގަށް ނަޒަރު ހިންގާލާއިރު، ރޯ މެޓީރިއަލްއެއްގެ ގޮތުގައި މަސް ބޭރުކޮށްގެން ލިބެނީ ގިނަފަހަރު ގެއްލުން ކަމަށް ވަސީމް ފާހަގަކުރެއްވިއެވެ. ކޭނިންގް ފެކްޓްރީއެއްގެ ވިސްނުން ހަގީގަތަކަށް ހަދަން ނިންމީ، މަސް ބޭރުކޮށްގެން ރަނގަޅު ފައިދާއެއް ލިބެން އޮތް ހަމައެކަނި ގޮތަކީ ދަޅަށް އަޅައިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ވެލިއު އެޑް ކޮށްގެން ކަމަށް ވުމުންނެވެ.

އެންސިސްގެ ކޭނިންގް ފެކްޓްރީއަކީ އެ ކުންފުނިން ގެންގުޅޭ "ޒީރޯ ވޭސްޓް" އުސޫލުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ކާރުހާނާއެކެވެ. މަސް ޕްރޮސެސްކުރާ ކާރުހާނާއިން ވޭސްޓްގެ ގޮތުގައި އިތުރުވާ ބައި އުކާލުމުގެ ބަދަލުގައި، އެންސިސްގެ ވިސްނުން ހުރީ އޭގެންވެސް އިތުރު ޕްރޮޑަކްޓްތަކެއް އުފައްދާށެވެ. އެގޮތުން މަސް ކާނާ ފަދަ ތަކެތި އުފައްދޭނެ ހުރިހާ ވަސީލަތެއްވެސް އަލަށް ހުޅުވާ ފެކްޓްރީގައި ވަނީ ގާއިމްކުރެވިފައެވެ.

މި ހިސާބަށް އެންސިސް ކުރި ދަތުރަކީ، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު ކުރި ދަތުރެކެވެ. އެގޮތުން އެ ކުންފުންޏަށް އެންމެ ފުރަތަމަ ކަނޑު މަސް ބޭރުކުރުމުގެ ހުއްދަ ލިބިގެން ދިޔައީ، އެސްއެމްއީ އުސޫލުން ދުވާލަކު ތިން ޓަނުގެ މަސް ގަނެވޭ ގޮތަށެވެ. އަދި އެ ކުންފުނިން ކޭނިންގ ފެކްޓްރީ ހަދަން ފެށިއިރުވެސް އެ އުސޫލަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަސީމް ވިދާޅުވި ގޮތުގައި، "ރިސްކް"އެއް ނަގައިގެން އެ މަސައްކަތް ފެށީ، ސަރުކާރުގެ ވިސްނުން ބަދަލުވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ކަންދިމާކުރި ގޮތުން މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ވިސްނުމަކީ ވެލިއު އެޑް ކޮށްގެން މަސް ބޭރުކުރުން ކަމުގައި ވުމުން، އެއީ ލިބުނު އުފަލެއްގެ ގޮތުގައި ވަސީމް ސިފަކުރެއްވިއެވެ.

ގައުމީ މަސްވެރިންގެ ދުވަހާއި ގުޅިގެން، ޑިސެމްބަރު މަހުގެ 10 ގައި ހުޅުވަން ނިންމާފައިވާ އެންސިސްގެ މި ކާރުހާނާއާއެކު، މުޅި މަސްވެރިކަމުގެ ސިނާއަތަށް ލިބިގެން މިދިޔައީ ބޮޑު ކުރިއެރުމެކެވެ. މިކަމުގެ މަންފާ މުޅި ސިނާއަތަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންސިސްއަށް އެބައޮތެވެ. އަދި މަސްވެރިންގެ އަތްމަތި ތަނަވަސް ކުރެވޭނީވެސް، މަސް ބޭރުކޮށްގެން ލިބޭ އެއްޗެއް ބޮޑު ވެގެން ދިޔުމުން ކަމާއި މެދު މި ދާއިރާގެ މާހިރުން އިއްތިފާގުވެއެވެ. އެންސިސް ކޭނިންގ ފެކްޓިރީއާއެކު، މަސްވެރިކަމަށް ލިބިގެން މިދަނީ އައު ދިރުމެއްގެ އުއްމީދެވެ.

7%
93%
0%
0%
0%
0%
ކޮމެންޓް
20 ނޮވެންބަރ 2019 | ބުދަ 22:04
މަހޭ
ސަރުކާރު ފެކްޓުރީ ކަނޑުއޮއްގިރި ދަވައިައިގެން ހެދި މަސްފެކްޓުރީ ?