ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 00:18
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު
ސަރުކާރަށް އެއް އަހަރު: އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މެކުހުގައި!
 
އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްލެވެނީ އެސްއެމްއީ ބޭންކާއި ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް
 
މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށް، އިތުރު މަސައްކަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވޭ
 
އިކޮނޮމިކް މިނިސްޓްރީއާ ވަނީ ސަރުކާރުގެ މުހިންމު ވައުދުތަކެއް ފުއްދުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައި

މި ސަރުކާރުގެ އެންމެ ބޮޑެތި އުއްމީދުތަކާއި ގުޅިފައިވާ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. އެގޮތުން މި ސަރުކާރުން ރައްޔިތުންނަށްވީ ގިނަ ވައުދުތަކެއް ފުރިހަމަވާން އެންމެ އިސް ރޯލެއް އަދާކުރަންޖެހޭ އެއް ވުޒާރާއަކަށް ވެގެން ދިޔައީ އިކޮނޮމިކް މިނިސްޓްރީއެވެ.

އިކޮނޮމިކް މިނިސްޓްރީއާ ގުޅުންހުރި ބައެއް ވައުދުތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވީ ވައުދާއި، އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ވައުދުގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ފާހަގަކޮށްލެވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް، އެސްޑީއެފްސީ ރައީސް ސޯލިހް ހުޅުއްވާދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ވެވަޑައިގަތުމުގެ ކުރިންވެސް ދެއްކެވީ، މި ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ރައްޔިތުން ބާރުވެރި ކުރުވާ، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދޭނެ ވާހަކައެވެ. މި ވައުދު ފުއްދަވައި ދެއްވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއް އުފައްދަވާފައެވެ.

އެސްއެމްއީ ބޭންކުން ވަނީ، ޙުޅުވި އެންމެ ފުރަތަމަ ދުވަހުވެސް، ތަފާތު ހަތަރު ދާއިރާއަކުން ލޯނު ދޫކުރަން ފަށާފައެވެ. އެގޮތުން "ރަށު ފަތުރު"ގެ ލޯނާއި، "ވިޔަފާރި އެހީ"ގެ ލޯނާއި، "ދަނޑުވެރި ނަފާ"ގެ ލޯނާއި "ހަރުމުދާ" ލޯން ތައާރަފްކުރިއެވެ. އަދި ކުޑަ އިންޓްރެސްޓް ރޭޓްތަކެއްގައި ދޫކުރަން ފެށި މި ލޯނުތަކަކީ ވިޔަފާރި ކުރަން ބޭނުންވާ ފަރާތަތްކަށާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭޏުންވާ ފަރާތްތަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. އެސްއެމްއީ ބޭންކުން އޭގެ ފަހުން ތައާރަފް ކުރި "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" ލޯނާއެކު، މިހާރު ޖުމްލަ ހަ ލޯނެއް އެ ބޭންކުން ލިބެއެވެ.

ފައިސާ ދިނުމުގެ އިތުރަށް، ލޯނު ލިބޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދޭ ގޮތަށް ބޭންކްގެ ކަންކަން ބައްޓަން ވެގެން ގޮސްފައި އޮތުމަކީ ކާމިޔާބު ވިޔަފާރިއެއް ހިންގުމަށް އެޅިގެން ދިޔަ ރަނގަޅު ފިޔަވަޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މިއީ ކުރިން ހިންގުނު ފައިނޭންސް ސްކީމްތަކާއި ޙިލާފަށް ބޭންކަކާއި އެކު ކުރެވޭ މުއާމަލާތަކަށް ވުމުން، ލޯނު އަނބުރާ ދައްކަން ބާރުއެޅިގެން ދިއުމަކީވެސް ފާހަގަކޮށްލަން ޖެހޭ ނުކުތާއެކެވެ.

ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ، ކަމާއިބެހޭ ވުޒާރާތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ބޮއްސުން ލައިގެން ގޮސްފައިވާ އެއް މައްސަލައެވެ. އަދި މިއީވެސް ރައީސް ސޯލިހު ހައްލުކުރަން ވައުދުވެވަޑައިގެންނެވި މުހިންމު ކަމެކެވެ. މިއީ ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮވެ، ދިވެހިން އެކަމަކާއި މެދު އިންތިހާއަށް ކަންބޮޑުވެފައި އޮތް މައްސަލައެކެވެ.

މި ސަރުކާރުން އެ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތްތަކާއި އެޅި ފިޔަވަޅުތައް ވެގެން ދިޔައީ ގިނަ ބަޔަކު ބަލައިގަތް ކަންތައްތަކަށެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމުން ފޮނުވާލުމުގެ ބަދަލުގައި، މި ސަރުކާރުން ނިންމީ އެ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދާ، ގައުމުތަކުން ގެންނަ ބިދޭސީންގެ ކޯޓާތަކެއް ކަނޑައެޅުމެވެ. މިއީ މި ގައުމުގެ އިގްތިސާދީ ކުރިއެރުން އެއް މިނެއްގައި ދެމެހެއްޓުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ބިދޭސީން ގެނައުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ގެންދެވި، ބަންގްލަދޭޝްއިން ލޭބަރަރސް އެތެރެކުރުން މަނާކުރެވިގެން ދިޔައެވެ. އަދި މިނިސްޓްރީން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 14000 ވަރަކަށް އެޕޮއިންޓްމަންޓް ދޫކުރެވިފައިވެއެވެ. އޭގެ ތެރެއިން 30 އިންސައްތަ މީހުންގެ ރެގިއުލަރައިޒޭޝަންއާ ގުޅޭ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން، މި މައްސަލަ ހައްލުކުރަން ކުރި މަސައްކަތްތަކަށް ވުރެ މާ ބޮޑަށްވެސް ފުރިހަމަ މަސައްކަތެކެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން

މިނިމަމް ވޭޖް ކަނޑައެޅުމަށް ގޮވާލާ ހއ. ދިއްދޫގައި ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ޓުވިޓަރ

އާމްދަނީގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ، ރައީސް ސޯލިހުގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މުހިންމު ވައުދެކެވެ. މިއީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ. އަދި މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްވެސް އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަމާއި ގުޅޭ ހުރިހާ ދިރާސާއެއް ކުރަމުން އަންނަ އިރު، އާންމުންގެ އިތުރުން ވިޔަފާރިވެރިންގެ ހިޔާލުވެސް މިކަމުގައި އަންނަނީ ހޯދަމުންނެވެ. މި ދިރާސާ ކުރިއަށް ގެންދަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ ލަފަޔާއި އެކުގައެވެ. މިއީ ޒަމާނީ ފެންވަރަށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

މިހާތަނަށް އަދި މިނިމަމް ވޭޖެއް ކަނޑައެޅިފައި ނުވިޔަސް، މިކަމާއި ގުޅިގެން ކުރިއަށް ގެންދާ ދިރާސާތަކާއި މަޝްވަރާ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް ރައްޔިތުން ތިބީ ފޮނި އުއްމީދެއްގައެވެ. އަދި މިނިމަމް ވޭޖްގެ ގާނޫނެއް ވުޖޫތައް އައިސް ތަންފީޒުކުރެވެން ފެށުމަކީ، ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވެފައި ތިބި ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މަސައްކަތްތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް އެތަކެއް ލުއި ފަސޭހަތަކެއް ގެނެސް ދިނުމުގެ ގޮތުން ތަފާތު އެކިއެކި ފީތައް އުވާލާ، އެ ވުޒާރާއިން ދެމުންގެންދާ ހިދުމަތްތަކަށް ލުއި ފަސޭހަތަކެއް ގެނެސްދީފައެވެ. އަދި ދިވެހިންގެ އުފެއްދުންތަކަށް ބާޒާރެއް ހޯދައި ދިނުމުގެ ގޮތުން އެކަށީގެންވާ މަސައްކަތްތަކެއްވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އުއްމީދަކީ ކުރިޔަށް އޮތް ތަނުގައިވެސް، އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މި ފެންވަރުގައި ރައްޔިތުންގެ ހިޔާލާއެކު ކުރިއަށް ގެންދިއުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
67%
0%
0%
0%
0%
ކޮމެންޓް