ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 18:07
ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޝަރީއަތުގެ މަޖިލީހެއްގައި--
ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޝަރީއަތުގެ މަޖިލީހެއްގައި--
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީންގެ ޝަރީއަތް: މާދަމާ 13:30 ގައި ކްރިމިނަލް ކޯޓުގައި
 
ބެންޗެއް އެކުލަވާނީ ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން
 
ކުރިން މައްސަލަ ބައްލަަވަމުން ގެންދެވި ގާޒީ ހައިލަމް ވަނީ ސަސްޕެންޑް ކޮށްފަ
 
އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ ފަސް ގާޒީންގެ ބެންޗަކުން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހުގެ މެންދުރުފަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބާއްވާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ 13:30 އަށެވެ.

މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީނުގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗަކުން ބެލުމަށް ރައީސް ޔާމީނުގެ ފަރާތުން އެދިލައްވާފައިވާތީ، ކޯޓުތަކުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން އެމައްސަލަ ބެލުމަށް 5 ގާޒީންގެ ބެންޗެއް އެކުލަވާލާފައިވާ ކަމަށެވެ.

މިއީ ގާޒީންގެ ބެންޗަކުން މިމައްސަލަ ބަލާ ފުރަތަމަ އަޑުއެހުމެވެ. ދެން މިމައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އެ ގާޒީންގެ ބެންޗުން ނިންމާގޮތެއްގެ މަތިންނެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދާއި ގާޒީ އަޙްމަދު ޝަކީލާއި ގާޒީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީނުގެ މަައްޗަށް އުފުލާފައިވާ އެ މައްސަލަ މީގެކުރިން ބައްލަަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޡީ އަޙްމަދު ހައިލަމެވެ. ޔާމީނުގެ މައްސަލައިގެ ޙުކުމް އިއްވުން މި މަހުގެ ފަސްވަނަ ދުވަހަށް ތާވަލު ކުރިނަމަވެސް ހައިލަމް ސަސްޕެންޑް ކޮށްފައިވާތީ އެ ދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

ރައީސް ޔާމީނުގެ މައްސަލައިގެ ޚުލާސާ ބަޔާން ނެގުމަށް ފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ދައުލަތުން ބުނެފައިވަނީ، އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އެފައިސާ ނޫން އެހެން ފައިސާއެއް އެހެން ފަރާތެއް މެދުވެރިކޮށް ހޯދި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓުގައި ބެހެއްޓި ކަމަށާއި އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ހުށައެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން ހާމަވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
20%
20%
20%
0%
20%
ކޮމެންޓް
16 ނޮވެންބަރ 2019 | ހޮނިހިރު 20:36
ޢެދުރު ހަސަން
ވަގުތު ދަނީ ގުނަމުން ކާރިވަމުން. ވަގުކަލޭގެ ބޯދަމައިގަނެވޭތޯ ފަހުވަގުތާއި ޖެހެންދެން ދޮވުމައްޗަް ދޮގުހަދާނެ. ހިގިކަންތައް ނުހިގާ ކަމައް ހަދަންއުޅޭނެ. އެކައުންޓައް ޖަމާކުރި ފައިސާ އަކީ އޭނަގެ ނިޔަތް ރަގަޅުކަމުން ފައިސާ އެކައުންޓުގައި ހުރީކަމައް ހާމަކޮއްދޭން އުޅޭނެ. .މާދަމާ މީނަ ކިޔަނީ ކީކޭތޯ ބަލަން މަ މިމިހިރީ ކެތްމަދުވެފަ.