ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 16:18
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
 
ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް އިސްކަން ދެވޭނެ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އޮންލައިންކޮށް ބުކިންގ ހައްދައިގެން ޑޮލަރު ލިބޭނެކަން ބީއެލްއެލް ހަނދާން ކޮށްދީފިއެވެ.

ބީއެމްއެލް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހު އޮންލައިންކޮށް ބުކިންގ ހައްދައިގެން ޑޮލަރު ލިބޭނެ ނިޒާމެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް، www.bankofmaldives.com.mv  ގައިވާ އޮންލައިން ބުކިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ދަތުރުވެރިއަކަށް 500 ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ޚާއްސަ ކައުންޓަރުތަކުން ޑޮލަރު ނެގޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރަން ތައްޔާރުވަމުންދާ ދުވަސްވަރެއްކަމުން، ވީހާވެސް ފަސޭހަކަމާ އެކު އެއަރޕޯޓުން ޑޮލަރު ނެގުމަށްޓަކައި ފްލައިޓް ފުރުމުގެ 8 ގަޑިއިރުކުރިން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ދައްކާ ބުކިންގ ކޮންފާމްކުރުމަށް ދަތުރުވެރިންނަށް ބޭންކުން ހަނދާންކޮށްދޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިންގ ހަދައި އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދެވޭނެ ކަން ބީއެމްއެލްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް