ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 15:59
ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން
ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން
ކޮލޮމްބޯ ޕޭޖް
ސްރީލަންކާ ރިޔާސީ އިންތިޚާބު
ސްރީލަންކާގެ ރިޔާސީ އިންތިޚާބު: އާންމުންގެ މެދުގައި މަޤުބޫލީ 4 ކެންޑިޑޭޓުން
 
ސަރުކާރު ހިންގާ ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސައަށް ވެސް ފުރުސަތު ބޮޑު
 
އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރަނީ ގޯޓާބަޔަ ރާޖަޕަކްސެ

ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު އެޤައުމުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

21.44 މިލިއަންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 16 މިލިއަން މީހުން ތިބިނަމަވެސް ވޯޓުލާން ރަޖިސްޓްރީކޮށްފައިވަނި 73 އިންސައްތަ މީހުންކަމަށް އެޤައުމުގެ އިންތިޚާބާއި ބެހޭ މައި އިދާރާއިން ބުނެއެވެ. އިންތިޚާބަށް އިންސާފުވެރިކަމާއެކު ދެފުށްފެންނަ ގޮތެއްގައި ކުރިޔަށްގެންދިއުމަށް އެއިދާރާއިން ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަން އިންތިޚާބުގެ ކުރިން އެ އިދާރާއިން ބުނެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށްގެންދިއުމަށް ދައުލަތުގެ ފަރާތުން 200،000(ދުއިސައްތަ ހާސް)އާއި ގާތްކުރާ ޢަދަދަކަށް ދައުލަތުގެ އޮފިޝަލުން ބައިވެރިވާނެކަމަށް އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަނުގެ ޑެޕިއުޓީ ކޮމިޝަނަރ ޖޭއޭއެސްޕީ ޖަޔަސިންހާ ޤައުމުގެ އެކިކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުތަކުގެ އެކިކަންކަން ބެލެހެއްޓުމަށް 98،000 (ނުވަދިހަ އަށްހާސް) ސަރުކާރުގެ އޮފިޝަލުން އަދި ހަމައެކަނި ވޯޓު ކަރުދާސް ގުނުމުގެ މަސައްކަތަށް 48،000 (ސާޅީސް އަށްހާސް) ސަރުކާރުގެ އޮފިޝަލުން ޙަރަކާތްތެރިވާނެކަމަށެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާ މަރުކަޒުތަކުގައްޔާއި ވޯޓުލާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، ވޯޓުލާން ދަތުރުކުރަމުންދިޔަ މުސްލިމުންގެ ބަޔަކަށް ހުރަސް އެޅުމުގެ ގޮތުން ހަތިޔާރު އެޅި މީހުންގެ ގްރޫޕަކުން ވަނީ އެމީހުންގެ ދަތުރުކުރި އުޅަނދުތަކަކަށް ޙަމަލާދީފައެވެ. ސްރީލަންކާ ފުލުހުންވެސް މިކަން ސިފަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ފޭލީވުމެއްގެ ގޮތުގައެވެ.

ސްރީލަންކާގެ އިދާރީ 22 ދާއިރާއެއްގައި ވޯޓުލުމުގެ ކަންކަން އިންތިޒާމުކޮށްފައިވާއިރު، ހެދުނު 07:00 ޖެހި އިރު ވަނީ ވޯޓުލާން ފަށާފައެވެ. މިހާތަނަށް އައި އިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މިއީ ސްރީލަންކާގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދަކަށް ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. ސިޔާސީ ޕާޓިތަކުން 20 ކެންޑިޑޭޓުންނާއި އަމިއްލައަށް ވާދާކުރައްވާ 15 ކެންޑިޑޭޓުންނާއެކު، ޖުމްލަ 35 ބޭފުޅުން އިންތިޚާބުގައި ވާދަކުރެއްވިނަމަވެސް ޢާންމުންގެ ތެރޭގައި މަޤްބޫލީ 4 ކެންޑިޑޭޓުންކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ކުރީގެ ރައީސުންނާއި ބޮޑުވަޒީރުންގެ ޢާއިލާ ބޭފުޅުންނާއި ސިޔާސީ ވަރުގަދަ ބޭފުޅުން ހިމެނެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ގާތުން ވާދަކުރައްވާ އަދި ޢާންމުންގެ ތެރޭގައި އެންމެ މަޤްބޫލު 4 ކެންޑިޑޭޓުންނަކީ:

1- ގޯޓާބަޔަ ރާޖަޕަކްސެ/ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)

ގޯޓާބަޔަ ރާޖަޕަކްސެ/ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް

* ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސެގެ ކޮއްކޯފުޅު

* ކުރީގެ ޑިފެންސް ސެކްރެޓަރީ

* ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި 26 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި

* ސަލާމަތީ އަދި އިޤްތިޞާދީ ދާއިރާ އިޞްލާހު ކުރުމަށް ވަޢުދުވެވަޑައިގެންނެވި

* މި އިންތިޚާބުގައި ގޯޓާބަޔަ ރާޖަޕަކްސެއަށް ތާއީދު ކުރަނީ ކުރީގެ ރައީސް ރާޖަޕަކްސެގެ ވާގިވެރިންނާއި އަދި މިދިޔަ ސަރުކާރުގައި ވެރިކަން ކުރި ސްރީލަންކާ ފްރީޑަމް ޕާރޓީން

2- ސަޖިތު ޕްރެމަދާސަ/ޔުނައިޓެޑް ނެޝަނަލް ޕާރޓީ (ޔޫއެންޕީ)

ސަޖިތު ޕްރެމަދާސަ/ޔުނައިޓެޑް ނެޝަނަލް ޕާރޓީގެ ކެންޑިޑޭޓް

* ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިފުޅު

* ޔޫއެންޕީގެ އިސް ލީޑަރެއް

* ކެބިނެޓު މިނިސްޓަރުކަން ގިނަ ދުވަސްވަންދެން ފުރުއްވާފައިވޭ

* މިހާރުގެ ސަރުކާރުގެވެސް ކެބިނެޓް މިނިސްޓަރ

* އިންތިޚާބަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޔުނައިޓެޑް ނެޝަނަލް ޕަރޓީގެ ތާއީދާއެކު

3- އަނޫރަ ކުމާރަ ޑިސަނާޔަކެ/ޖަނަތާ ވިމުޚްތީ ޕެރަމުނަ(ޖެވީޕީ)

އަނޫރަ ކުމާރަ ޑިސަނާޔަކެ/ޖަނަތާ ވިމުޚްތީ ޕެރަމުނަ(ޖެވީޕީ)ގެ ކެންޑިޑޭޓް

* ޤާނޫނު ހަދާ މަޖިލީހުގައި ވެރިރަށް ކޮލޮމްބޯ ތަމްސީލުކުރައްވާ މެންބަރެއް

* 2018 އާއި ހަމަޔަށް ހުންނެވީ އިދިކޮޅު ކޯލިޝަންގެ އިސްވެރިއަކަށް

* 2018 ވަނަ އަހަރު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ މަޤާމުން ދުރުކުރަން އުޅުމުން އެކަމާއި ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެއް

4- މަހޭޝް ސެނަނަޔަކެ/ނެޝަނަލް ޕީޕަލްސް ޕާރޓީ (އެންޕީޕީ)

މަހޭޝް ސެނަނަޔަކެ/ނެޝަނަލް ޕީޕަލްސް ޕާރޓީ (އެންޕީޕީ)ގެ ކެންޑިޑޭޓް

* 2019 ވަނަ އަހަރާއި ހަމަޔަށް ސްރީލަންކާ އަސްކަރިއްޔާގެ ވެރިޔާގެ މަޤާމު ފުރުއްވި ބޭފުޅެއް

* 36 އަހަރަށްވުރެ ގިނަ ދުވަހު އަސްކަރިއްޔާއަށް ޚިދުމަތް ކުރައްވާފައިވޭ

* ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނަކަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައިވޭ

ސްރީލާންކާގެ ގާނޫނު އަސާސީގައިވާ ގޮތުން މިހާރުގެ ރައީސްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް އެމަނިކުފާނު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމާއެކު، އިންތިހާބު ނިމުނުހާ އަވަހަކަށް ދައުރު ނިމޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
17%
0%
33%
17%
17%
ކޮމެންޓް