އާދީއްތަ 05 ޖުލައި 2020
05 ފުނޯސް
1441 ޒުލްގައިދާ 14
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ލޯކަލް މާރުކޭޓު

ދިވެހި މުވައްޒަފުން ލައިގެން ލޯކަލް މާރުކޭޓު ހިންގަން ބޭނުންވާ ފަރާތްތަކާއި ކައުންސިލުން ބައްދަލު ކުރަނީ!

  • ޢާންމު ރައްޔިތުންނާއި ބައްދަލު ކުރާނީ މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ
  • ބައްދަލުކުރަނީ އާންމުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްޓަކައި
  • މާރުކޭޓް މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެނތާގައި ހުރި

ކ. މާލެ | 15 ނޮވެންބަރ 2019 | ހުކުރު 23:17 | 6,143

ލޯކަލް މާރުކޭޓު - ޝުއައިބް މުހައްމަދު އިގްބާލް

ދިވެހި މުވައްޒަފުން ލައިގެން ލޯކަލް މާރުކޭޓު ހިންގަން ބޭނުންވާ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދިވެހި މުވައްޒަފުންގެ ލައިގެން ލޯކަލް މާރުކޭޓު ހިންގަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރަން މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ބޭނުންފުޅު ވާކަމަށެވެ. އެގޮތުން އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 04:00 ޖަހާއިރު ކައުންސިލްގެ އިދާރާގައި ކަމަށް، މާލޭ ސިޓީ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ވެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ އެ ފަރާތްތަކާއި ބައްދަލު ކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ލޯކަލް މާރުކޭޓު އަލަށް ހުޅުވާއިރު ދިވެހިންގެ ބައިވެރިވުން ވީހާވެސް ބޮޑުކޮށް، ދިވެހިންގެ ޝާމިލުވުމާއެކު އެތަން ހިންގަން ޝައުޤުވެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. އަދި ލޯކަލް މާރުކޭޓު ހިންގުން އާ މޮޑެލަކަށް ފަށާއިރު ޢާންމުންގެ ޚިޔާލު ހޯދުމުގެ މުހިންމުކަން ވެސް މޭޔަރ ޝިފާ ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާ ވިދުޅާވީ މި މޮޑެލަށް ލޯކަލް މާރުކޭޓު ނުހިންގޭނެ ކަމަށް ބުނެ ބައެއް ޢާންމު ފަރާތްތަކުން ކައުންސިލަރުންނަށް މިހާރުވެސް ޚިޔާލު ހުށަހަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް މަރުކޭޓު އަލުން ހުޅުވާއިރު ބޭނުންވަނީ ބިދޭސީންނާ ނުލައި ވިޔަފާރި ކުރަން ކަމަށް ޝިފާ ވިދާޅުވިއެވެ. މީގެ ކުރިން ލޯކަލް މާރުކޭޓު ހިންގަމުން އައިއިރު ގިނަ ގޮޅިތަކުގައި ވިޔަފާރި ހިންގަން ތިބީ ބިދޭސީންކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބައެއް ބިދޭސީން ހިމެނޭކަން އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ބިދޭސީންނަށް ހިންގި ޕްރޮގުރާމުން ފާހަގަކުރެވުނެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މާރުކޭޓު މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެނތާގައި ހުއްޓެވެ. ސިޓީ ކައުންސިލުގެ މާރުކޭޓު ކޮމެޓީން ފުރަތަމަ ނިންމީ މިހާރު ހުރި ގޮޅިތައް ބޮޑުކޮށް ގޮޅިތަކުގެ އަދަދު 63 އަށް މަދުކުރުމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ދަނީ މިކަމާއި ދެކޮޅަށް ޚިޔާލު ފާޅުކުރަމުންނެވެ.

މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހި އުފެއްދުންތައް ވިއްކަން ކަމުގައިވީނަމަވެސް މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެތަކެތި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީކޮށްގެން ވިޔަފާރި ކުރެވޭނެ ފުރުޞަތު ފަހިކޮށްދޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.