ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 17:47
ޕޯޗުގަލް އަދި އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕޯޗުގަލް އަދި އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން: ޕޯޗުގަލް އަދި އިންގްލޭންޑަށް ބޮޑު މޮޅެއް
 
ލިތުއޭނިއާ ވާދަކޮށް ޕޯޗުގަލް މޮޅުވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން

ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް އަދި އިންގްލޭންޑް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ލިތުއޭނިއާ ވާދަކޮށް ޕޯޗުގަލް މޮޅުވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ޕޯޗުގަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ހަތްވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ޕޯޗުގަލްއިންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި ހާފްގައި ޕޯޗުގަލްއަށް ވަނީ ލީޑު އިތުރަށް ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ޕޯޗުގަލްއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި ޕިޒީގެ ލަނޑުން އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގޮންސާލޯއެވެ. ފަސްވަނަ ލަނޑު 63 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ކާމިޔާބުކުރިއިރު، ހަވަނަ ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއެކު ޕޯޗުގަލް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ލިތުއޭނިއާ އޮތި ކުޅުނު 8 މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގައި ހިމެނޭ ސާބިއާ އަދި ލަގްޒަމްބާގް ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ސާބިއާއެވެ. މި ނަތީޖާއާއެކު ސާބިއާ އޮތީ ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. އަދި ލަގްޒަމްބާގް އޮތީ ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެން އޮތީ ޔޫކްރޭންއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އިންގްލޭންޑް މޮޅުވީ މޮންޓެނެގްރޯއާ ވާދަކޮށް 0-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 11 ވަނަ މިނެޓުގައި އޮކްސްލެޑް ޗެމްބަލިންގެ ލަނޑުން އެޓީމުން ވަނީ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ އިންގްލޭންޑެވެ. އެގޮތުން 18 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން ކޭން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑްގެ ތިންވަނަ ލަނޑު 30 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކުރިއިރު، 37 ވަނަ މިނެޓުގައި ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

އިންގްލޭންޑްގެ ހަވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މި ލަނޑަކީ މޮންޓެނެގްރޯގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އިންގްލޭންޑްގެ ހަތްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަބްރަހަމްއެވެ.

މި ނަތީޖާއާއެކު އިންގްލޭންޑް ވަނީ ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހަމަކޮށް މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި މޮންޓެނެގްރޯ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައެވެ.

މި ގްރޫޕްގައި ހިމެނޭ ކޮސޯވޯ އަދި ޗެކް ލިޕަބްލިކް ބައްދަލުކުރ މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެކް ރިޕަބްލިކްއެވެ. މި ނަތީޖާއާއެކު ޗެކް ރިޕަބްލިކް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ކޮސޯވޯ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް