ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 12:53
ޒުވާނަކު ޕަބްޖީ ގޭމް ކުޅެނީ
ޒުވާނަކު ޕަބްޖީ ގޭމް ކުޅެނީ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ޕަބްޖީއަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތަކަށް ހުރަސް އަޅާ ގޭމެއް: ޚުތުބާ
 
އެފަދަ ގޭމްތައް އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާ
 
ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ މީހާ އަޅުވެތި ކުރާ ގޭމްތަކެއް
 
ދަރިންގެ ވިސްނުން ތަރައްގީވާ ފަދަ ގޭމްތައް ކުޅުމަށް ފުރުސަތު ދިނުން އެދެވިގެންވޭ

އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ ''ޕަބްޖީ އާއި، ޖަސްޓު ކޯސް އާއި ޕޯކެމޯން ގޯ އާއި ފޯޓްނައިޓް ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާ ކުރުމަށް ހުރަސް އެޅުމުގެ އިތުރުން ވަރަށް ގިނަ ތަފާތު ގެއްލުންތައް ކުރިމަތިކުރުވާ ގޭމްތަކެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ﷲއަށް ހަނދުމަކުރުމުން އެއްކިބާ ކުރާ ކޮންމެ ކަމަކުން ދުރުހެލިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި އަދަބުތަކާ ހިލާފު ނުވާގޮތަށް ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށާއި، ވަގުތު ބޭކާރު ކުރުމަކާ ނުލައި ދަރިންގެ އަހުލާގާއި ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ ދަރިންގެ އިލްމީ ފެންވަރު ރަނގަޅުވެ ވިސްނުން ތަރައްގީވާ ފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މިއާހިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެއް ކަމަށާއި، އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެކުޅޭ މީހާ އަޅުވެތިކޮށްލުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއަށް ދެވި ހިފުމުގެ ސަބަބުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމަށާއި،ފަރުޟު ކުރައްވާފައިވާ ފަރުޟުތައް އަދާ ކުރުމުން ދުރުހެލިކުރުވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ބައެއް ދަރިވަރުން، ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމްކުޅެން ހޭދަ ކުރުމުގެ ސަބަބުން މަދްރަސީ ދައުރު ފުރިހަމަ ނުވަނީސް ސްކޫލުން ވަކިވާން ޖެހޭކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ މިފަދަ ގޭމްތައް ކުޅުމަކީ ވަޒީފާއާއި އާއިލާގެ ކަންތައްތަކުގައި ވެސް އިހުމާލުވެވޭ ކަމެއް ކަމަށާއި، ރައްޓެހިންނާއި ގުޅުންކެނޑި މުޖުތަމައުން ތިމާ އެކަހެކުރުވާ ކަމެއް ކަމަށެވެ. އަދި އުމުރުގެ ބަރަކާތް ކެނޑި ފައިދާއެއް ނެތް ގޮތުގައި ވަގުތު ހޭދަވާ ކަމަށާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ، ޝައިތާނާގެ މަގުން ދަތުރުކުރަން މަގުފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އިލެކްޓްރޯނިކް ގޭމްތަކުން ލިބޭ ގެއްލުންތައް ދިރާސާކުރާ ފަރާތްތަކުން ހަވާލާދީ ޚުތުބާގައި ބުނީ އެފަދަ ގޭމްތައް ކުޅޭ ޒުވާނުންގެ މެދުގައި ކުށް ކުރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ހިޔާލު އަށަގަތުމުގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުވެސް އުފެދޭ ކަމަށެވެ. އެފަދަ ޒުވާނުން ކިބައިން މުރާލިކަން ކެނޑި، ކަންނެތްކަން އަށަގަންނަ ކަމަށާއި، ގޭމްކުޅެން ގިނަވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭ ގޮތަކުން ނުވަތަ އިށީނގެ އިނދެވޭ ގޮތަކުން ބުރަކަށީގައި ރިއްސައި ބުރަކަށި ގުދުވެ، މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

ނޭނގި ހުއްޓައި ލޮލަށް ބޮޑެތި ގެއްލުންތައް ލިބި، ލޮލުގެ ފެނުމަށް އަސަރު ކުރެއެވެ. ލޭގެ ޕްރެޝަރަސް ބަދަލު އާދެއެވެ. ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވެއެވެ. މިޒާޖަށް ބަދަލު އާދެއެވެ. ދީނީ އަހުލާގީ މިންގަނޑު ފަހަނައަޅައިގޮސް ހަވާނަފްސުގެ އަޅަކަށް ވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުން އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ ''ޕަބްޖީ އާއި، ޖަސްޓު ކޯސް އާއި ޕޯކެމޯން ގޯ އާއި ފޯޓްނައިޓް ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާ ކުރުމަށް ހުރަސް އެޅުމުގެ އިތުރުން ވަރަށް ގިނަ ތަފާތު ގެއްލުންތައް ކުރިމަތިކުރުވާ ގޭމްތަކެކެވެ.
ހުކުރު ޚުތުބާ

އެހެންކަމުން ކުރާ ކޮންމެ ކަމެއްގައި އަޅުތަކުން ބަލަންޖެހޭނީ އަޅުކަމުގެ އަސާސުގެ މަތީގައި ކުރިއަށް ދިއުމަށް ކަމަށާއި، ކުރާ ކޮންމެ އަމަލަކާއި އަޅާ ކޮންމެ ފިޔަވަޅެއް މަގުސަދު ވާންޖެހޭނީ ﷲ ތައާލާ ރުއްސެވުން ހޯދުން ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމްދީނަކީ މިފަދަ ހުރިހާ ނުބައި ސިފަތަކާއި ވިޔާނުދާ އަގީދާތަކާއި ސިއްހަތަސް ގެއްލުން ލިބޭ އާދަތަކުން އިންސާނާ ސަލާމަތްކޮށް އެއްކުވަންތަކަމުގެ މަތިވެރި އަގީދާ އައި ރިވެތޮ އަހުލާގާއި ރީތި މުއާމަލާތުން އިންސާނާ ޒީނަތްތެރިކޮށްދޭ ދީން ކަމަށެވެ. އަދި ހިތްހަމަޖެއްސުމާއި، ފޫހިފިލުވުމަށްޓަކައި ކުރާ ކަންތައްތައް ވެސް އިސްލާމްދީނުގެ އަސާސުން ބޭރުވިޔަނުދިއުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
67%
3%
13%
8%
5%
ކޮމެންޓް
15 ނޮވެންބަރ 2019 | ހުކުރު 16:46
ނަސީމް އަޙްމަދު
ވަރަށް ފުރިހަމަ ޒަމާނާ ގުޅޭ ޚުޠުބާއެއް
15 ނޮވެންބަރ 2019 | ހުކުރު 13:56
ހހަދުސްތާން އަލީ
ހުސްވަގުތު ކުލެލުން އެއީ މައްސަލައެއް ނޫން