ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ދުނިޔެ - ދިއްލީގެ ވައި ތަޣައްޔަރުވުން

ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވުމާއި ގުޅިގެން އިންޑިއާގެ ނިއުދިއްލީގެ ސްކޫލްތައް ބަންދުކޮށްފި

  • އެއަރ ކުއަލިޓީ އިންޑެކްސް މިހާރު ހުރީ 472 ގައި
  • ދިއްލީގެ އެއަރ ކުއަލިޓީ އިންޑެކްސް މިހާރު ހުރީ ޑަބްލިއު އެޗް އޯގެ މިންގަޑަށް ވުރެ ނުވަ ގުނަ އިތުރަށް
  • ދިއްލީގެ ސްކޫލްތައް ބަންދުކުރީ ވަގުތީ ގޮތުން 2 ދުވަހުގެ މުއްދަތަކަށް

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 15 ނޮވެންބަރު 2019 | ހުކުރު 02:13 3,364

ދިއްލީގައި ވައިނުސާފުކަމުން އާންމުން ބޭރަށް ނިކުންނަނީ މާސްކް އަޅިއިގެން - ރޮއިޓަރސް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ނުރާއްކާތެރި މިންވަރަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން، އެ ސިޓީގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ބުރާސްފަތިދުވަހު ސްކޫލްތައް ބަންދުކުރީ އެޤައުމުގެ "އެންވަޔަރަންމެންޓަލް ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޭޖެންސީ"ން ދިއްލީގެ ވައިގެ ތަޣައްޔަރުކަމުގެ މިންވަރާއި އޭގެ ނުރައްކާތެރިކަން ބަޔާންކޮށް ދިއްލީއާއި، އަދި އަވަށްޓެރި އެހެން ސްޓޭޓްތަކުގެ ސަރުކާރަށް ސިޓީ ފޮނުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އެއޭޖެންސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމަށްފަހު ދިއްލީ ސަރުކާރުން ވަނީ ކުރިޔަށް އޮތް ދެ ދުވަހު ސްކޫލްތައް ބަންދުކޮށްފައެވެ. ދިއްލީގެ ސްކޫލްތައް އަލުން ހުޅުވާއިރު ވެސް، ވައިގެ ކޮލިޓީ ކޮންޓްރޯލް ހުރީ ޞިއްޙީ ގޮތުން ރައްކާތެރި މިންވަރެއްގައިތޯ ބެލުމަށް ފަހުގައި ނޫނީ ސްކޫލްތަކުގެ ކިޔެވުން އަލުން ނުފަށާނެކަމަށް ދިއްލީގެ ކަމާބެހޭ އިސް މަސްއޫލުވެރިން ވިދާޅުވެއެވެ.

އިންޑިއާގެ"އެންވަޔަރަންމެންޓަލް ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޭޖެންސީން ބުނާ ގޮތުންނަމަ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައިވާތާ ތިން ދުވަސްވެއްޖެއެވެ. އެ އޭޖެންސީގެ ޗެއަރމަން ބޫރޭ ލާލް އާއި ޙަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ ނިއު ދިއްލީގެ ވައިގެ ކުއަލިޓީ އިންޑެކްސް މިހާރު ހުރީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު އެޗް އޯ) އިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތީގައެވެ.

އެއަރ ކުއަލިޓީ އިންޑެކްސް މިހާރު ހުރީ 472 ގައި. މިއީ ވާރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) ގެ މިންގަޑަށް ވުރެ ނުވަ ގުނަ އިތުރު ޢަދަދެއް. މިފަދަ ދަނޑިވަޅެއްގައި ސްކޫލްތައް ބަންދު ކުރުން މަޖްބޫރުވާނެ. ކުދިން މިފަދަ މާހައުލަކަށް ނިކުމެއްޖެނަމަ، އޭގެއިން ނިކުމެދާނެ ނަތީޖާ ވަރަށް ނުރައްކާވެދާނެތީ"

~ ބޫރޭ ލާލް/ޗެއަރމަން/އެންވަޔަރަންމެންޓަލް ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޭޖެންސީ/އިންޑިއާ

ނިއުދިއްލީގެ ވައި ނުސާފުވެ ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން ދަތުރުފަތުުރުކުރުމަށާއި، ބޭރުތެރެއަށް ނިކުތުންވަނީ ނުރައްކާތެރި ދަތިކަމަކަށްވެފައެވެ. ޢާންމި ދިރިއުޅުމަށް ބުރޫ އަރާވަރަށް ދިއްލީގެ ވައި ނުސާފުވުމާއި ގުޅިގެން އާންމުން މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭތެރޭގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ޞިއްޙީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި ޒަރޫރީ ބޭނުންތަކުގައި ނުވަތަ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް ޞިއްޙީ މާހިރުންނާއި، ދިއްލީގެ "ދަ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑް" އިން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި، އުތުރުގެ ބައެއް ސްޓޭޓުތަކުގައި ފިނި މޫސުމާއި ދިމާކޮށް ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވެފައިވަނީ ދަނޑުވެރިކަމުގެ ބޭނުންތަކަށް ދަނޑުތައް އެންދުމާއި، އެއްގަމު އުޅަނދުތަކުން ބޭރު ކުރާ ދުންތަކާއި، އިމާރާތްކުރާ ސައިޓުތަކުން ބޭރުވާ ހިރަފުހުގެ ސަބަބުންކަމަށް އިންދިއާގެ ތިމާވެއްޓާއި ބެހޭ ތަޖުރިބާކާރުންނާއި މާހިރުން ބުނެއެވެ. މި ސަބަބުތަކާއި ހުރެ ނިއު ދިއްލީ ވެފައިވަނީ ދުނިޔޭގެ އެންމެ ވައި އެންމެ ނުސާފު ވެރިރަށުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]ajje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް