ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 15:02
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރޮޒައިނާގެ ނަންއިއްވާ ތަޅުމުން ބޭރު، މަޖިލީހުގެ ރައީސް ވިދާޅުވަނީ ނިޒާމު ގެއްލޭނަމަ އެކަން ސާފުވާނެކަމަށް
 
ބަޖެޓަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވާދަވެރި ޕާޓީތަކަށް ދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވި
 
ތަޅުމުގެ ނިޒާމު ގެއްލުނީމާ އެކަން ސާފުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި
 
ރޮޒައިނާގެ ނަން އިއްވީ ނިޒާމީ ނުކުތާއަށް ފުރުސަތު ނުދެއްވުމުން އެކަމާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން

ނިޒާމީ ނުކުތާއަށް ފުރުސަތު ނުދެއްވުމުން އެކަމާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ރޮޒައިނާ އާދަމްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފި އެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަފުޅުދައްކަވަން ފެއްޓެވުމުން އެމްޑީޕީ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފަ އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެފުރުސަތު އެއްވެސް މެމްބަރަކަށް ނުދެއްވާ ވިދާޅުވަމުން ގެންދެވީ ޝިޔާމަށް ބަޖެޓަށް ބަހުސް ކުރެއްވުމަށް ފުރުސަތު ދެއްވަން ޖެހޭކަމަށާއި މަޖިލީހުގެ ތަޅުމުގައި ނިޒާމު ގެއްލޭކަމެއް ނުހިނގާކަމުގަ އެވެ.

ޝިޔާމަށްފަހު ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ބަޖެޓަށް ބަހުސްކުރައްވަން ފެއްޓެވުމުން ރޮޒައިނާ ވަނީ ކޮޅަށް ހުންނަވާ ނިޒާމި ނުކުތާއަށް ފުރުސަތު ދެއްވަންޖެހޭ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފަ އެވެ. ނިޒާމީ ނުކުތާގެ ފުރުސަތު ނުދެއްވީ ކީއްވެތޯ ރޮޒައިނާ ތަކުރާރުކޮށް ވިދާޅުވެ ގަވާއިދާ އެއްގޮތަށް މަޖިލީސް ގެންދެވުމަށް އެދިވަޑައިގެންނިވި އެވެ. އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ ތަކުރާރުކޮށް ރޮޒައިނާ އަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި އޭގެފަހުން ރޮޒައިނާގެ ނަން އިއްވެވި އެވެ. ނަން އިއްވުމުން ރޮޒައިނާ ވަނީ ތަޅުންދޫކޮށް ވަޑައިގެންފަ އެވެ.

ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ނިޒާމީ ނުކުތާ އާ ގުޅޭ މާއްދާތަކެއްވާއިރު އެ މާއްދާތައް ކޮންމެ މެމްބަރަކުވެސް ވިދާޅުވީމާ ނިޒާމީ ނުކުތާ ނެންގެވޭނެ ހާލަތްތައް ސާފުވާނެ ކަމަށެވެ. އަދި މިހާރު ބަހުސްކުރަމުންދަނީ ބަޖެޓަށް ކަމަށާއި މިއީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށްވެސް މިތަނުގައި ނިޒާމު ގެއްލުނީމާ ސާފުވާނެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިޔަސް އެމްޑީއޭގެ ލީޑަރުވިޔަސް ކޮންގްރެސް ގެ ލީޑަރުވިޔަސް އަޅުގަނޑުމެން ހަމަ ގައިމުވެސް މިރިޔާސަތުން ސިޔާސީ ޕާޓީތަކަށް އިހުތިރާމް ކުރާނެ. އަދި އަޅުގަނޑު ވަރަށް ބޮޑަށް އިހުލާސްތެރިކަމާއެކު އެދެން މި މަޖިލިސް ހިނގަމުންދާން ޖެހޭނީ ތަރައްޤީވެފައިވާ ގައުމުތަކުގައި ނިޒާމު ހިނގާ މަޖިލީސްގޮތަށް. އަޅުގަނޑުމެން ބަހުސްކުރަމުން މިދަނީ މިދިވެހި ދައުލަތަށް މިއަންނަ އަހަރަށް ދިވެހި ހުރިހާ ރައްޔިތުންނަށް އެންމެ ބޮޑު މަސްލަހަތާ ގުޅިފައިވާ ކަންތައް. އެކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީގެ ބަޖެޓެއް އެކުލަވާލާ މިމަޖިލީހަށް ހުށަހެޅުނީމާ އެއަށް ވާދަވެރި ޕާޓީތަކުން ޖަވާބު ދޭންޖެހޭނެ. އެއީ މިރާއްޖޭގެ ސިޔާސީ ނިޒާމަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނީ މިމަޖިލިސްވެސް އަދި އަޅުގަނޑު ޝާމިލްވާ އެހެން ހުރިހާ ކަމެއްވެސް މި ދެންނެވި ނިޒާމުގައި ގެންދެވޭތޯ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިދިޔަ ހަފްތާގައި ހިނގާދިޔަ ޖަލްސާތަކުގައި ވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުންތަކެއްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފަ އެވެ. އެގޮތުން އެއް ދުވަހާ ފަސް މެމްބަރެއްގެ ނަން އިއްވާފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
77%
0%
5%
9%
9%
ކޮމެންޓް