ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 13:48
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ރައްޔިތުންގެ މަޖިލިސް
ބަޖެޓު 2020
އާމްދަނީ ހޯދަން ހުށައަޅާފައިވާ ކަންކަމާއި ގުޅޭ ގާނޫނުތައް އަވަހަށް ފާސްކުރަންޖެހޭ: އޮޑިޓަރ ޖެނެރަލް
 
ސަރުކާރުން ވަނީ އިންކަމް ޓެކްސްގެ ގާނޫނާއި ޑިއުޓީއަށް ބަދަލުތައް ގެންނަން މަޖިލީހަށް ހުށައަޅާފައި
 
ބަޖެޓާ އެކުއެކީގައި އާމްދަނީއާ ގުޅޭ ގާނޫނުތަކުގެ މަސައްކަތް ކުރަން ޖެހޭ
 
ވޭތުވެ ދިޔަ އަހަރުތަކުގައި އާމްދަނީއާ ގުޅޭ ގާނޫނުތައް ފާސްނުވެ ހުރުމުން އަންދާޒާކުރި އަދަދު ލިބިފައެއް ނުވޭ

2020 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވާ ކަންކަމާއި ގުޅޭ ގާނޫނުތައް އަވަހަށް ފާސްކުރަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ޒިޔަތު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ޒިޔަތު ވަނީ އިންކަމް ޓެކްސްގެ ބިލް މަޖިލީހުގެ ތަޅުމުގައި އޮތުމުން އެކަމަށް ސަރުކާރަށް މަރުހަބާ ދަންނަވާކަމަށް ވިދާޅުވެފައެވެ. ޒިޔަތު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިންވެސް، ދައުލަތުގެ ޓެކްސް ނިޒާމް ފުރިހަމަ ވެގެންދާނީ އިންކަމް ޓެކްސް (އާމްދަނީއަށް ލިބޭ ފައިސާއިން ނެގޭ ޓެކްސް) އާއެކު ކަމަށް ލަފާދެއްވާފައިވާނެ ކަމަށެވެ.

މި ބިލާއެކު މުޅި ޓެކްސް ނިޒާމުގައި ހުރި ބާގަނޑުތައް ނެތިގެން ދާނެ ކަމަށް އޭރުވެސް ލަފާދެއްވާފައިވާނެ ކަން ޒިޔަތު ފާހަގަކުރެއްވިއެވެ. އަދި ހަމަ އިންކަމް ޓެކްސް ފަދައިން، އާމްދަނީގެ ގޮތުގައި ބަޖެޓުގައި ޖެހިފައި ހުރި ހުރިހާ ކަމަކާއި ގުޅޭ ގާނޫނުތައް ފާސްވެގެން ދިއުމަކީ، ވަރަށް މުހިންމުކަމެއް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ކުރީގެ އަހަރުތަކަށް ބަލާއިރު އަލަށް އާމްދަނީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންކަމާއި ގުޅޭ ގާނޫނުތައް ވުޖޫދަށް އައިސްފައިވަނީ އަހަރުގެ މެދު ތެރެއިން ކަމަށް ވުމުން، އެކަމުގައި ދައުލަތުން އަންދާޒާކުރި ވަރުގެ އާމްދަނީއެއް ލިބުމުގައި ހުރަސްތަކެއް އެޅިފައިވެއެވެ.

ޒިޔަތު ވިދާޅުވީ، އިންކަމް ޓެކްސް ފަދައިން ޑިއުޓީއަށް ގެންނަން ހުށައަޅާފައިވާ ބަދަލުތަކާއި ގުޅޭ ގާނޫނުތައްވެސް، ބަޖެޓުގެ މަސައްކަތާ އެކުއެކީގައި ކުރެވެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގާނޫނުތައް ވުޖޫދަށް އައުމާ އެކު، ދައުލަތުން އަންދާޒާ ކުރިގޮތަށް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ފައިސާ އާމްދަނީގެ ގޮތުގައި ލިބެމުންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

2020 ވަނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި، އާމްދަނީން ލިބޭ ޓެކްސްގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 705.9 މިލިއަން ރުފިޔާއެވެ. އޭގެތެރޭގައި އިންކަމް ޓެކްސްއާއި ވިތްހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ޓެކްސް ހިމެނެއެވެ. އަދި ޑިއުޓީ އާއި ކަސްޓަމްސްއާ ގުޅުންހުރި ފީތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން 558.2 މިލިއަން ރުފިޔާއެވެ.

އިންކަމް ޓެކްސްއާ ގުޅޭ ގާނޫނު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައެވެ. މިހާރު ކުރިއަށް ދަނީ އެ ބިލުގެ ބަހުސް މަރުހަލާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް