ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 19:46
ރައީސް ޔާމިންގެ ބަސްތައް އިޝާރާތްކުރެއްވި ބައެއް މެމްބަރުން
ރައީސް ޔާމިންގެ ބަސްތައް އިޝާރާތްކުރެއްވި ބައެއް މެމްބަރުން
ޓްވިޓަރ
މަގޭ ރިޕޯޓް
ރައީސް ޔާމީނެވެ. ވަފާތެރިކަމަކީ ސިޔާސީން ދަންނަ ކަމެއް ނޫން!
 
މަޖިލިސް އިންތިހާބުން ނާކާމިޔާބުވީ ފަހުން ރައީސް ޔާމިންގެ އަރިސް ބޭފުޅުންތަކެއް ވަނީ "އޮޑިން ފުންމާލާފައި"
 
ސިޔާސީ ފަރާތްތައް ޕާޓީ ބަދަލުކޮށް މުޅި ފިކުރުއެއްކޮށް ބަދަލުކުރުމަކީ ދިވެހިން ފަރިތަ ކަމެއް

ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ، އެމަނިކުފާނު ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެ އޮޑިން ފުއްމާލި ބަޔަކަށް ދެން އަލުން އޮޑިއަށް އެރުމުގެ ފުރުސަތު ނެތް ވާހަކައެވެ. ސީދާ ބައެއްގެ ނަންތައް ހާމަނުކުރެއްވި ނަމަވެސް، މިއީ ކޮން ބައެއްކަން ސިޔާސީ މަޝްރަހަށް ކިރިޔާވެސް ލޯ ހުޅުވިފައިވާ ބައެއް ނަމަ އިނގޭނެކަން ކަށަވަރެވެ.

ރައީސް ޔާމީން އިޝާރާތްކުރެއްވީ، އެމަނިކުފާނާ އަރިސް ބޭފުޅުންތަކެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މަޖިލިސް މެމްބަރުންނާއި، ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ވާހަކަކަމާއި މެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތެވެ. ވެރިކަން ބަދަލުވީތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެތަނުން އެއް ބަޔަކު ވަނީ އެއްކޮށްހެން އެމަނިކުފާނު އެ އިޝާރާތްކުރެއްވި ޕޯޑިއަމްތަކުން ގެއްލިވަޑައިގެންފައެވެ. ޕާޓީއާ ފެޔަށް ޖެހިވަޑައިގެން، ވެރިކަމުގައި ތިއްބެވި އިރު ރެޔާއި ދުވާލު ދިފާއުކުރެއްވި ފިކުރު ދޫކޮށް ވަޑައިގަންނަވާފައެވެ.

މި ވާހަކަތައް ތިލަވުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގެ އެކި މަސްދަރުތަކުގައި ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު، ތިއީ މަނިކުފާނު ޖަޒުބާތުގައި ޖެހިވަޑައިގެން ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް އެއް ބަޔަކު ބުނާއިރު، އަނެއް ބަޔަކު ބުނަނީ ތިޔައީ މަނިކުފާނު ފަސްމަންޒަރުގައި ހުންނަވައިގެން އެ ބަޔަކު ލައްވާ ކުރުވާ ކަމެއް ކަމަށެވެ. ކޮންމެއަކަސް މި ލިޔުމުގައި އިޝާރާތް ކުރަން މި މަސައްކަތް ކުރަނީ އެކަމަކަށް ނޫނެވެ.

މި ރާއްޖޭގައި ސިޔާސީ ވަފާތެރިކަމަކީ އެއްވެސް ބަޔަކު ދަންނަ ކަމެއް ނޫންކަން ރައީސް ޔާމީންއަށާއި މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އެންމެންނަށް ރަނގަޅަށް އިނގޭނެއެވެ. އެއް ބަޔަކު ޖަރޒީ ބަދަލުކޮށްކޮށް މިހާރު އެ ޖަރޒީގައި ހުރީ ކޮން ބެޖެއްކަން ބަޔަކު ހަނދާން ނެތޭ ވަރަށް އެކަންވެސް ކޮށްފިއެވެ. ކުލަ ބަދަލުކޮށްކޮށް ފަރުމަތީ ބޯވައަކާ ނުބައްދަލު ވަރަށް ކުލަވެސް ބަދަލުކޮށްފިއެވެ.

ސިޔާސީ ހަތުރުން މިތުރުންނަށް ވާން މާގިނަ އިރުތަކެއް ނުވާއިރު، މައާފު ކުރުމުގައިވެސް މިރާއްޖޭގައި ތިބި ސިޔާސީ މީހުން ވަރުގެ ބަޔަކު ނުތިބޭނެއެވެ. ފަހަރުގައި އެބޭފުޅުން ހިތުގައި ހަމަ ޖާގަ އެހާ ތަނަވަހީ ކަމަށްވެސް ވެދާނެއެވެ. ދަރިންނާއި އަނބިން ހައްޔަރުކުރިޔަސް އެއްބަޔަކަށް މައާފު ކުރާކަށް ކުޑަވެސް ކަމަކަށް ނުވެއެވެ. ހިތުހުރިހާ އެއްޗެއް މުޅި ޚާންދާނާއި ދިމާލަށް ގޮވާ ބަޔަކު ކޮނޑަށް އަތް ލައިގެން އަނެއް ދުވަހު ފެނުމަކީ މިރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ފުށުން ތާއަބަދުމެ ފެންނަ މަންޒަރެކެވެ.

ރައީސް ޔާމިނެވެ. ތިއޮޑިއަށްވެސް އަރުވާނެއެވެ. ތިޔަ ޕޯޑިއަމްއިން ދެންވެސް ފެންނާނެއެވެ. މާޒީން އިބުރަތެއް ނުވަތަ ފިލާވަޅެއް ލިބިގަންނަން ބޭނުންވާ ކަމުގައިވަނީނަމަ ރަނގަޅުވާނީ ތިޔަހެން ވިދާޅުނުވީއާއެވެ. މަނިކުފާނު އަރިހުގައި ތިއްބެވި ބަޔަކު މިއަދު ނެތަސް، މާދަމާ ނުފެންނާނެއެކޭ އަޅުގަނޑަކަށް ބުނާކަށް ހަމަ ލާހިކަކެރި ކުޅަދާނައެއް ނޫނެވެ. އެހެނީ، މިރާއްޖޭގައި ގިނައީ ވައިޖެހޭ ކޮޅަކަށް ދުއްވާ އޮޑިތަކާއި، ފެންއޮތް ތަނަކަށް ދާ މަސްކަން ދިވެހިން ވަރަށް ރަނގަޅަށް ދަނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
33%
0%
50%
0%
ކޮމެންޓް