ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ރިޕޯޓު - ރިޕޯޓު

ޔާމީނު ސަރުކާރާއި ސޯލިހު ސަރުކާރުގެ ތަފާތު: ޔައުގޫބްގެ ދުލުން

  • މަޤާމުން ވަކި ކުރުމަށް ގެންގުޅޭ އުޞޫލުތަކުގެ ތަފާތު ފާހަގަ ކުރެއްވި
  • ޔާމީނުގެ މައްސަލަ ބެލެނީ މަނީ ލޯންޑްރިންގްގެ ތުހުމަތު ކުރެވޭތީ ކަމަށާއި ކޮންމެހެން ސިޔާސީ ޅީޑަރުން ޖަލަށް ލާކަށް ނޫން ކަމަށް ވިދާޅުވި
  • މި އަހަރު ކުރެވޭ އެންމެ ތަފާތު ކަމަކީ ލާމަރުކަޒު ކުރުން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 16:39 2,240

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން - އެޑިޝަން.އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރާއި ހާސްބައި ތަފާތޭ ކިޔާ އަޑުވެސް އަހަމުއެވެ. އެއްވެސް ތަފާތެއް ނެތޭ، އެއްވެސް ބަދަލެއް ނުފެނެއޭ ކިޔާ އަޑުވެސް އަހައެވެ. ގިނަ ބަޔަކު ދަނީ ކުރީ ސަރުކާރާއި މި ސަރުކާރުގެ ތަފާތަކީ ކޮބާތޯ ސުވާލު އުފައްދަމުންނެވެ. މިފަހަރު މި ސުވާލަށް ޖަވާބު ދެއްވީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރާއި މި ސަރުކާރާއި އޮތް ތަފާތުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ފަނޑިޔާރުން މަގާމުން ވަކި ކުރުމާއި ސަސްޕެންޑް ކުރުމުގައި ގެންގުޅުނު ނުވަތަ ގެންގުޅޭ އުސޫލްތަކުގެ ތަފާތެވެ. ޔައުގޫބް ވިދާޅުވީ ހުކުމުގެ ކުރިން ފަނޑިޔާރު ބަދަލުވުމަކީ އިއްތިފާގެއް ކަމަށާއި ނަމަވެސް ކުރިން ފަނޑިޔާރުން ބަދަލު ކުރީ އެއްވެސް އިޖުރާއަތަކާއި އުސޫލަކާއި އެއްގޮތަކަށް ނޫން ކަމަށެވެ.

" ތަފާތު ކަމަކީ މީގެ ކުރީގައި ފަނޑިޔާރުން ބަދަލު ކުރަނީ އެއްވެސް އުސޫލެއް، އެއްވެސް އިޖުރާއަތެއް ފޮލޯ ކުރުމުގެ ބަދަލުގައި، ހަމަ ހިތައް އެރިއްޔާ ބަދަލުކޮށްލަނީ. ނޫނީ ވަކި މީހަކަށް ހުކުމް ނުކޮށްފާނެ ހެން ހީވީމަވެސް ބަދަލުކޮށްލަނީ."

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

އެގޮތުން ދާދިފަހުން ފެންމަތިވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްގެ މައްސަލައަށް އަލިއަޅުއްވާލައްވާ މެމްބަރު ވިދާޅުވީ ގާޒީ ހައިލަމް ސަސްޕެންޑް ކުރެވުނީ އުސޫލުތަކާއި އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުވެނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް އޮތް ދުވަހެވެ. އެ ދުވަހު ވަނީ ގާޒީ ހައިލަމް ސަސްޕެންޑް ކުރެވުމާއި ގުޅިގެން ހުކުމް އިއްވުމުގެ ޝަރީއަތް ފަސްކޮށްފައެވެ. ގާޒީ ހައިލަމް ވަނީ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ.

މި ކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ ސަސްޕެންޑް ކުރުމާއި ރައީސް ޔާމީންގެ ހުކުމަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"މިސާލަކަށް އޭގެ ކުރީ ދުވަހު ވަކި ގޮތަކަށް ވަކި ކަމެއް، ވަކި ސިޔާސީ ޕޯސްޓެއް ކޮންމެވެސް ގްރޫޕަކަށް ލާފަ އޭގެ އަނެއް ދުވަހު ހުކުމް ކުރަނީ. އެހިސާބުން ގައިމުވެސް ކޮންމެވެސް އެއްބަޔަކު ފަނޑިޔާރާއި މެދު ސުވާލު އުފައްދާނެ. އެހެންމަ ފަނޑިޔާރެއްގެ ކިބައިގައި އޮންނަން ޖެހޭ އުސޫލެއް ނޫނީ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމެއް ނޫން އެކަހަލަ ކަންކަމަކީ. އެހެންނޫންނަމަ އަޅުގަނޑަށް ހީވަނީ މިއޮއްހާ ދުވަހު އެ މައްސަލަ ފަހު ދުވަހާއި ހަމައަށް ވެސް ހަމަ އެ ފަނޑިޔާރު ބަލަމުންދާނީ. އެއީ ކަނޑައެޅިގެން ކާކު ކަންވެސް އެންމެނަށް އެބަ އިނގޭ. އެއީ ކޮން ވެރިކަމެއްގެ ކާކުގެ އިންސްޓްރަކްޝަނާއި އެކު އައްޔަނު ކުރި ބޭފުޅެއް ކަންވެސް އިނގޭ. އެ ހުރިހާ ކަމަކާއި އެއްކޮށްވެސް އަޅުގަނޑުމެންނަށް މިހުރިހާ ބާރުތަކާއިއެއްކޮށް މިތިބީ ތާ ދޫކޮށްލާފަ. އޭގެ މާނައަކީ އަޅުގަނޑުމެން އަދި އަޅުގަނޑުމެން ހިންހަމަ ނުޖެހޭ ބަޔެކޭ ކިޔާފަ އެއްވެސް އުސޫލެއް ނެތި އުސޫލުން ބޭރުން މީސްމީހުންނާއި މެދު ފިޔަވަޅު އަޅާ ބައެއް ނޫނޭ އެމްޑީޕީއަކީ. އެހެންވީމާ އަޅުގަނޑުމެން އެގޮތަށް ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް އެދުވަހާއި ހަމަޔަށް ނެތް. އެކަމު ސަބަބު އައިސް ޖެހުނީމަ ދެން ޖެހޭނީ ފިޔަވަޅު އަޅަން. އެހެންވީމާ މިއީ މިދިޔަ ސަރުކާރުގައި ފަނޑިޔާރުންނާއި މެދު އެޅި ފިޔަވަޅާއި މި ސަރުކާރުގައި އެޅި ފިޔަވަޅާއި ހާސް ހަމަ ތަފާތު. މިއީ މުޅިން ހަމަ ދެކަމެއް. އެކަމަކު ސިޔާސީ ގޮތުން އެބޭފުޅުން ނަގަން ބޭނުންވާ ގޮތަކަށް ނެގިދާނެ. "

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ލީޑަރުން ޖަލަށް ލި މައްސަލަ އަށް އަލިއަޅުވާލަމުން ޔައުގޫބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބަލަމުންގެންދަނީ މަނީ ލޯންޑްރިންގް އާއި ކޮރަޕްޝަގެ ތުހުމަތުތަކެއް ކުރެވޭތީ ކަމަށެވެ. ކުރިން ކަންތައްތައް ކުރި ގޮތަށް ކަންތައްތައް ކުރާނަމަ މިހާރު ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކުރި ބޭފުޅެއް ކަމުގައި ވިޔަސް އަދި ވަޒީރު ބޭފުޅެއް ކަމުގައި ވިޔަސް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ވިޔަސް އެ ދޭން ޖެހޭ އަދަބެއް ދޭން ޖެހޭނެ. ގާނޫނުގެ ކުރިމަތީގައި އެއްވެސް ބޭފުޅަކީ ތަފާތު ވެގެނެއް ނުވާނެ. ހަމަ ދިވެހި ހުރިހާ ރައްޔިތުންއެއީ ހަމަ ހަމަ ބޭފުޅުން. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައވަކި ކުރި ކުށެއް ކޮއްފިޔާމުން، އަދަބު ލިބެން ޖެހޭނެ. އޭގެ މާނައަކީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން ޖަލަށް ލުން، އެކަން ތަކުރާރު ކުރެވުމެއް ނޫން. މި ސަރުކާރުން އެކަމެއް ނުކުރާނެ. މިހާރުވެސް އެހުންނެވީއެއްނޫންތޯ؟ ޖަލުގައެއް ނޫނެއްނޫންތޯ ހުންނެވީ؟ ހަމަ އަމިއްލަ މިނިވަންކަމާއި ގޭގަތާ އެހުންނެވީ. ކުރީ ސަރުކާރުގައި ކިހާ ދުވަހަކަށްތޯ އެއްވެސް ހުކުމަކާއި ނުލާ ކިތައް މީހުންތޯ ޖަލުގައި އޮތީ؟ އެހެންވީމާ އެކަހަލަ ކަމެއް މި ސަރުކާރަކުން ނުވެސް ކުރާނެ، ނުވެސް ވާނެ، ެ، އަޅުގަނޑުމެން މަޖިލީހުންވެސް އެކަންކަން ވިޔަ ނުދޭނަން، އެކަންކަން ބަލަން ވެސް ބަލާނަން. އެހެންވީމާ މިހާރު ރައީސް ޔާމީނުގެ ޝަރީއަތާއި އޭގެ ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުން ޖަލަށް ލެއްވި، ނުވަތަ ސިޔާސީ ބޭފުޅުން ޖަލަށް ލުމާއި މިއާއި އެއްވެސް ވަރަކަށް ގުޅުމެއް އޮތް އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ސަރުކާރަށް އެއް އަހަރު މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ފުރޭއިރު، ޔައުގޫބް ވިދާޅުވީ މި އެއްއަހަރު ތެރޭގައި މި ސަރުކާރަށް ކުރެވުނު އެންމެ ތަފާތު ކަމަކީ ރާއްޖެ ލާމަރުކަޒި ކުރުން ކަމަށެވެ.

އެންމެ ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް ކުރެވުނު ކަމަކީ ރައްޔިތުންނަށް ޚީޔާލު ފާޅު ކުރުމުގެ މިނިވަން ކަން ދިނުން، އިސްލާމްދީނާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެބަޔަކު ބޭނުންވާ ފުޅާ މިނެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން، ފުރިހަމަ މިނިވަންކަން އަޅުގަނޑުމެން، މިސަރުކާރުން މި ވަނީ ދީފަ. އެހެންމަ އެއީ އެންމެ ބޮޑު ތަފާތަކަށް ވާ އެއްކަންތައް. ދެން މިހާރު އެއްއަހަރު ދުވަސް ވެގެންދާއިރު މީގެ އިތުރަށް ދެން އިރާދަކުރެއްވިޔާމުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމިގެންދާނޭ ލާމަރުކަޒީ ގާނޫނު ފާސްވެގެންދާނެ. އެ ހިސާބުން، އެއީ މިއިން ޒަމާނެއްގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ބާރުވެރި ނުވެވޭވަރަށް ބާރުވެރިވެގެން ދާނެ. ހަމަ އެކަނި އިދާރީ ގޮތުން އެކަންޏެއް ނޫން, ފައިސާގެ ގޮތުންވެސް، ހުރިހާ ގޮތަކުންވެސް ބާރުވެރިވެގެންދާނެ. މިއީ އަދި އަޅުގަނޑުމެން ގަނޑެއްގައި ލިޔެފަ ނިންމާލިޔަސް އޭގެ ބާރުވެރިކަން ހަގީގަތުގައިވެސް ދިވެހި ރައްޔިތަކަށް އިހުސާސެއް ނުކުރެވޭނެ. އެކަން ތަންފީޒު ވެގެންދާ ހިސާބުން އަޅުގަނޑުމެންނަށް އިނގޭނެ ކިހާ ބާރެއްކަން އަޅުގަނޑުމެންނަށް މި ލިބުނީ. ކުރީގެ ސަރުކާރުގައި ހުރިހާ ބާރެއް ހިފަހައްޓާފައި އޮންނަ އޮތުން އެކީއެކަށް ބަދަލު ވެގެން މިދަނީ. އެހެންމަ ހަގީގަތުގައި ކޮންމެ ބަޔަކަށް ކުރަން ކެރޭނެ ކަމެއް ނޫން. ކުރަން ބޭނުންވާނޭވެސް ކަމެއް ނޫން.

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ކޮންމެއަކަސް ކުރީ ސަރުކާރާއި މި ސަރުކާރުގެ ތަފާތަކީ ކޮބާތޯ ސުވާލު އުފައްދަމުން ދާ ފަރާތްތަކަށް ވަރުގަދަ ޖަވާބެއް މިވަނީ ޖަވާބެއް ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް