ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 09:34
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓް
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް
 
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ޢައުލަބިއްޔަތުން
 
ޖޭއެސްސީން ދަނީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ އިތުރު މައްސަލަތަކެއްވެސް ބަލަމުން
 
ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމަށްފަހު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވާ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ފޮނުވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުއްވެވުމަށް ފަހު ގޮތެއް ނިންމާ، މި ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ ނިމޭނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ކޮމެޓީއިން އެ މައްސަލަ ބެލުމަށްފަހު ހޯމަ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމިދޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެގޮތަށް ނިންމުމަށްފަހުގައެވެ.

ޖޭއެސްސީން ބުނީ، ރާއްޖޭގެ ގާނޫނޫ އަސާސީގެ 154 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް އެ ދެ ފަނޑިޔާރުންގެ ކިބައިން ފެނިފައިވާތީ ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

ޖޭއެސްސީން ދަނީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ އިތުރު މައްސަލަތަކެއްވެސް ބަލަމުންނެވެ. ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަ ތަކުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ދަނީ ތަކުރާރުކޮށް ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ. ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް