ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 08:18
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ރައްޔިތުންގެ މަޖިލިސް
އޮޑިޓަރ ޖެނެރަލް
ދައުލަތުގެ ހަރަދު ކޮންޓްރޯލް ކުރަން ޖެހޭ: ޒިޔަތު
 
ޕީއެސްއައިޕީ ތަކަށް 10.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
 
ހަަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުންދާކަން ފާހަގަކުރެއްވި
 
ޕީއެސްްއައިޕީ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން ބެލުން މުހިއްމު ކަމަށް ވިދާޅުވި

ދައުލަތުގެ އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ ހަރަދު ބޮޑުވާ ކަމަށާއި، ހަރަދު ކޮންޓްރޯލް ކުރުން މުހިއްމު ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި މިހާރު ލިބޭ އާމްދަނީއިން ދައުލަތުގެ ހަރަދުތައް މެނޭޖް ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިވާއިރު، ބަޖެޓްގެ ޑެފިސިޓަށް ''އެޓެންޑް'' ކުރާއިރު އެއީ ރަނގަޅު ސިގްނަލެއް ކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުވާ ނިސްބަތަށް ވުރެ ހަރަދު ބޮޑުވާ ނިސްބަތް ބޮޑު ކަމަށާއި، އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ފާހަގަކުރެވޭ ދައުލަތުގެ ހަރަދުތައް އެއް ހިފެހެއްޓުމެއްގައި ނޫނީ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ މެޝާސް ތަކެއް މުހިއްމު ކަމަށް
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އެއް ހޭދަކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ހަމަޖެހިފައިވާ 1.6 ބިލިއަން ރުފިޔާ ހިމެނޭއެވެ.

ކޮމިޓީ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކުރީ އަހަރަށްވުރެ މި އަހަރު ގިނަކަން ފާހަގަކުރައްވާފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަކަށް 10.1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ޒިޔަތު ވިދާޅުވީ ގޮތުގައި، ޕީއެސްއައިޕީ ގައި ހިމަނާފައިވާ ގިނަ ޕްރޮޖެކްޓް ތަކެއް އެއް ފަހަރާ ހިންގިދާނެ ކަމުގެ ގާބިލުކަން ޔަގީން ކުރަން ޖެހެއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ރިއާޔަތްކުރައްވާ ޒިޔަތު ވިދާޅުވީ، ބަޖެޓުގައި ހިމަނާފައި އޮތަސް އެ މަޝްރޫއުތައް ހިންގިފައިނުވާ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު 517 މަޝްރޫއެއް ހިމަނާފައިވާއިރު އޭގެ ތެރެއިން ހިންގިފައިވަނީ 427 މަޝްރޫއެވެ. އަދި 2017 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ 707 މަޝްރޫއުގެ ތެރެއިން ހިންގިފައިވަނީ 540 މަޝްރޫއެވެ. ދައުލަތުން 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޖުމްލަ 858 މަޝްރޫއަކަށް ފައިސާ ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން ނިމިފައިވާ 59 މަޝްރޫއަކަށް ރިޓެންޝަންގެ ގޮތުގައި ދޭން ޖެހޭ ފައިސާވެސް ހިމަނާފައިވެއެވެ.

ބަޖެޓުގައިވާ މަޝްރޫއުތައް ހިންގުމުގެ ގާބިލިއްޔަތު ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުރިކަން ކަށަވަރު ކުރަންޖެހޭ ސަބަބު ބަޔާންކުރައްވަމުން ޒިޔަތު ވިދާޅުވީ، މީގެ ކުރިން ޕީއެސްއައިޕީ މަޝްރޫއުތައް ރަނގަޅަށް މެނޭޖްނުކުރެވުމުގެ ސަބަބުން ދައުލަތުން ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެއީ ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގައި ލަސްވުމުގެ ސަބަބުން ދިމާވި ހާލަތެއްކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

2020 ވަނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައިވެސް ހުށައަޅާފައިވާ އެންމެ ބޮޑު ބަޖެޓެވެ. އެގޮތުން ޖުމްލަ ބަޖެޓުގެ ގޮތުގައި ލަފާކުރާ އަދަދަކީ 37.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 22.3 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި އެހެނިހެން ކެޕިޓަލްއަށް 5.1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް