ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 15:38
ސެގާޓް (ކ) އަކްރަމް(ވ)
ސެގާޓް (ކ) އަކްރަމް(ވ)
ޔޫސުފް ސޮފްވާން ރަޝީދު
ވޯލްޑްކަޕް ކޮލިފިކޭޝަން
މެޗަށް ނިކުންނައިރު ޕްރެޝާ އޮތުމަކީ މައްސަލައެއް ނޫން: ސެގާޓް
 
ފިލިޕީންސް އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު ހަވީރު 04:00

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ފިލިޕީންސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ރާއްޖޭގެ ޓީމަށް ޕްރެޝާ އޮތުމަކީ މައްސަލައެއް ނޫން ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސެގާޓް ބުނީ މި މެޗަށް ނިކުންނައިރު ރާއްޖެ ޓީމު އޮތީ ޕްރެޝާގައި ކަމަށާއި އެހެންނަމަވެސް މި މެޗަށް ރާއްޖެއިން ނިކުންނައިރު ޕްރެޝާ އޮތުމަކީ މައްސަލައެއްކަމަށް އޭނާ ނުދެކޭ ކަމަށެވެ. ކުރިންވެސް ޕްރެޝާ މެޗުތައް ރާއްޖެއިން ކުޅެފައިވާކަން ފާހަގަ ކުރަމުން ސެގާޓް ބުނީ ސާފް ސުޒުކީ ކަޕް ރާއްޖެއިން ކާމިޔާބުކުރީ ޕްރެޝާގައި އޮވެގެން ކަމަށާއި އެހެން ކަމުން ރާއްޖެ އަކީ ޕްރެޝާ ހެންޑަލް ކުރަން އިނގޭ ޓީމެއް ކަމަށެވެ.

މީގެ އިތުރުން ސެގާޓް ބުނީ މެލޭޝިއާގައި ކުރި ކޭމްޕާއި އެކު މި މެޗަށް ރާއްޖެ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ. ސެގާޓް ވަނީ މި މެޗަށް ރާއްޖެއިން ނިކުންނައިރު ރާއްޖޭގެ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި ކޮންމެ ކުޅުންތެރިޔެއްގެ ޒިންމާ އޮތީ އެއްވަރަކަށް ކަމަށް ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނީ މި މެޗަށް ރާއްޖެއިން ނިކުންނަނީ މި ފަހުގެ ތާރީހުގައި ފިލިޕީންސް އަތުން ރާއްޖެއަށް ކުރި ހޯދިފައިނުވެ އޮތް އޮތުން ބަދަލުކުރުމަށް ކަމަށާއި ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއް ވެސް މި މެޗަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

ފިލިޕީންސް އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު ހަވީރު 04:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް