ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 15:37
ރައީސް ސޯލިހުއާ ޖޯޒީ ހަވާލުކުރުން
ރައީސް ސޯލިހުއާ ޖޯޒީ ހަވާލުކުރުން
އެފްއޭއެމް
ގައުމީ ޓީމުގެ ޖޯޒީ
ގައުމީ ޓީމުގެ ޖޯޒީއެއް ރައީސަށް ހަދިޔާކުރައްވައިފި
 
ރައީސަށް ޖޯޒީ ހަދިޔާކުރެއްވީ ގައުމީ ޓީމުގެ ކޮމިޓީގެ ފަރާތުން

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕިންސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ ޖޯޒީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފިއެވެ.

ރައީސަށް ޖޯޒީ ހަދިޔާކުރެއްވީ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއެވެ. ޖޯޒީގެ އިތުރުން ރައީސް ސޯލިހަށް ވަނީ ގައުމީ ޓީމުގެ ކޮމިޓީގެ އިސްނެގުމާއެކު ނެރުނު ހާއްސަ ސަޕްލިމެންޓްވެސް ހަދިޔާކޮށްފައެވެ.

ގައުމީ ޓީމަށް ގެއްލިފައި އޮތް ސަޕޯޓު ހޯދުމަށް ގައުމީ ޓީމު ކޮމިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮލިފައިންގައި ފިލިޕިންސް އަދި ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އިސްތިހާރު ކޮށް، ސަޕޯޓަރުން ވެއްދުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ފިލިޕިންސާ ދެކޮޅަށް ބުރާސްފަތި ދުވަހު ރާއްޖެ ނިކުންނައިރު، މެޗު ބައްލަވާލެއްވުމަށް ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށްވެސް ވަނީ ގައުމީ ޓީމުގެ ކޮމިޓީގެ ފަރާތުން ދައުވަތު ދީފައެވެ. އެގޮތުން ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުންނަށް ހާއްސަ ސްޓޭންޑެއް ވަނީ ކަނޑައަޅާފައެވެ.

ފިލިޕިންސް އަދި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ޖަހާއިރެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް