ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 00:05
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޔޫސުފް ސޮފްވާން ރަޝީދު
ބީއެމްއެލް ބިޒްނަސް ސެންޓަރ ހުޅުވުން
އަންނަ އަހަރު އިންސޮލްވެންސީ އާއި ބެންކްރަޕްސީ ގާނޫނެއް މަޖިލީހަށް ހުށަހަޅަނީ
 
މި ސަރުކާރުގެ އަމާޒަކީ އަދުލުވެރި އިންސާފުވެރި ހިތްހެޔޮ ވެރިކަމެއް ކުރުން
 
ގާއިމުކުރެވިގެންދިޔަ އައު ހިދްމަތްތަކާއެކު ހެޔޮ ބަދަުތަކެއް ގައުމުގެ އިގްތިސާދަށް އަންނާނެ
 
މީގެ ސަބަބުން ޒަމާންވީ ދުވަސްވީ މައްސަލަތައް ކޮންމެސް ކޮޅެއްގައި ޖެހި ހައްލެއް ލިބިގެންދާނެ

ދުވަސްވީ މާލީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި މި ފެށޭ އަހަރުގެ ކުރީ ކޮޅުގައި އިންސޯލްވެންސީ އެކްޓަކާއި ބޭންކްރަޕްސީ އެކްޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ މާލޭގައި ހުޅުވި އައު ބިޒްނަސް ސެންޓަރު ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވަނީ މީގެ އަހަރުތަކެއް ކުރިން ބޭންކް އޮފް މޯލްޑިވިސްގައި ވަޒީފާ އަދާކުރެއްވި އިރު ކުރެއްވި ތަޖުރިބާތަކާއި ދިމާވި ބައެއް ތަކުލީފުތައް ހިއްސާކޮށްފައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، ރަހުނު ވިއްކާނުލެވި ދިގުދެމިގެންގޮސް ބޭންކުންވެސް މޯގޭޖް ކުރާ ފަރާތުންވެސް އަދި ގެރެންޓަރ ވެސް ވަރަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭކަމަށާއި އަންނަ އަހަރު ހުށަހެޅުމަށް ނިންމާފައިވާ ގާނޫނުތަކުގެ ސަބަބުން ޒަމާންވީ ދުވަސްވީ މައްސަލަތައް ކޮންމެސް ކޮޅެއްގައި ޖެހި ހައްލެއް ލިބިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން، ލޯން ނެގި ފަރާތަށްވެސް އިންވެސްޓަރަށްވެސް އަދި ލޯނު ނުދެއްކިގެން އުޅޭ ފަރާތްތަކާއި ގައުމީ ބޭންކަށްވެސް ޔަގީންކަމެއް ލިބިގެން ދާނެކަމަށެވެ.

އަޅުގަނޑު މީގެ 15 ވަރަަކަށް އަހަރު ކުރިން ބޭންކް އޮފް މޯލްޑިވިސްގެ ލޯޔަރެއްގެ ހައިސިއްޔަތުންވެސް ދެތިން އަހަރަކު މަސައްކަތްކުރިން. އެހެންމަ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ދެފަރާތަށްވެސް ހުރި ގޮންޖެހުންތައް. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުގައި އިންސޯލްވެންސީ އެކްޓަކާއި ބޭންކްރަޕްޓްސީ އެކްޓެއް މަޖިލީހަށް ހުށަހަޅާނަން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެންނެވި ކަހަލަ ޒަމާންވީ ދުވަސްވީ ކަންކަމަށް ހައްލެއް ލިބިގެންދާނެ. ކޮންމެސް ކޮޅެއްގައި ޖެހި އެކަން ނިމިގެންދާނެ. އެކަންތައްތަކަށް ފަސޭހަވެގެންދާނެ. ލޯނު ނެގި ފަރާތަށްވެސް ލޯނު ނުދެއްކިގެން އުޅުނު ފަރާތަށްވެސް އަދި ބޭންކަށްވެސް އަދި އިންވެސްޓަރުންނަށްވެސް އޭގެ ފަރާތުން ޔަގީންކަމާއި ކޮންފިޑެންސް އިތުރުވެގެންދާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތް.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މި ސަރުކާރުގެ އަމާޒަކީ އަދުލުވެރި އިންސާފުވެރި ހިތްހެޔޮ ވެރިކަމެއް ކުރުންކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ސޭފްޓީ ނެޓެއް ގާއިމުކުރަން ބޭނުންވާކަމަށާއި ދިވެހި ރައްޔިތަކަށް ގެއްލުންވާ ދަނޑިވަޅެއްގައި މަޑުން ތިބޭނެ ބަޔަކަށް މި ސަރުކާރު ވެގެން ނުދާނެކަމަށެވެ. އަމިއްލަފުޅު ހިޔާލު ހިއްސާކުރައްވައި މިނިސްޓަރ ވިދާޅުވީ، ވިޔަފާރިތަކަށް އުނދަގުލާއި ދައްޗާއި ގެއްލުން ލިބޭ ހާލަތްތަކުގައި ސޭފްޓީ ނެޓެއް ގާއިމުކުރުމަށް މިނިސްޓްރީގެ ތެރެއިން ކުރެވޭނެ ކަންތައްތަކެއް ހޯދައި ބެލުމަށް އެދިފައިވާނެކަމަށެވެ.

ވާހަކަފުޅު ނިންމާލުމުންވެސް މިނިސްޓަރ ފައްޔާޒް ވަނީ، މި ގާއިމުކުރެވިގެންދިޔަ އައު ހިދްމަތްތަކާއެކު ހެޔޮ ބަދަލުތަކެއް ގައުމުގެ އިގްތިސާދަށް ގެނެވި ދިވެހި އެންމެހައި ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ މި ސަރުކާރުން އިގްތިސާދު ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ މާހައުލަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށް ގާނޫނުތަކަށް ބަދަލު ގެނެސްގެންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަށް ނައްތާލައިގެންނާއި ޕޮލިސީ އިސްލާހުކުރެވިގެންވެސް ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
13 ނޮވެންބަރ 2019 | ބުދަ 12:20
ޢެދުރު ހަސަން
ސާބަހޭ ފައްޔާޒު.